ހަބަރު

ފިޔަވަޅު އަޅާނެ ކަމަށް ބުނެ އެމެެރިކާއިން ނެރުނު ބަޔާނަށް މައުމޫން ތާއީދު ކުރައްވައިފި

މިނިވަން އިންސާފުވެރި އިންތިހާބަކަށް ނުވެއްޖެ ނަމަ އަދި ޑިމޮކްރަސީގެ މަގަށް ރާއްޖެ ރުޖޫއަ ނުވާ ނަމަ، ރާއްޖޭގެ ވެރިންނަށް ފިޔަވަޅު އަޅަން ޖެހިދާނެ ކަމަށް ބުނެ އެމެރިކާއިން ނެރުނު ބަޔާނަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ތާއީދު ކުރައްވައިފި އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރާއްޖޭގެ ޑިމޮކްރަސީގެ ހާލަތު އިތުރަށް ދައްވަމުން އަންނާތީ އެކަމާ ކަންބޮޑުވާ ކަމަށާއިމުއައްސަސާތައް ނުފޫޒުން މިނިވަންކޮށް ދެ ފުއްފެންނަ އިންސާފުވެރި އިންތިހާބެއް މިހާރުވެސް އިއުލާން ކޮށްފައިވާ ތާރީހު ކަމަށްވާ، 23 ސެޕްޓެމްބަރުގައި ބޭއްވުުމަކީ ރާއްޖޭގެ މުސްތަގުބަލަށް ކޮންމެހެން މުހިންމު ކަމެއް ކަމަށެވެ.

ރާއްޖޭގެ ޑިމޮކްރަސީއަށް ހުރަސްއަޅައި، ގާނޫނީ ވެރިކަމެއް ހިންގުމަށް ދަތިކޮށް އަދި މިނިވަން އިންސާފުވެރި އިންތިހާބަކަށް ހުރަސް އަޅާ ރާއްޖޭގެ ވަކި ވަކި ފަރުދުންނާއި ދެކޮޅަށް އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް އެމެރިކާ އިން ބުންޏެވެ.

އެކަމާ ގުޅިގެން ރައީސް މައުމޫންގެ އިސްލާހީ މަސައްކަތްތައް ކުރައްވާ، އެމްއާރްއެމް އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައި ވަނީ ރިޔާސީ އިންތިހާބު ގާތްވަމުންދާ އިރު ރާއްޖޭގެ ސިޔާސީ ހާލަތު އިތުރަށް ގޯސްވެފައިވާ މައްސަލައާ މެދު އެމެރިކާއިން ކަންބޮޑުވުން ފާޅު ކުރީތީ ޝުކުރު ދަންނަވާ ކަމަށެވެ.

ސިޔާސީ ކުށްވެރިންތަކެއް ހައްޔަރު ކުރުމާއި މަޖިލީހާއި ކޯޓުތައް އެކަށީގެންވާ ގޮތެއްގައި ހިންގުމަށް ހުރަސް އަޅާ މައްސަލާގައި ތަކުރާރުކޮށް ކަންބޮޑުވުން ފާޅު ކުރަމުން އަންނަ ކަމަށާއި އެމެރިކާ އިން ވެސް ބުނަމުން އަންނަ ގޮތަށް 1 ފެބްރުއަރީގެ އަމުރު ތަންފީޒު ކުރުމަށް ގޮވާލަމުން އަންނަ ކަމަށް އެމްއާރްއެމްއިން ބުންޏެވެ. އެހެންކަމުން އެކަންކަން ކުރުމަށާއި ރިޔާސީ އިންތިހާބު އޮޅުވާލަން މަސައްކަތް ނުކޮށް، ރައްޔިތުންނަށް މިނިވަންކަމާއެކު ވޯޓުލުމުގެ ފުރުސަތު ދިނުމަށް އެމްއާރްއެމް އިން ގޮވާލި އެވެ.