އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި އެ ގައުމުގެ ކުރީގެ ރައީސް އަދި ރިޕަބްލިކަން ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެ އެވެ.
ސޯޝަލްމީޑިއާގައި ރައީސް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއާއި އެމެރިކާގެ ގުޅުމަކީ އެއް ގައުމުން އަނެއް ގައުމަށް ކުރާ އިހްތިރާމާއި ހެޔޮނިޔަތާއި އަމިއްލަ ވިސްނުމެއްގެ މައްޗަށް ބިނާވެފައިވާ ހަރުދަނާ ގުޅުމެއް ކަމަށެވެ.
ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާކޮށް، ގޮންޖެހުންތަކަށް ހައްލު ހޯދައި، ދުނިޔޭގެ ސުލްހައާއި ހަމަޖެހުމަށް މަސައްކަތް ކުރުމަށް ތައްޔާރަށް ހުންނެވި ކަމަށްވެސް ރައީސް ވިދާޅުވެފައިވެ އެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބު ޓްރަމްޕް ކާމިޔާބު ކުރެއްވި ނަމަވެސް އަދިވެސް ވޯޓު ގުނަމުންދާތީ ވާދަވެރި ޑިމޮކްރެޓިކް ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި އެމެރިކާގެ ނައިބް ރައީސް ކަމަލާ ހެރިސް އަދި ބަލިގަބޫލެއް ނުކުރައްވަ އެވެ.
ޓްރަމްޕް ވަނީ މީގެކުރިން ރިޔާސީ އެއް ދައުރު ފުރިހަމަ ކުރައްވާފަ އެވެ. ރިޔާސީ ދެވަނަ ދައުރަކަށް ޓްރަމްޕް އިންތިހާބުވުމާ ގުޅިގެން ގައުމުތަކުގެ ވެރިން މިހާރު ގެންދަވަނީ ޓްރަމްޕަށް މަރުހަބާ ވިދާޅުވަމުންނެވެ.