ސާފް ސުޒުކީ ކަޕު ކާމިޔާބު ކުރި ދިވެހި ގައުމީ ފުޓްބޯޅަ ޓީމު މިއަދު މާލެ އަންނާތީ ޓީމަށް މަރުހަބާ ކިޔުމަށް، ބާއްވާ ހަރާކަތް ބްރިޖު ސަރަހައްދުގައި އޮންނާނެ އެވެ.
ފައިނަލުގައި އިންޑިއާގެ މައްޗަށް 2-1 ގެ ނަތީޖާއަކުން މޮޅުވެ، ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޓީމު މިއަދު މާލެ އަންނާނީ އޭ380 މަތިންދާ ބޯޓްގަ އެވެ. ގައުމީ ޓީމު ގޮވައިގެން އޭ380 ބޯޓު ޖައްސާނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހަދާފައިވާ އާރަންވޭގަ އެވެ.
ޓީމު މާލެ އަންނާނީ ސިނަމާލެ ބްރިޖް ހުރަސް ކޮށެވެ. އާންމުންނާއެކު، އުފާފާޅު ކުރުމުގެ ހަރަކާތްތައް ފެށިގެންދާނީ ބްރިޖް ސަރަހައްދުންނެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް އިއްޔެ ވިދާޅުވީ ގައުމީ ޓީމުގެ ޝަރަފުގައި ކުލަގަދަ ހަރަކާތްތަކެއް ބޭއްވުމަށް އިންތިޒާމު ކުރަމުންދާ ކަމަށެވެ.
ޓީމު މާލެ އަންނައިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ޓީމަށް މަރުހަބާ ކިޔުމަށް ބާއްވާ ހަފުލާއަށް، ކުލަބުތަކުގެ ޗެއާމަނުންނަށް ދައުވަތު ދީފައިވާކަން ވަނީ އެނގިފަ އެވެ. އުފާ ފާޅު ކުރުމުގެ ހަރަކާތްތައް ކުރިއަށް ގެންދާނެ ގޮތެއް އެފްއޭއެމުން އަދި ސަރުކާރުގެ އެހެން މުއައްސަސާއަކުންވެސް މިޑިއާއަށް ހާމަ ކޮށްފައެއް ނުވެ އެވެ.
ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް އަލުން މި ހޯދީ ދިހަ އަހަރު ފަހުންނެވެ. މީގެ 10 އަހަރު ކުރިން ސާފް ޗެމްޕިއަންޝިޕް ހޯދިއިރު، އުފާ ފާޅު ކުރުމުގެ ކުލަ ގަދަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔަ އެވެ.
އޭރު ގައުމީ ޓީމު މާލެ އައުމުން، އުފާފާޅު ކުރުމުގެ ހަރަކާތްތައް ފެށިގެން ދިޔައީ އެއްނަންބަރު ފާލަން ސަރަހައްދުންނެވެ. އެއީ އިޖުތިމާއީ ކަމެއްގައި މުޅި ރާއްޖޭގެ ތާރީހްގައިވެސް އެއްތަނަކަށް އެންމެ ގިނަ ބަޔަކު އެއްވި ފުރަތަމަ ދުވަހެވެ.
އަންނަ އަހަރަކީ ގައުމީ ޓީމަށް ގިނަ މުބާރާތްތަކެއް އޮތް އަހަރެކެވެ. ސައުތު އޭޝިއަން ގޭމްސް އާއި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަންނަ އަހަރު އޮންނާނެ އެވެ. އަދި ވޯލްޑްކަޕު ކޮލިފައިން ބުރުވެސް އަންނަ އަހަރު ފެށޭނެ އެވެ.