ހަބަރު

މައުމޫނާއި ފާރިސް އަދި ނަދީމް ވަގުތުން ދޫކޮށްލުމުގެ އަމުރަކަށް އެދިއްޖެ

Sep 24, 2018
10

ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމާއި އެމަނިކުފާގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނާއި ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ވަގުތުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓާއި ހައި ކޯޓަށް މައްސަލަ ހުށަހަޅައިފި އެވެ.

އެ ތިން ބޭފުޅުންގެ ގާނޫނީ ވަކީލުންގެ ޓީމްގައި ހިމެނިވަޑައިގަންނަވާ މައުމޫން ހަމީދު ކުރެއްވި ޓްވީޓެއްގައި ވަނީ، ރައީސް މައުމޫނާއި ނަދީމް އަދި ފާރިސް ވަގުތުން ދޫކޮށްލުމަށްއެދި ކްރިމިނަލް ކޯޓާއި ހައި ކޯޓަށް މިއަދު މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

މައުމޫން ވިދާޅުވީ، ކަރެކްޝަނަލްއަށް ގުޅުމަށްފަހު ރައީސް މަައުމޫން ވަގުތުން ގެއަށް ބަދަލު ކޮށްދިނުމަށްވެސް އެދިފައިވާނެ ކަމަށެވެ.

ކުރީގެ ރައީސް މައުމޫން އެއް އަހަރާއި ހަތް މަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ޖުލައި 13 ވަނަ ދުވަހު ހުކުމް ކުރީ އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރަށް ފަހު ފުލުހުން ހިންގި ތަހުގީގަށް އެމަނިކުފާނުގެ ފޯން ދީފައި ނުވާތީ، ދައުލަތުން އުފުލި، އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވެގެން އެވެ.

ނަދީމްގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފައިވަނީ 2017 ވަނަ އަހަރުން ފެށިގެން ސަރުކާރު ވައްޓާލަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް ކުރަމުން ދިޔަ މަސައްކަތުގައި ނަދީމް ބައިވެރިވެ، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން އެކަމުގައި އެންގެވި އެންގުތަކާ އެއްގޮތަށް ނަދީމް އަމަލުކޮށްފައިވާ ކަމަށެވެ.

އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ދިދަ އާއި ލޯގޯ ފާރިސް ބޭނުން ކުރެއްވި ކަމަށް ބުނެ އޭނާގެ މައްޗަށް އުފުލި ޝަހުސު އޮޅުވާލުމުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ރޭ ކުރިމިނަލް ކޯޓުގެ ގާޒީ އިބްރާހިމް އަލީ ވަނީ ފާރިސްގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ވަނީ ކޮށްފަ އެވެ. މީގެ އިތުރުން 2013 ވަނަ އަހަރުން ފެށިގެން ފަނޑިޔާރުންނާއި މަޖިލިސް މެންބަރުންނަށް ރިޝްވަތު ދީގެން ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނެ އެވެ. އަދި، ސުޕްރީމް ކޯޓުގެ އަމުރު ނެރުމުގައި ބައިވެރިވި ކަމަށާއި ކުރީގެ ސީޕީ އަރީފާ ގުޅިގެން ފުލުހުންތަކެއް މަގުތަކަށް ނެރެ ގައުމުގެ މަސްލަހަތު ނަގާލަން އުޅުނު ކަމަށް ވެސް އޭނާގެ މައްޗަށް ކުރާ ދައުވާގައިވެ އެވެ.