ހަބަރު

ކަފާލާތުގެ ދަށުން މައުމޫނާއި ފާރިސް ދޫކޮށްލަން އެދިއްޖެ

ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫން ކަފާލާތުގެ ދަށުން މިނިވަން ކޮށްދިނުމަށް އެދި އެދެބޭފުޅުންގެ ވަކީލުންގެ ފަރާތުން ހައި ކޯޓަށް ސިޓީއެއް ފޮނުވައިފި އެވެ.

އިދިކޮޅުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޕީއެމްގެ ދިދަ އާއި ލޯގޯ ފާރިސް ބޭނުން ކުރެއްވި ކަމަށް ބުނެ އޭނާގެ މައްޗަށް އުފުލި ޝަހުސު އޮޅުވާލުމުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި ފާރިސްގެ މައްޗަށް ވަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ކޮށްފަ އެވެ.

ތަހުގީގަށް ފޯނު ނުދިން މައްސަލައިގަ ރައީސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލި އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި މައުމޫންގެ މައްޗަށް ވަނީ އެއް އަހަރާއި ހަތް މަހާއި ހަދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.

ހައިކޯޓް ފަނޑިޔާރު ޝުޖާއު އުސްމާނަށް އެޑްރެސްކޮށް މައުމޫނާއި ފާރިސްގެ ވަކީލް މައުމޫން ހަމީދު ވަކި ވަކިން ފޮނުއްވާފައިވާ ސިޓީގައި ވަނީ، އެދެބޭފުޅުންނަށް ކުރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމަކީ ގާނޫނު އަސާސީއާ ގާނޫނީ އިޖްރާއަތްތަކާއި ޝަރުއީ އިޖްރާއަތްތަކާއި ހިލާފަށް އިއްވާފައިވާ ހުކުމެއް ކަމަށް ފާޙަގަކޮށް ހައިކޯޓަށް އިސްތިއުނާފް ހުށަހަޅާފައިވާ ކަމަށެވެ. އަދި އިސްތިއުނާފް މައްސަލާގައި ހައި ކޯޓުން ވަކި ގޮތެއް ނިންމަވަންދެން ޖަލު ބަންދުގައި ހުންނެވުމަކީ އިއާދަ ނުކުރެވޭނެ ގެއްލުން ތަކެއް ލިބިގެންދާނެ ކަމެއް ކަމަށް ސިޓީގައި ވެއެވެ.

މައުމޫން ހަމީދު ވިދާޅުވީ، ހައިކޯޓުގެ ގަވާއިދު 67 ވަނަ މާއްދާގެ ދަށުން މައްސަލައެއްގެ ފައިސަލާކޮށް ކުރާ ކޮންމެ ޖިނާއީ ހުކުމަކުންވެސް ފުރިހަމަ ތަންފީޒީ ބާރު ލިބޭނީ އެހުކުމް ނިހާއީ ހުކުމަކަށް ވެގެން ކަމަށާއި މި މައްސަލައަކީ އިސްތިއުނާފް މަރުހަލާ ނިމިފައިނުވާ އަދި ފުރިހަމަ ތަންފީޒީ ބާރު ލިބިފައިނުވާ ހުކުމެއް ކަމަށެވެ.

އެދެބޭފުޅުންގެ މައްޗަށް ސާބިތުވާކަމަށް ކަނޑައަޅާފައިވާ ކުށަކީ ޖިނާއީ އިޖްރާއަތުގެ ގާނޫނުގެ 63 ވަނަ މާއްދާގައި ކަފާލާތުގެ ދަށުުން ދުނުކުރެވޭނެ ކަމަށް ބަޔާންކޮށްފައިވާ ކުށްތަކުގެ ތެރެއިން ކުށެއް ނޫން ކަމަށް ސިޓީގައި ވެއެވެ.

ސިޓީގައި ވަނީ، އެދެމައްސަލަ އިސްތިއުނާފަށް ހުށަހަޅާފައިވާތީ، ހައިކޯޓުން ގޮތެއް ނިންމަވަންދެން މައުމޫނާއި ފާރިސް ކަފާލާތުގެ ދަށުން ބަންދުން މިނިވަން ކުރުމަށާއި އެކަމާމެދު ގޮތެއް ނިންމެވުމަށް އަވަސް ގޮތެއްގައި އަޑުއެހުމެއް ބާއްވާދިނުމަށެވެ.