ރައީސް މައުމޫން އަބްދުލްގައްޔޫމް

މައުމޫންގެ އިސްތިއުނާފު އަޑުއެހުން ކުރިއަށް ނުގެންދެވުނު

ތިރީސް އަހަރު ވެރިކަން ކުރެއްވި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމްގެ އިސްތިއުނާފު އަޑުއެހުންތައް މިއަދު ފަށަން ހަމަޖެއްސި ނަމަވެސް އެ އަޑުއެހުން ކުރިއަށް ގެންދެވޭ ގޮތެއް ނުވި އެވެ.

މިއަދު ހެނދުނު މައްސަލާގައި ބޭއްވި އަޑުއެހުމަށް ފަނޑިޔާރުން ވަޑައިގެން، ރައީސް މައުމޫނަށް ވަނީ އިސްތިއުނާފީ ނުކުތާތައް ހުށަހަޅަން ފުރުސަތު ދެއްވާފަ އެވެ. އެ ފުރުސަތުގައި ވަކީލް އިބްރާހިމް ޝަމީލް ވިދާޅުވީ މައްސަލަ ނިންމި ގޮތުގެ ތަފްސީލީ ރިޕޯޓް އަދިވެސް ކުރިމިނަލް ކޯޓުން ލިބިފައިނުވާ ކަމަށެވެ.

އެ ރިޕޯޓަކީ އިސްތިއުނާފީ ނުކުތާތައް ފާހަގަކުރުމަށް ވަރަށް މުހިންމު ރިޕޯޓެއް ކަމަށާއި ރިޕޯޓް ލިބުމުން އާ ނުކުތާތަކެއް ހުށަހަޅަން ފުރުސަތު ދެއްވުމަށް ޝަމީލް އެދިވަޑައިގަތެވެ.

އެގޮތަށް އެދުމާއެކު މައްސަލާގެ ބެންޗްގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު އަލީ ސަމީރު ވިދާޅުވީ، ރިޕޯޓް ހުށަހަޅަން ހައިކޯޓުން އެކި ފުރުސަތުތައް ދީފައިވާނެ ކަމަށާއި ނަމަވެސް އެ ފުރުސަތުތަކުގައި ވެސް ރިޕޯޓް ހުށަހަޅާފައިނުވާތީ ކަން ހިނގި ގޮތް ޝަރީއަތުން ބަލާފައިވާނެ ކަމަށެވެ. ބެލިބެލުމުން އެނގުނީ މައްސަލާގައި ހިމެނޭ ތިން ބޭފުޅުންގެ ކުރެ އެއް ބޭފުޅެއްގެ ވަކީލް ބަޔާންތަކުގައި ސޮއިނުކޮށް އޮތުމުން ރިޕޯޓް ކުރިމިނަލް ކޯޓަށް ދޫނުކުރެވިފައިވާކަން ކަމަށެވެ.

ނަމަވެސް ހައިކޯޓުގެ ޝަރީއަތް ހިންގަން އެ ރިޕޯޓް މުހިންމުވާތީ ހައިކޯޓުން ރިޕޯޓް މިހާރު ހޯދާފައިވާ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

އެއާއެކު ރައީސް މައުމޫންގެ ވަކީލް، މައުމޫން ހަމީދު ވިދާޅުވީ ޖިނާއީ އިޖުރާއަތުގެ ގާނޫނު އޮތް ގޮތުން ބަޔާންތަކުގައި މިހާރު ވަކީލުން ކޮންމެހެން ސޮއިކުރަން ނުޖެހޭ ކަމަށެވެ. އޭގައި ސޮއިކުރަން ޖެހެނީ ޓައިޕްކުރާ ކޯޓުގެ މުވައްޒަފު ކަމަށެވެ. މުވައްޒަފަށް ސޮއި ނުކުރެވިގެން ރިޕޯޓް ދޫނުކުރެވެންޏާ އެއީ މައްސަލައެއް ކަމަށެވެ. އަދި އެ ބަޔާންތަކުގައި ރައީސް މައުމޫންގެ ވަކީލުން ސޮއިކުރައްވާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

ފަނޑިޔާރު އަލީ ސަމީރު ވިދާޅުވީ ކުރިމިނަލް ކޯޓުގައި އެދުމުން މިހާރު ރިޕޯޓް ލިބޭނެ ކަމަށެވެ. އެދިގެން ވެސް ނުލިބިއްޖެނަމަ އެކަން ހައިކޯޓަށް އެންގުމުން އަޅަންޖެހޭ ފިޔަވަޅު އަޅާނެ ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ. ރިޕޯޓް ލިބުމުން އެ ދިރާސާކުރުމަށް ފުރުސަތު ދިނުމުގެ ގޮތުން މިއަދުގެ އަޑުއެހުން ނިންމާލެއްވި އެވެ. އަދި އަންނަ ހަފުތާ އިތުރު އަޑުއެހުމެއް ތާވަލުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

ފަނޑިޔާރު އަލީ ސަމީރުގެ އިތުރުން ދެން ބެންޗުގައި ތިއްބަވަނީ ފަނޑިޔާރު ހަސަން އަލީ އާއި ފަނޑިޔާރު އަބްދުﷲ ހަމީދެވެ.

ތަހުގީގަށް ފޯނު ނުދިން މައްސަލައިގަ ރައީސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލި އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި މައުމޫންގެ މައްޗަށް އިއްވާފައިވަނީ އެއް އަހަރާއި ހަތް މަހާއި ހަދުވަހުގެ ޖަލު ހުކުމެކެވެ.

އެ ހުކުމް ރައީސް މައުމޫން ތަންފީޒުކުރައްވަމުން ގެންދަވަނިކޮށް އާދިއްތަ ދުވަހު ކަފާލާތުގެ ދަށުން އެމަނިކުފާނު ވަނީ ހައިކޯޓުގެ އަމުރަކުން މިނިވަންކޮށްފަ އެވެ. ކަފާލާތުގެ ދަށުން އެމަނިކުފާނު މިނިވަންކުރީ އިސްތިއުނާފު މައްސަލާގައި ހައިކޯޓަށް ގޮތެއް ކަނޑައެޅެންދެނެވެ.

މި މައްސަލާގެ އިތުރުން ޓެރަރިޒަމްގެ ދައުވާ ވެސް ރައީސް މައުމޫނަށް ކުރެ އެވެ. ނަމަވެސް އެ މައްސަލާގެ ޝަރީއަތް އަދި ދަށު ކޯޓުގައި ވެސް ނުފެށެ އެވެ. ކުރިއަށް ދަނީ އިބްތިދާއީ އަޑުއެހުންތަކެވެ.

ރައީސް މައުމޫންގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ވެސް އެމަނިކުފާނާއެކު ކަފާލާތުގެ ދަށުން ދޫކޮށްލާފަ އެވެ. ހައިކޯޓުގައި ފާރިސްގެ ޖަލު ހުކުމް އިސްތިއުނާފު އަޑުއެހުންތައް ވެސް މިހާރު ވަނީ ނިމިފަ އެވެ. ދެން އޮންނާނީ ހުކުމެވެ.