މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ އަރުޝަދު ހާލިދު ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރަން އަމުރުކޮށްފައި ވަނިކޮށް އޭނާ ދޫކޮށްލި މައްސަލައިގައި ބޮޑެތި ގޯސްތަކެއް ހަދައި ބައެއް ކަންކަން އޮޅުވާލާފައިވާ ކަމަށް ތުހުމަތުކުރެވޭތީ މިކަމުގައި ބައިވެރިވި ފުލުހުންގެ މައްސަލަތައް ބެލުމަށް ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) އާއި ޕޮލިސް ބޯޑަށް ހުށަހަޅައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް އިއްޔެ އަވަސް އަށް މައުލޫމާތު ދެއްވަމުން އަރުޝަދު މިމަހުގެ ހަތްވަނަ ދުވަހުގެ ލަންކާ އިން މާލެއަށް އައުމުން ހައްޔަރުނުކުރާ ކަމަށް ވިދާޅުވި އެވެ. ނަމަވެސް ހައިކޯޓުން ރޭ ނެރުނު އެހެން އަމުރެއްގައިވާ ގޮތުން އަރުޝަދު މާލެ އައުމުން ފުލުހުން ވަނީ އޭނާ ހައްޔަރުކޮށްފަ އެވެ. އަރުޝަދު ހައްޔަރުކުރީ އޭނާއަށް އިސްތިއުނާފް ރައްދުވާ ދައުވާ އާއި ގުޅިގެން އޭނާ ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކޮށްދިނުމަށް މިދިޔަ ޖޫން ހަތްވަނަ ދުވަހު ހައިކޯޓުން ފުލުހުންގެ މައްޗަށް ނެރުނު އަމުރަކާ ގުޅިގެންނެވެ. އެކަމަކު އަރުޝަދު ހައްޔަރުކުރުމަށްފަހު އޭނާ ހައިކޯޓަށް ހާޒިރުކުރުމުގެ ކުރިން ރޭ 7:08 ހާއިރު ފުލުހުން އޭނާ ދޫކޮށްލާފައިވާ ކަމަށްވެސް އަމުުރުގައި ފާހަގަކޮށްފައިވެ އެވެ. އެހެންވެ އަރުޝަދު ބަންދުން ދުކޮށްލަން އޭނާގެ ފަރާތުން ހައިކޯޓުގައި އެދުނު ނަމަވެސް އޭރު އޭނާ ދޫކޮށްލާފައިވާތީ އެކަމުގައި ގޮތެއް ނިންމާނެ ގާނޫނީ ސަބަބެއް ނެތް ކަމަށް އަމުރުގައިވެ އެވެ.
އަރުޝަދު ކޯޓަށް ހާޒިރުކުރުމުގެ ކުރިން އޭނާ ދޫކޮށްލުމަށްފަހު އެކަމާ ގުޅޭ ލިޔުމެއް ފުލުހުންގެ ފަރާތުން އަރުޝަދުއަށް ދިން ކަމަށް މިމައްސަލައިގައި ފުލުހުން އަމަލުކުރި ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށް ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވެ އެވެ.
ޕީޖީ އޮފީހުގެ ބަޔާނުގައި ބުނެފައިވަނީ އަރުޝަދު ހައްޔަރުކުރުމާއި ދޫކޮށްލުމާއި އަދި ފަހުން ކޯޓަށް ހާޒިރުކުރުމުގައި ދިވެހި ފުލުހުންގެ ހިދުމަތުން ޢަމަލުކޮށްފައިވާ ގޮތް ދިވެހިރާއްޖޭގެ ހައިކޯޓުގެ އަމުރާ ހިލާފް ކަމަށެވެ. އަރުޝަދު ހައްޔަރުކުރުމަށް ހައިކޯޓުން އަމުރު ނެރުމާއެކު ޕީޖީ އޮފީހުން ގެންދިޔައީ މިކަމުގައި އަމަލުކުރަންވީ ގޮތުގެ އިރުޝާދު ދިވެހި ފުލުހުންނަށް ދެމުން ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
ބަޔާނުގައި ބުނެފައިވަނީ އަރުޝަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު އޭނާ ބަންދުން ދޫކޮށްލުމަށް ޕީޖީ އޮފީހުން އެއްވެސް އިރުޝާދެއް ދީފައި ނުވާނެ ކަމަށެވެ. އަދި އޭނާ ބަންދުން ދޫކޮށްލުމާ ގުޅޭގޮތުން ފުލުހުން ޕީޖީގެ ލަފަޔަކަށް އެދިފައިވެސް ނުވާ ކަމަށެވެ. އަރުޝަދު ދޫކޮށްލުމުގެ ކަންކަން ހިނގާފައިވަނީ މައްސަލަ ތަހުގީގު ކުރާ ފަރާތާއި، ތަހުގީގު ކުރި ޑިޕާޓްމަންޓަށް އެނގުމެއް ނެތި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
"އެހެންކަމުން ދިވެހިރާއްޖޭގެ ހައިކޯޓުގެ އަމުރާ ހިލާފަށް އަރުޝަދު ހާލިދު ހައްޔަރުން ދޫކުރުމަށް ނިންމި، އަދި ހައްޔަރުން ދޫކޮށްލި ލިޔުން ތައްޔާރުކުރި ފުލުސް އޮފިސަރުންގެ މައްސަލަ ބެލުމަށް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް މި އޮފީހުން ވާނީ އަންގާފަ އެވެ. އަދި މިކަން ޕޮލިސް ބޯޑުގެ ސަމާލުކަމަށްވެސް ވާނީ ގެނެސްފަ އެވެ،" ޕީޖީގެ ބަޔާނުގައިވެ އެވެ.
އަރުޝަދު ދޫކޮށްލުމުގައި ފުލުހުންގެ ބަޔަކު ގޯސްތަކެއް ހަދާފައިވީ ނަމަވެސް މިމައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރާނެ ކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެ އެވެ.
އަރުޝަދު މިދިޔަ އަހަރުގެ ތެރޭގައި ރާއްޖެއިން ފުރައިގެން ދިޔައީ އޭނާގެ މައްޗަށް ދައުލަތުން އުފުލި މަސްތުވާތަކެތީގެ ދައުވާއަކުން ސަލާމަތްވުމުންނެވެ. ނަމަވެސް ދައުލަތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.
އޭނާގެ މައްޗަށް އޭރު ދައުވާ ކުރީ މިދިޔަ އަހަރުގެ ކުރީކޮޅު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގެން ނުވަ ކިލޯގެ ޑްރަގާއި 4.6 މިިލިއަން ރުފިޔާއާ އަރުޝަދާ ގުޅުންތަކެއް ހުރި ކަމަށް ތުހުމަތުކޮށްފަ އެވެ.
ފުލުހުން މިދިޔަ އަހަރު ފަހުކޮޅު ހިންގި މަސްތުވާތަކެތީގެ އިތުރު އޮޕަރޭޝަނެއްގައި 119 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ އެކަމުގެ އަޑީގައި ހުރީވެސް އަރުޝަދު ކަމަށް ތުހުމަތުކޮށް އޭނާ ހައްޔަރުކުރަން ފުލުހުން މަސައްކަތް ކުރި އެވެ. ނަމަވެސް އޭރު އޭނާ ވަނީ ރާއްޖެއިން ފުރާފަ އެވެ.
އަރުޝަދު މިދިޔަ ދުވަސްތަކުގައި ދިރިއުޅެމުން ދިޔައީ ސްރީލަންކާގަ އެެވެ. އޭނާ މާލެ އައިސްފައިވަނީ ލަންކާގައި ހުރެފައި އަމިއްލަ ބޭނުމަކު ދުބާއީ އަށް ދިއުމުން ދުބާއީ އަށް އެތެރެވުމަށް ފުރުސަތު ނުދީ އަނބުރާ ލަންކާއަށް ފޮނުވާލުމުން ލަންކާ އިންވެސް އަރުޝަދު ޑީޕޯޓްކޮށްލުމުންނެވެ.