ހަބަރު

އަޅުގަނޑަކީ ގާނޫނީ ގޮތުން އަދިވެސް ޕީޕީއެމްގެ ރައީސް: މައުމޫން

ރައީސް މައުމޫން އެގޮތަށް ވިދާޅުވެފައިވާއިރު، އިލެކްޝަން ކޮމިޝަނުން މިއަދު ވަނީ ޕީޕީއެމްއިން ހާއްސަ ގޮތުން މިދިޔަ ހުކުރު ދުވަހު ބޭއްވި ކޮންގްރެސް ބާއްވާފައިވަނީ އިޖުރާއަތުތައް ފުރިހަމަ ނުކޮށް ކަމަށްބުނެ އެ ކޮންގްރެސްގެ ނިންމުންތައް އެންޑޯސް ކުރެވެން ނެތް ކަމަށް ބުނެފަ އެވެ.

އިންތިހާބީ ނައިބް ރައީސް ފައިސަލް ނަސީމާއި ބައްދަލުުކުރެއްވުމަށްފަހު ނޫސްވެރިންނާއި ބައްދަލުކުރައްވައި މައުމޫން ވިދާޅުވީ، ޕީޕީއެމްގެ މައްސަލަ އެކިއެކި މުއައްސަސާތަކާއި އިލެކްޝަން ކޮމިޝަނުގައިވެސް ހުށަހަޅައި ކުރިއަށް ގެންދަވާ ކަމަށާއި ޕާޓީއާ ހަވާލުވުމާއި ގުޅޭގޮތުން އަދި ވަކި އެއްޗެއް ދެންނެވެންނެތް ކަމަށެވެ. އަދި ޕާޓީއަށް ވާނެ ގޮތް އިނގޭނީ އެމުއައްސަސާތަކުން ކަންކަން ނިންމާ ގޮތަކުން ކަމަށް މައުމޫން ވިދާޅުވި އެވެ.

"އަޅުގަނޑަކީ ޕާޓީގެ ކޮންގްރެސް އިން ގަވާއިދާ އެއްގޮތަށް އިންތިހާބު ކޮށްފައި ހުރި ރައީސް، 2013 ވަނަ އަހަރު، ޕީޕީއެމްގެ ކޮންގެރެސް އިން ގަވާއިދާ އެއްގޮތަށް ހޮވާފައި ހުރި ރައީސަކީ އަޅުގަނޑު، އެހެން މީހަކު އަދި ޕީޕީއެމްގެ ރައީސަކަށް ގަވާއިދު ބުނާ ގޮތުގެ މަތީން އިންތިހާބު ކޮށްފައެއްނެތް،" މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ، ދާދި ފަހުން ޕީޕީއެމްގެ ކޮންގްރެސްއެއް ބޭއްވި ކަމަށާއި މީޑިއާ ނުވައްދައި ވީނުވީއެއް ނޭންގި ކަންކަން ނިންމި ކޮންގްރެސް އެއް ކަމަށެވެ. އެއީ އަސާސީ ގަވާއިދާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް މައުމޫން ވިދާޅުވި އެވެ.

"ޕާޓީގެ އަސާސީ ގަވާއިދުގައި ވަނީ ކޮންމެ ގޮތްޕަކުން މަންދޫބެއް އަންނަން ޖެހޭނެ ކަން، ކޮންމެ ގޮތްޕަކުން ކޮންގްރެސް އަށް މަންދޫބުން އިންތިހާބު ކޮށްގެން އެ މަންދޫބުން ވަޑައިގެން ހުރިހާ މަންދޫބުންގެ ހާޒިރުގައިކަން ކޮންގްރެސް ހިނގަން ޖެހޭނީ، އެގޮތަކަށް ނޫން ހިނގީކީ،" މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ، ރާއްޖޭގެ ގިނަ ރައްޔިތުންވެސް ގަބޫލު ކުރައްވާ ގޮތުގައި އަދިވެސް ޕީޕީއެމްގެ ރައީސަކީ އެމަނިކުފާނު ކަމަށެވެ. އަދި ކޯޓުތަކުންނާއި މުއައްސަސާތަކުން ނިންމާ ގޮތަކުން ޕީޕީއެމްގައި އެމަނިކުފާނު އަދަކުރައްވާނެ ދައުރެއް އޮތްނަމަ އެކަންކަން ފުރިހަމައަށް އަދާކުރައްވާނެ ކަމަށްވެސް މައުމޫން ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ޕީޕީއެމްއިން ކުރިމަތިވި ނާކާމިޔާބީއާއެކު ބޭއްވި ކޮންގްރެސްގައި ޕާޓީގެ ރައީސް ކަމަށް، ރައީސް ޔާމީން އިންތިހާބު ކުރެއްވީ ކޮންގްރެސްގެ އަގުލަބިއްޔަތުންނެވެ. އޭގެ އިތުރަށް ޕާޓީގެ ހަތަރު ނައިބު ރައީސްއަކު އިންތިހާބުކުރި އެވެ. އެއީ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލްރަހީމް އަބްދުﷲ އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝުކޫރާއި ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރެވެ. ޕާޓީގެ ކައުންސިލަށް ވެސް މެންބަރުންތަކެއް އެ ދުވަހު އިންތިހާބުކޮށްފައިވެ އެވެ.

ކޮންގްރެސް ކުރިއަށް ގެންދިޔައީ މީޑިއާ ވެސް ނުވައްދާ ވަރަށް ސިއްރުންނެވެ. ކޮންގްރެސްގައި ޕީޕީއެމްއަކީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުން ފެށިގެން އިދިކޮޅު ޕާޓީ ކަމެއް ކަނޑައަޅައި ގަރާރެއް ވަނީ ފާސްކޮށްފަ އެވެ.

އިލެކްޝަން ކޮމިޝަނުން ޕީޕީއެމްގެ ކޮންގްރެސް ބަލައިނުގަންނަން ނިންމާފައިމިވަނީ އެކަމަށް އެދި އެ ޕާޓީއިން 2013 ވަނަ އަހަރު ބޭއްވި ކޮންމގްރެސްގައި ފުރިހަމަ އަގުލަބިއްޔަތުން އިންތިހާބު ކުރެއްވި ރައީސް، ރައީސް މައުމޫން އަބްދުލްގައްޔޫމް އެކަމަށް އެދިވަޑައިގެން އިލެކްޝަން ކޮމިޝަނަށް ސިޓީއެއް ފޮނުވާފައިވަނިކޮށެވެ.