ހަބަރު

ޕީޕީއެމްގެ ކޮންގްރެސް ސައްހަ: ސުޕްރީމް ކޯޓް

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް، ޕީޕީއެމްގެ ކޮންގްރެސް ސައްހަ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފި އެވެ. އެންމެ މަތީ ކޯޓުގެ މި ނިންމުން އައީ ރިޔާސީ އިންތިހާބަށްފަހު ޕީޕީއެމުން ބޭއްވި ހާއްސަ ކޮންގްރެސް މައްސަލާގައި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގެ ހުކުމުގަ އެވެ.

މި ގޮތަށް ކޯޓުން ނިންމިއިރު އެ ކޮންގްރެސްގައި ޕީޕީއެމްގެ ރައީސް ކަމަށް ރައީސް އަބްދުﷲ ޔާމީން ވަނީ އިންތިހާބުކޮށްފަ އެވެ. އަދި ނައިބު ރައީސުންގެ ގޮތުގައި ވެސް ހަތަރު ބޭފުޅަކު އިންތިހާބުކޮށް ކައުންސިލް ވެސް އަލުން އެކުލަވާލާފައިވެ އެވެ. ނަމަވެސް އެ ޖަލްސާގެ ނިންމުންތައް ބަލައި ނުގަންނަ އިލެކްޝަން ކޮމިޝަނުން ނިންމި އެވެ.

އިލެކްޝަން ކޮމިޝަންގެ އެ ނިންމުން ބާތިލް ކަމަށް ކަނޑައަޅަން ޕީޕީއެމްއިން ހައިކޯޓަށް މައްސަލަ ހުށަހެޅި އެވެ. ހައިކޯޓުން ނިންމީ، ޕީޕީއެމްގެ ކޮންގްރެސް ބާއްވާފައިވަނީ އިޖުރާއަތްތަކާ ހިލާފަށް ކަމަށް ބުނާ ބުނުމުގައި ހަގީގަތެއް ނެތް ކަމަށެވެ. އިލެކްޝަން ކޮމިޝަންގެ ނިންމުން ބާތިލްކުރުމަށްފަހު ކޮންގްރެސްގައި މަގާމުތަކަށް އިންތިހާބުކުރި ފަރާތްތަކަށް ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ދަފުތަރުގައި ހިމެނުމަށް ކޮމިޝަންގެ މައްޗަށް އަމުރުކުރި އެވެ.

އެ ހުކުމް އިލެކްޝަން ކޮމިޝަނުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި އެވެ. އެ މައްސަލާގައި ބޭއްވީ އެންމެ އަޑުއެހުމެކެވެ. އެއީ މި މަހުގެ 20 ވަނަ ދުވަހު އެވެ. ދެ ގަޑިއިރަށް ދިގު ދެމިގެންދިޔަ އެ އަޑުއެހުމުގައި އިލެކްޝަން ކޮމިޝަނާއި ޕީޕީއެމްއާ ދެމެދު ކޮންގްރެސްއާ ގުޅޭ ގޮތުން ހޫނު ބަހުސެއް ވަނީ ކޮށްފަ އެވެ.

ޕީޕީއެމްއިން ވަނީ ތަކުރާރުކޮށް އެ ކޮންގްރެސް ސައްހަ ވާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް އިލެކްޝަން ކޮމިޝަނުން ވަނީ ކޮންގްރެސް ބާތިލް ކުރަން ޖެހުނު ސަބަބުތައް ބަޔާންކޮށްފަ އެވެ. ނަމަަވެސް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ނިންމެވީ ހައިކޯޓުގެ ހުކުމް ރަނގަޅު ކަމަށެވެ.

ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނީ ޕީޕީއެމްގެ ކޮންގްރެެސް ބާތިލް ކުރުމަށް އިލެކްޝަނުން ދައްކާފައިވާ އަސާސްތަކަކީ ސައްހަ އަސާސްތަކެއް ނޫން ކަމަށެވެ. އެގޮތުން ޕީޕީއެމްގެ ކޮންގްރެސްގައި އެހެން ޕާޓީތަކުގެ ރަޖިސްޓްރީގައި ހިމެނޭ މީހުން ވޯޓު ލާފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ބުނާއިރު އޭގެ ތަފްސީލެއް ބުނެނުދެވޭ ކަމަށެވެ. އެހެން ޕާޓީތަކަށް ނިސްބަތްވާ ކިހާ މީހުނެއް ވޯޓު ލާފައިވާ ކަމެއް ބުނެދެވިފައިނުވާ ކަމަށް ހުކުމްގައިވެ އެވެ.

ކޮންގްރެސްގައި ވޯޓުލުމަށް ވޯޓު ފޮށި ހިފައިގެން މަންދޫބުން ކައިރިއަށް ދިޔުމަކީ އަސާސީ ގަވައިދާ ހިލާފު ކަމެއް ކަމަށް އިލެކްޝަނުން ބުނި ނަމަވެސް އެއީ އަސާސެއް އެކުލެވޭ ވާހަކައެއް ނޫން ކަމަށް ހުކުމުގައިވެ އެވެ. އަސާސީ ގަވައިދުގައިވާ ގޮތުން ވޯޓިން ބޫތެއް ހުންނަން ޖެހޭނެ ކަމަށް އިލެކްޝަނުން ބުނެ އެވެ. ނަމަވެސް ސުޕްރީމް ކޯޓުން ބުނީ އެ މާއްދާގެ ބޭނުމަކީ ވޯޓުގެ ސިއްރުކަން ހިފެހެއްޓުން ކަމަށެވެ. ވޯޓު ފޮށި މަންދޫބުން ކައިރިއަށް ގެންގޮސް ވޯޓު ލާފައިވަނީ ކޮންގްރެސްގެ އިއްތިފާގުން ކަމާއި އެކަމާ ގުޅޭ ޝަކުވާއެއް ވެސް ނެތް ކަމަށް ހުކުމްގައި ފާހަގަކުރި އެވެ. ވޯޓުގެ ސިއްރުކަން ހިފެއްޓުމުން އަސާސީ ގަވައިދުގެ އެ މާއްދާގައި ބުނާ ޝަރުތުތައް ފުރިހަމަވީ ކަމަށް ބަލަންޖެހޭ ކަމަށެވެ.

ކޮންގްރެސްގައި ހަތަރު ނައިބު ރައީސުން ހޮވުމުގައި ވެސް މައްސަލައެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ވަނީ ނިންމާފަ އެވެ. އިލެކްޝަނުން ބުނެފައިވާ ގޮތުން ކޮންގްރެސްގެ ކުރިން ނެރުނު އިއުލާންގައި އޮތީ ތިން ނައިބު ރައީސުން ހޮވާ ގޮތަށެވެ. ނަމަވެސް ފަހުން ކައުންސިލުން އަސާސީ ގަވައިިދަށް ބަދަލު ގެނައީ ހަތަރު ނައިބު ރައީސުން ހޮވުމަށް ކަމަށާއި ނަމަވެސް ގަވައިދުގެ އެއް މާއްދާގައި ހަތަރު ނައިބު ރައީސުން ކަމަށް ބުނާއިރު އަނެއް މާއްދާގައި ބުނަނީ ތިން ނައިބު ރައީސުންކަން އިލެކްޝަނުން ވަނީ ފާހަގަކޮށްފަ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނީ އިއުލާނަކީ އަސާސީ ގަވައިދަށް އިސްލާހު ގެނައުމުގެ ކުރީގެ އިއުލާނެއްކަން އެނގޭ ކަމަށެވެ. އަދި، އަސާސީ ގަވައިދަށް ގެނައި އިސްލާހު ކޮންގްރެސްގައި ވެސް ފާސްކޮށްފައިވާ ކަމަށާއި ގެނައި އިސްލާހަކީ ނައިބު ރައީސުންގެ އަދަދު ހަތަރަކަށް އިތުރުކުރުން ކަމަށެވެ. އިލެކްޝަނަށް ހުށަހެޅި އިސްލާހުކޮށްފައިވާ އަސާސީ ގަވައިދުގެ އެއް މާއްދާގައި ޕާޓީގައި ތިބޭނީ ތިން ނައިބު ރައީސުން ކަމަށް އޮތް ނަމަވެސް އެއީ ގަސްދަކާ ނުލާ ހެދިފައިވާ ކުށެއްކަން ސާފުކޮށް އެނގޭ ކަމަށް ހުކުމްގައިވެ އެވެ.

އެހެންވެ، އިލެކްޝަން ކޮމިޝަނުން ކޮންގްރެސް ބާތިލް ކުރުމަށް ދެއްކި އަސާސްތަކަކީ މުޅިން ބާތިލް އަސާސްތަކެއް ކަމާއި ހައިކޯޓުގެ ހުކުމަކީ ޝަރުއީ އަދި ގާނޫނީ ހަމަތަކުން ކޮށްފައިވާ ރަނގަޅު ހުކުމެއް ކަމަށް ކަނޑައަޅައި މައްސަލާގެ ޝަރީއަތް ވަނީ ނިންމާފަ އެވެ.

ހުކުމް މިގޮތަށް އައުމާއެކު، ޕީޕީއެމްގެ ރައީސްކަން ރައީސް ޔާމީނަށް ކަށަވަރުވެގެން ދިޔައީ އެވެ. އެ ކޮންގްރެސްގައި ނައިބު ރައީސުންގެ ގޮތުގައި އިންތިހާބުކުރި އަބްދުލްރަހީމް އަބްދުﷲ އާއި މުހައްމަދު ސައީދު މިހާރު ވަނީ އެ ޕާޓީއިން ވަކިވެފަ އެވެ. އަދި ކައުންސިލަށް ހޮވި ބައެއް ބޭފުޅުން ވެސް ޕީޕީއެމްއިން ވަނީ ވަކިވެފަ އެވެ. އެ ބޭފުޅުން ގުޅުނީ ރައީސް ޔާމީން އަލަށް އުފައްދަވާ ޕީއެންސީއާ އެވެ.

ރައީސް ޔާމީންގެ އިތުރުން ޕީޕީއެމްގެ ލީޑަޝިޕް ދެން ކަށަވަރުވެފައިވަނީ ނައިބު ރައީސުން ކަމަށްވާ އާޒިމާ ޝަކޫރާއި މޫސާ ޒަމީރަށެވެ.

ޕީޕީއެމްގެ އެހެން މައްސަލައެއް ވެސް ސުޕްރީމް ކޯޓުގައި މިހާރު ކުރިއަށްދެ އެވެ. އެއީ އެ ޕާޓީގެ މިލްކިއްޔާތާ ގުޅޭ ގޮތުން އާންމު ދެ މެންބަރަކު ހުށަހަޅާފައިވާ މައްސަލައެއް ސިވިލް ކޯޓަށް ބެލިދާނެ ކަމާމެދު ކުރިއަށްދާ މައްސަލައެކެވެ. އެ މައްސަލާގެ އިޖުރާއީ އަޑުއެހުމެއް ވަނީ ބާއްވާފަ އެވެ.