ހަބަރު

ސިވިލް ކޯޓުން ޕީޕީއެމް މައްސަލަ ބެލުމާމެދު ގޮތް ނިންމަނީ

ޕީޕީއެމްގެ ހިންގުން އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއާ ހަވާލުކުރުމަށް އެ ޕާޓީގެ އާންމު ދެ މެންބަރަކު ސިވިލް ކޯޓަށް ވަކިން ހުށަހެޅި ދެ މައްސަލައަކީ ސިވިލް ކޯޓަށް ބެލިދާނެ މައްސަލައެއްތޯ ބެލުމަށް މިއަދު ސުޕްރީމް ކޯޓުގައި އިޖުރާއީ އަޑުއެހުމެއް ބާއްވައިފި އެވެ.

އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ އާންމު ދެ މެންބަރުން ކަމަށްވާ ލ. ގަން ތުނޑިި، ހަވި އަލީ އަހުމަދާއި ގދ. ތިނަދޫ ބީޗް ރެސްޓް އަހުމަދު ރަޝީދެވެ. އަލީ އަހުމަދު މައްސަލަ ހުށަހެޅީ ރިޔާސީ އިންތިހާބަށްފަހު ޕީޕީއެމްގެ މުސްތަޝާރުގެ މަގާމު ހުސްވެފައިވާތީ އެވެ. އަހުމަދު ރަޝީދު މައްސަލަ ހުށަހެޅީ ޕީޕީއެމްއިން ރިޔާސީ އިންތިހާބަށްފަހު ބޭއްވި ކޮންގްރެސް އިލެކްޝަން ކޮމިޝަނުން އެންޑޯޒްކުރުމަށް ދެކޮޅު ހެދުމުންނެވެ. އެ ހާލަތްތަކުގައި ޕީޕީއެމްގެ ހިންގުމާމެދު ބޮޑެތި ސުވާލުތަކެއް އުފެދޭ ކަމަށް މައްސަލާގައި ވަނީ ފާހަގަކޮށްފަ އެވެ.

އެ ދެ މައްސަލަ ސިވިލް ކޯޓުގައި ކުރިއަށް ދަނިކޮށް ސުޕްރީމް ކޯޓުން ވަނީ ދެ މައްސަލާގެ ފައިލް ވެސް ނަގާފަ އެވެ. ސުޕްރީމް ކޯޓުން މައްސަލައިގެ ފައިލް ނެގީ، ޕީޕީއެމްއިން އެ ކޯޓަށް ޝަކުވާ ހުށަހަޅާފައިވާތީ އެވެ. ޕީޕީއެމްއިން ބުނަނީ އެއީ ޕީޕީއެމް ހިންގުމާ ގުޅޭ ގޮތުން މީގެކުރިން ސިވިލް ކޯޓުން ހުކުމެއްކޮށް، އެ ހުކުމަށް ހައިކޯޓާއި ސުޕްރީމް ކޯޓުން ތާއިދުކޮށްފައިވާތީ އަލުން އެ މައްސަލަ ބެލުމުގެ އިހްތިސޯސް ސިވިލް ކޯޓަށް ނޯންނާނެ ކަމަށް ބުނެ އެވެ.

ރައީސް މައުމޫންގެ އަތްޕުޅުން ޕީޕީއެމް ނަގައި، ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީންއާ ޕީޕީއެމް ހަވާލުކުރީ ސިވިލް ކޯޓުގެ ހުކުމަކުންނެވެ. އެ ހުކުމްގައި ވަނީ 24 ގަޑިއިރު ތެރޭގައި މުސްތަޝާރުގެ ބެލުމުގެ ދަށުން ޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބާއްވައި ޕާޓީ ހިންގާނެ ގޮތާމެދު ގޮތް ނިންމުމަށް އަންގާފަ އެވެ. އެ ކައުންސިލް ބައްދަލުވުމުގައި ނިންމީ ރައީސް މައުމޫން އެ ޕާޓީއިން ވަކިކޮށް ޕާޓީގެ ހިންގުން މުސްތަޝާރާ ހަވާލުކުރުމަށެވެ.

އެކަމާ ގުޅޭ ގޮތުން މިއަދު ސުޕްރީމް ކޯޓުގައި ބޭއްވި އިޖުރާއީ އަޑުއެހުމުގައި ވަރަށް ފުޅާ ގޮތެއްގައި ވަނީ ބަހުސްކޮށްފަ އެވެ.

ޕީޕީއެމް ތަމްސީލް ކުރައްވާ ވަކީލް އިބްރާަހިމް ރިޒާ ވިދާޅުވީ، އަލީ އަހުމަދާއި އަހުމަދު ރަޝީދު ހުށަހެޅި މައްސަލައަކީ ކުރިއަށް ގެންދެވޭނެ މައްސަލަތަކެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ދެ މައްސަލާގެ ވެސް މައިގަނޑު ޕޮއިންޓަކީ ޕީޕީއެމްގެ ހިންގުން ރައީސް މައުމޫނާ ހަވާލުކުރުން ކަމަށެވެ. ޕީޕީއެމްގެ ހިންގުމާމެދު މީގެކުރިން ވަނީ ތިން މަރުހަލާގައި ގޮތް ނިންމާފަ ކަމަށެވެ.

ގުރައިދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ރިޒާ ވިދާޅުވީ، ޕީޕީއެމްގެ ހިންގުން ރައީސް މައުމޫންއާ ހަވާލުކުރާ ވާހަކަ ދައްކާއިރު ރައީސް މައުމޫންއަކީ އެ ޕާޓީގެ މެންބަރެއް ވެސް ނޫން ކަމަށެވެ. މުސްތަޝާރުގެ ބެލުމުގެ ދަށުން ބޭއްވި ކައުންސިލްގެ ބައްދަލުވުމުގައި ރައީސް މައުމޫން ވަކިކޮށްފައިވާއިރު ޕާޓީގެ ހިންގުން އެމަނިކުފާނަށް ދެވޭނެ ގޮތެއް ނޯންނާނެ ކަމަށެވެ. ޕާޓީއިން ވަކިކުރި ކުރުން ގޯސް ކަމަށް ވިދާޅުވެ، ޕާޓީގެ އިސްތިއުނާފު ކޮމެޓީއަށް ވެސް އަދި ޝަރުއީ ކޯޓަކަށް ވެސް ރައީސް މައުމޫން ހުށަހަޅާފައިނުވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ރިޒާގެ ވާހަކަތަކަށްފަހު އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވަނީ ސުވާލެއް އަމާޒު ކުރައްވާފަ އެވެ. ކުރިން ސިވިލް ކޯޓުން ނިންމި މައްސަލަ އާއި އަލަށް ހުށަހަޅައިގެން އުޅޭ ދެ މައްސަލާގެ މައުޟޫއު ތަފާތު ވަނީ ކިހިނެއްތޯ އެއްސެވި އެވެ. ކުރިން ނިންމި މައްސަލައަކީ ޕީޕީއެމްގެ މަގާމުތަކާ ގުޅޭ މައްސަލައެއް ނޫން ކަމަށް އުއްތަމަ ފަނޑިޔާރު އެއްސެވި އެވެ.

އެއާ ގުޅިގެން ރިޒާ ވިދާޅުވީ އަލަށް ހުށަހެޅި ދެ މައްސަލާގެ ވެސް އާހިރު ނަތީޖާއަކީ ޕީޕީއެމްގެ ހިންގުން ކަމަށެވެ. ކުރިން ނިންމި މައްސަލާގައި ވެސް ކަނޑައެޅީ ޕާޓީ ހިންގާނެ ގޮތް ކަމަށެވެ. ޕާޓީގެ ކައުންސިލަށް އެ ބާރު ދީފައިވާއިރު އެ ކައުންސިލްގެ ބަހެއް ނެތި ޕާޓީގެ ހިންގުން ޝަރުއީ ކޯޓަކުން ވަކި ފަރާތަކަށް ދެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ރިޒާ ވިދާޅުވި އެވެ. ރިޒާ ވިދާޅުވީ، ކޮންމެ މީހަކަށް ވެސް އެމީހަކަށް ބޭނުންވާ މީހަކަށް ޕާޓީ ހަވާލުކުރުމަށް ކޯޓަށް ހުށަހެޅޭނަމަ އެއީ ހަމަޖެހޭ އުސޫލަކަށް ނުވާނެ ކަމަށެވެ.

މިއަދުގެ އަޑުއެހުމަށް އަލީ އަހުމަދުގެ ވަކީލް އަލީ ޝިޔާމް ވެސް ވަޑައިގެންނެވި އެވެ. އޭނާ ވިދާޅުވީ އަލީ އަހުމަދުގެ ފަރާތުން ހުށަހަޅާފައިވަނީ ކުރިން ސިވިލް ކޯޓުން ހުށަހަޅާފައިވާ މައްސަލައާ ގުޅޭ މައްސަލައެއް ނޫން ކަމަށެވެ. އެއީ ފަހުން ހިނގި ކަންތައްތަކާ ގުޅިގެން ހުށަހަޅާފައިވާ މައްސަލައެއް ކަމަށެވެ. ސިވިލް ކޯޓުގެ ހުކުމާ ގުޅިގެން ބޭއްވި ކައުންސިލް ބައްދަލުވުމުގައި ނިންމި ނިންމުންތަކަކީ ޕާޓީގެ އަސާސީ ގަވައިދާ ހިލާފަށް ނިންމާފައިވާ ނިންމުންތަކެއް ނޫން ކަމަށް ވެސް މިހާތަނަށް ކަނޑައަޅާފައިނުވާ ކަމަށެވެ. ގަބޫލު ކުރާ ގޮތުގައި އެ ބައްދަލުވުމުގައި ނިންމި ނިންމުންތަކަކީ އަސާސީ ގަވައިދާ ހިލާފު ނިންމުންތަކެއް ކަމަށެވެ. އެހެންވެ، އެ މައްސަލާގައި ގޮތެއް ނިންމުމަށް ފައިލް އަނބުރާ ސިވިލް ކޯޓަށް ފޮނުވައިދިނުމަށް ޝިޔާމް އެދުނެވެ.

މައްސަލައަށް ތަދައްހުލްވާން ސުޕްރީމް ކޯޓުން ރައީސް މައުމޫންއަށް ދައުވަތު ދެއްވި އެވެ. ރައީސް މައުމޫންގެ ފަރާތްޕުޅުން މިއަދު ކޯޓަށް އެމަނިކުފާނުގެ ދަރިކަނބަލުން ޔުމްނާ މައުމޫން އާއި ވަކީލް މުހައްމަދު ފައިސަލް ވަޑައިގެންނެވި އެވެ. ފައިސަލް ވަނީ އެ ކައުންސިލް ބައްދަލުވުމުގައި ނިންމި ނިންމުންތައް އަސާސީ ގަވައިދާ ހިލާފުވާ ސަބަބުތައް ވިދާޅުވެ ދެއްވާފަ އެވެ.

އެގޮތުން އެ ކައުންސިލް ބައްދަލުވުމުގައި ރައީސް މައުމޫން ޕާޓީއިން ވަކިކޮށްފައިވަނީ އިޖުރާއަތްތަކާ ހިލާފަށް ކަމަށް ވިދާޅުވި އެވެ. ޕާޓީގެ ރައީސް މަގާމުން ވަކި ކުރެވޭނެ ގޮތް ކަމަށް އަސާސީ ގަވައިދުގައި ވަނީ ހަމައެކަނި އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުން ކަމަށެވެ. އެކަން ކުރެވޭނީ ހާއްސަ ގޮތުން ބާއްވާ ގައުމީ މަޖިލީހެއްގަ އެވެ. ކައުންސިލަށް އެ ބާރު ލިބިގެން ނުވާ ކަމަށް ފައިސަލް ވިދާޅުވި އެވެ. އަސާސީ ގަވައިދާ ހިލާފަށް އެއްވެސް ކަމެއް ނިންމުމުގެ ބާރު ވެސް ކައުންސިލަށް ނެތްކަން ފައިސަލް ފާހަގަ ކުރެއްވި އެވެ.

ޕާޓީގެ މުސްތަޝާރަކީ ޕާޓީ ހިންގުމުގެ އެއްވެސް ކަމެއްގައި އަމަލީ ގޮތުން ބައިވެރިވާނެ ބޭފުޅެއް ނޫން ކަމަށް އަސާސީ ގަވައިދުގައި ބަޔާންކޮށްފައިވާ ކަމަށާއި އެއާ ހިލާފަށް ޕާޓީ ހިންގުން މުސްތަޝާރާ ހަވާލުކުރުމަށް ކައުންސިލަށް ނުނިންމޭނެ ކަމަށް ފައިސަލް ވިދާޅުވި އެވެ. އެގޮތަށް ނިންމި ނަމަވެސް އެވާނީ އަމަލު ކުރަން ނުޖެހޭ ނިންމުމަކަށް ކަމަށެވެ.

ފައިސަލް ވިދާޅުވީ ޕީޕީއެމްގައި މިހާރު މުސްތަޝާރެއް ނެތި، އެންމެ ފަހުން ބޭއްވި ގައުމީ މަޖިލީހުގެ ނިންމުންތަކާމެދު ވެސް ސުވާލު އުފެދިފައިވާއިރު ޕާޓީ ހިންގާނެ ފަރާތަކާމެދު ވަރަށް ބޮޑަށް ސުވާލު އުފެދޭ ކަމަށެވެ. އެހެންވެ އެދެނީ އެ ޕާޓީގެ ސައްހަ ގޮތުން ބޭއްވިފައިވާ ގައުމީ މަޖިލީހުގައި އާންމު މެންބަރުން އިންތިހާބުކޮށްފައިވާ ރައީސްއަށް ޕާޓީގެ ހިންގުން ހަވާލުކުރުމަށް ކަމަށެވެ. އެހެންނޫނަމަ، ޕާޓީ ހުސްކަމެއް ތެރެއަށް ދާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ. އަދި އެ މައްސަލަ ނިންމުން ލަސްވެއްޖަނަމަ، ޕީޕީއެމްގެ ނަމުގައި އަންނަ ރައްޔިތުންގެ މަޖިލީހަށް އެއްވެސް ފަރާތަކަށް ވާދަ ނުކުރެވިދާނެ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ. ރައީސް ޔާމީން ގެންދަވަނީ ޕީޕީއެމް ދޫކުރައްވައި އާ ޕާޓީއެއް ހެދުމުގެ މަސައްކަތް ކުރައްވަމުންނެވެ.

އެހެންކަމުން އަވަސް މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ނިންމުމަށް ސިވިލް ކޯޓަށް އަނބުރާ ފައިލް ފޮނުވުމުގެ ބަދަލުގައި އެ މައްސަލައަކީ ސުޕްރީމް ކޯޓުން ނިންމާ މައްސަލައަކަށް ހައްދަވައިދެއްވުމަށް ވެސް ފައިސަލް އެދިވަޑައިގަތެވެ.

އެންމެފަހުން ބޭއްވި ޕީޕީއެމްގެ ހާއްސަ ގޮތުން ކޮންގްރެސްގެ ނިންމުންތަކުގެ މައްސަލަ މިހާރު ސުޕްރީމް ކޯޓުގައި އޮތްއިރު އެއީ ސިޔާސީ ޕާޓީތަކުގެ ގާނޫނާ ހިލާފަށް ބޭއްވި ކޮންގްރެސްއެއް ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ. ފައިސަލް ވިދާޅުވި ގޮތުގައި ކޮންމެ ފަސް އަހަރެއްގެ ތެރޭގައި ޕާޓީގެ ކޮންގްރެސް ބާއްވަން ލާޒިމް ކުރާއިރު ޕީޕީއެމްއިން 2013 ގައި ބޭއްވި ކޮންގްރެސްއަށް ފަސް އަހަރުވީ އިރު ވެސް ކޮންގްރެސްއެއް ބާއްވާފައިނުވާ ކަމަށެވެ. ހާއްސަ ގޮތުން ބޭއްވި ކޮންގްރެސް ބޭއްވީ ފަސް އަހަރުވެގެން ދިޔަ ފަހުންނެވެ.

ޝިޔާމާއި ފައިސަލް ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން ރިޒާ ވިދާޅުވީ، އެ ކައުންސިލްގެ ނިންމުންތައް ގޯސްވެގެން އަދި ރައީސް މައުމޫން ވަކިކުރި ގޮތް ގޯސްވެގެން ވެސް އެ މައްސަލައެއް މިހާތަނަށް ހުށަހަޅާފައިނުވާ ކަމަށެވެ. އަދި ރައީސް މައުމޫން ވަކިކުރީ ޕާޓީގެ ރައީސް ކަމުން ނޫން ކަމަށާއި ޕާޓީ މެންބަރު ކަމުން ކަމަށެވެ. ޕާޓީ މެންބަރު ކަމުން ރައީސް މައުމޫން ވަކި ނުކުރެވޭނެ ކަމަށް އަސާސީ ގަވައިދުގައި ނެތް ކަމަށް ރިޒާ ވިދާޅުވި އެވެ. ރިޒާ ވިދާޅުވީ ޕީޕީއެމްގެ ހާއްސަ ގޮތުން ކޮންގްރެސްގެ ނިންމުންތައް ރަނގަޅު ކަމަށް ހައިކޯޓުން ހުކުމްކޮށްފައިވާ ކަމަށާއި މިހާތަނަށް ސުޕްރީމް ކޯޓުން އެ މައްސަލާގައި ގޮތެއް ނުނިންމާތީ ބަލަން ޖެހޭނީ ހައިކޯޓުގެ ހުކުމަށް ކަމަށެވެ. އެހެންވެ އެ ކޮންގްރެސް ގޯސް ކަމަށް ނުބުނެވޭނެ ކަމަށެވެ.

ފައިސަލް ވިދާޅުވީ ޕާޓީ މެންބަރު ކަމުން ވަކި ކުރާނަމަ ވެސް އެކަން ކުރަންޖެހޭ އިޖުރާއަތްތަކެއް އަސާސީ ގަވައިދުގައި ހިމަނާފައިވާ ކަމަށެވެ. އެގޮތުން ފުރަތަމަ މައްސަލަ ހުށަހަޅަން ޖެހޭނީ ސުލޫކީ ކޮމެޓީއަށްކަން ފާހަގަ ކުރެއްވި އެވެ. ނަމަވެސް ރައީސް މައުމޫން ވަކިކުރީ ސީދާ ކައުންސިލުންނެވެ. އެ ވާހަކައާ ގުޅިގެން ރިޒާ ވަނީ އެ ޕާޓީގެ ސުލޫކީ ކޮމެޓީއިން ރައީސް މައުމޫން ވަކިކުރަން ނިންމާފައިވާ ނިންމުމެއްގެ ޔައުމިއްޔާ ޝަރީއަތަށް ހުށަހަޅާފަ އެވެ.

އެ ބެލުމަށްފަހު ފައިސަލް ވިދާޅުވީ އޭގެން ވެސް އެނގިގެން ދަނީ އަމަލުކޮށްފައިވަނީ އަސާސީ ގަވައިދާ ހިލާފަށް ކަމަށް ކަމަށެވެ. އެއީ އެ ސުލޫކީ މައްސަލަ ބަލާފައިވަނީ ކައުންސިލުން ރައީސް މައުމޫން ވަކިކުރަން ނިންމި ގަރާރަށް ރިއާޔަތްކޮށް ކަމަށެވެ. ނަމަވެސް އެއީ އިޖުރާއަތާ މުޅިން ހިލާފު ކަމެއް ކަމަށެވެ. އަދި ސުލޫކީ ކޮމެޓީގެ ނިންމުމާއި ކައުންސިލްގެ ނިންމުމުގެ ލިޔުމެއް ވެސް ރައީސް މައުމޫނަށް ލިބިފައިނުވާ ކަމަށް ފައިސަލް ވިދާޅުވި އެވެ. އެކަން އެނގުނީ ހަމައެކަނި މީޑިއާއިން ކަމަށެވެ.

އެކަމާ ގުޅިގެން ރިޒާ ވިދާޅުވީ އެ ލިޔުން ރައީސް މައުމޫންއަށް ރައްދުކުރަން ދިޔަ ކަމަށާއި ނަމަވެސް ހަވާލުނުވީ ކަމަށެވެ. ރިޒާ ވިދާޅުވީ މީޑިއާއިން އެކަން އެނގުނު ނަމަވެސް އެކަމާ ގުޅޭ ގޮތުން ހިތްހަމަނުޖެހޭނަމަ މައްސަލަތައް ހުށަހަޅަން ޖެހޭނެ ކަމަށެވެ. ނޫންނަމަ ބެލެވޭނީ އެ ފިޔަވަޅު ރަނގަޅު ކަމަށް އަމިއްލައަށް ވެސް ގަބޫލު ކުރަނީ ކަމަށެވެ. ފައިސަލް ވިދާޅުވީ މީޑިއާގައި ބުނާ ކޮންމެ ވާހަކައަކަށް ރިއެކްޓް ކުރުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

އެހާ ހިސާބުން މިއަދުގެ އަޑުއެހުން ވަނީ ނިންމާލާފަ އެވެ. އަޑުއެހުން ނިންމާލައްވަމުން އުއްމަތަ ފަނޑިޔާރު ވިދާޅުވީ އެ މައްސަލައާމެދު އިޖުރާއީ ގޮތުން ކަނޑައަޅަންޖެހޭ ކަންކަން ކަނޑައަޅުއްވާ އެކަންކަން އަންގަވާނެ ކަމަށެވެ.