ހަބަރު

ޕީޕީއެމް، މައުމޫންއާ ހަވާލުކުރާ މައްސަލަ ބާތިލްކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްއަށް ޕީޕީއެމްގެ ހިންގުން ހަވާލުކޮށް ދިނުމަށް އެދި އަމިއްލަ ދެ މީހަކު ސިވިލް ކޯޓަށް ހުށަހެޅި ދެ މައްސަލާގެ ދައުވާ ފޯމް ސުޕްރީމް ކޯޓުން ދާދިދެންމެ ބާތިލްކޮށްފި އެވެ.

އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ އާންމު ދެ މެންބަރުން ކަމަށްވާ ލ. ގަން ތުނޑިި، ހަވި އަލީ އަހުމަދާއި ގދ. ތިނަދޫ ބީޗް ރެސްޓް އަހުމަދު ރަޝީދެވެ. އަލީ އަހުމަދު މައްސަލަ ހުށަހެޅީ ރިޔާސީ އިންތިހާބަށްފަހު ޕީޕީއެމްގެ މުސްތަޝާރުގެ މަގާމު ހުސްވެފައިވާތީ އެވެ. އަހުމަދު ރަޝީދު މައްސަލަ ހުށަހެޅީ ޕީޕީއެމްއިން ރިޔާސީ އިންތިހާބަށްފަހު ބޭއްވި ކޮންގްރެސް އިލެކްޝަން ކޮމިޝަނުން އެންޑޯޒްކުރުމަށް ދެކޮޅު ހެދުމުންނެވެ. އެ ހާލަތްތަކުގައި ޕީޕީއެމްގެ ހިންގުމާމެދު ބޮޑެތި ސުވާލުތަކެއް އުފެދޭ ކަމަށް މައްސަލާގައި ވަނީ ފާހަގަކޮށްފަ އެވެ.

އެ ދެ މައްސަލަ ސިވިލް ކޯޓުގައި ކުރިއަށް ދަނިކޮށް ސުޕްރީމް ކޯޓުން ވަނީ ދެ މައްސަލާގެ ފައިލް ވެސް ނަގާފަ އެވެ. ސުޕްރީމް ކޯޓުން މައްސަލައިގެ ފައިލް ނެގީ، ޕީޕީއެމްއިން އެ ކޯޓަށް ޝަކުވާ ހުށަހަޅާފައިވާތީ އެވެ. ޕީޕީއެމްއިން ބުނަނީ އެއީ ޕީޕީއެމް ހިންގުމާ ގުޅޭ ގޮތުން މީގެކުރިން ސިވިލް ކޯޓުން ހުކުމެއްކޮށް، އެ ހުކުމަށް ހައިކޯޓާއި ސުޕްރީމް ކޯޓުން ތާއިދުކޮށްފައިވާތީ އަލުން އެ މައްސަލަ ބެލުމުގެ އިހްތިސޯސް ސިވިލް ކޯޓަށް ނޯންނާނެ ކަމަށް ބުނެ އެވެ.

ރައީސް މައުމޫންގެ އަތްޕުޅުން ޕީޕީއެމް ނަގައި، ޕާޓީގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީންއާ ޕީޕީއެމް ހަވާލުކުރީ ސިވިލް ކޯޓުގެ ހުކުމަކުންނެވެ. އެ ހުކުމްގައި ވަނީ 24 ގަޑިއިރު ތެރޭގައި މުސްތަޝާރުގެ ބެލުމުގެ ދަށުން ޕާޓީގެ ކައުންސިލް ބައްދަލުވުމެއް ބާއްވައި ޕާޓީ ހިންގާނެ ގޮތާމެދު ގޮތް ނިންމުމަށް އަންގާފަ އެވެ. އެ ކައުންސިލް ބައްދަލުވުމުގައި ނިންމީ ރައީސް މައުމޫން އެ ޕާޓީއިން ވަކިކޮށް ޕާޓީގެ ހިންގުން މުސްތަޝާރާ ހަވާލުކުރުމަށެވެ.

ޕީޕީއެމް ހުށަހެޅި ޝަކުވާއާ ގުޅިގެން ދެ މައްސަލާގެ ފައިލް ނަގައި، މިދިޔަ މަހުގެ 17 ވަނަ ދުވަހު އިޖުރާއީ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ބޭއްވި އެވެ. އެއީ އެ މައްސަލައަކީ ސިވިލް ކޯޓުގައި ކުރިއަށް ގެންދެވިދާނެ މައްސަލައެއްތޯ ބެލުމަށެވެ. އެ މައްސަލައަށް ރައީސް މައުމޫން ތަދުއްހުލްވި އެވެ. ރައީސް މައުމޫންގެ ފަރާތުން ވަނީ ސިވިލް ކޯޓަށް ހުށަހަޅާފައިވާ ދެ މައްސަލައަކީ ކުރިން ސިވިލް ކޯޓުން ބަލައި ހުކުމްކުރި މައްސަލައާ މުޅިން ތަފާތު މައްސަލައެއްކަން ފާހަގަކުރައްވާފަ އެވެ. އަދި އެ މައްސަލަ ސުޕްރީމް ކޯޓުގައި މައުޟޫއީ ގޮތެއްގައި ކުރިއަށް ގެންގޮސްދިނުމަށް އެދިފައިވެ އެވެ.

ނަމަވެސް މިއަދު ސުޕްރީމް ކޯޓުން ހުކުމް އިއްވީ އެގޮތަކަށް ނޫނެވެ. ފަސް ފަނޑިޔާރުންގެ ބެންޗުން ބަލައި ނިންމި އެ މައްސަލާގެ ހުކުމްގައި ބުނީ، ސިވިލް ކޯޓަށް އަމިއްލަ ދެ ފަރާތަކުން ހުށަހަޅާފައިވާ މައްސަލައަކީ ވެސް ޕީޕީއެމްގެ ހިންގުމާ ގުޅޭ ގޮތުން ހުށަހަޅާފައިވާ ދެ މައްސަލަކަން އެނގޭ ކަމަށާއި ދެ މައްސަލާގެ ދައުވާގެ އިބާރާތް ތަފާތު ނަމަވެސް އެދިފައިވަނީ ޕާޓީގެ ހިންގުން ރައީސް މައުމޫންއާ ހަވާލުކުރުމަށްކަން އެނގޭ ކަމަށެވެ.

ރައީސް މައުމޫނަށް ޕީޕީއެމް ނުހިންގިގެން ހައްލެއް ހޯދުމަށް ސިވިލް ކޯޓުން 2016 ވަނަ އަހަރު ކުރި ހުކުމަކީ ވެސް ޕާޓީގެ ހިންގުމާ ގުޅޭ ގޮތުން ކޮށްފައިވާ ހުކުމެއް ކަމަށާއި އެ ހުކުމަށް ހައިކޯޓުން ތާއިދުކޮށް ހުކުމްކުރިއިރު ސުޕްރީމް ކޯޓުން ވެސް ވަނީ އެ ނިންމުން ރަނގަޅު ކަމަށް ނިންމާފަކަން މިއަދު ހުކުމްގައި ފާހަގަކުރި އެވެ. އޭގެއިތުރުން ސިވިލް ކޯޓަށް ފަހުން ހުށަހެޅި ދެ މައްސަލަ މައިގަނޑު ގޮތެއްގައި ބިނާކޮށްފައިވަނީ ޕީޕީއެމްއިން ހާއްސަ ގޮތުން ބޭއްވި ކޮންގްރެސް ސައްހަ ނޫން ކަމުގެ މައްޗަށްވާއިރު އެ ކޮންގްރެސްއަކީ ސައްހަ ކޮންގްރެސްއެއްކަން ހައިކޯޓާއި ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާކަން ވެސް ހުކުމްގައި ފާހަގަކުރި އެވެ.

އެހެންކަމުން ޕީޕީއެމްގެ ހިންގުން ހުސްކަމަށް އަންނާނެ ކަމަށް އޮތް ކަންބޮޑުވުމަކީ އިތުރު ފަރުވާއެއް ބޭނުން ނުވާ ކަމެއް ކަމާއި ޕީޕީއެމްގެ ހިންގުން ވަނީ ކޮންގްރެސްއިން އިންތިހާބުކޮށްފައިވާ ޕާޓީގެ ރައީސް އަބްދުﷲ ޔާމީންގެ އަތްޕުޅުގައިކަން ވެސް ފާހަގަކޮށްފައިވެ އެވެ. އަދި، ރައީސް މައުމޫނަކީ ޕީޕީއެމްއިން ވަކިކޮށްފައިވާ މެންބަރެއްކަން އެނގޭ ކަމާއި ގަވައިދުން ޕީޕީއެމްއަށް އަލުން ގުޅިފައިވާކަން އެނގެން ނެތްކަން ވެސް ހުކުމްގައި ފާހަގަކުރި އެވެ.

ހުކުމްގައި އިތުރަށް ބުނީ، ސިވިލް ކޯޓަށް ހުށަހެޅި ދެ މައްސަލާގައި ގޮތް ނިންމަން ޖެހޭނީ މަތީ ކޯޓުތަކުން މީގެކުރިން ހުކުމް އިއްވާފައިވާ ކަންކަމަށް އަސަރު ފޯރާ ގޮތަށް ކަމަށާއި އެއީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށެވެ. މަތީ ކޯޓުގެ ގަޟާއީ ނިންމުމަކަށް އަސަރު ފޯރާ ގޮތަށް ދަށު ކޯޓަށް މައްސަލައެއް ކުރިއަށް ނުގެންދެވޭނެކަން މިއަދުގެ ހުކުމްގައި ބުންޏެވެ. އެހެންވެ ސުޕްރީމް ކޯޓުން ނިންމީ ދެ މައްސަލާގެ ފައިލް ވެސް ބާތިލްކޮށް، އެ ދެ މައްސަލައާ ގުޅޭ ގޮތުން އެއްވެސް އިޖުރާއަތެއް ފުރިހަމަ ނުކުރުމަށް ސިވިލް ކޯޓަށް އެންގުމަށެވެ.

ސުޕްރީމް ކޯޓުން މިގޮތަށް މިއަދު ހުކުމްކުރިއިރު ޕީޕީއެމް ލިބިވަޑައިގަންނަވާނެ ކަމުގެ އުއްމީދު ގެއްލި، ރައީސް މައުމޫން ވަނީ އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމަށް ނިންމަވާފަ އެވެ. އެގޮތަށް އެމަނިކުފާނު ނިންމެވީ ރައީސް ޔާމީން، ޕާޓީގެ ރައީސް ކަމަށް އިންތިހާބުކުރި ކޮންގްރެސް ސައްހަ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުންނެވެ. ރައީސް މައުމޫން، އާ ޕާޓީއެއް އުފައްދަވާއިރު ޕީޕީއެމްގެ ރައީސްގެ ގޮތުގައި ދެމިހުންނެވުމަށް ރައީސް ޔާމީން ވަނީ ނިންމަވާފަ އެވެ.