ހަބަރު

ޕީޕީއެމްގެ ބާރުތައް ހަވާލުކުރާ މައްސަލަ ސުޕްރީމް ކޯޓުން ހުއްޓުވައި، ފައިލް ނަގައިފި

ޕީޕިއެމްގެ ބާރުތަށް އެ ޕާޓީގެ ގައުމީ ޖަލްސާއިން އިންތިހާބު ކޮށްފައިވާ އެ ޕާޓީގެ ރައީސް މައުމޫން އަބުދުލްގައްޔޫމާއ ހަވާލުކޮށްދިނުމަށް އެދި އަމިއްލަ ފަރާތަކުން ސިވިލް ކޯޓަށް ހުށަހެޅި މައްސަަލައިގެ ފައިލް ސްޕްރީމް ކޯޓުން ނަގައިފި އެވެ.

ޕީޕީއެމްގެ އާންމު މެމްބަރެއް ކަމަށްވާ ގދ. ތިނަދޫ ބީޗް ރެސްޓް އަހުމަދު ރަޝީދު ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ބުނެފައިވަނީ ޕީޕީއެމްގައި މިހާރު އޮތް ލީޑާޝިޕަކީ ސައްހަ ލީޑަރޝިޕެއް ނޫން ކަަމަށާއި، ޕީޕީއެމްގެ ރައީސްއަކީ ރައީސް މައުމޫން ކަމަށެވެ.

އެ މައްސަލައަށް ޑިސްޕިއުޓް ރެޒޮލިއުޝަން މަރުހަލާއިން ހައްލު ނުލިބުމުން ސިވިލް ކޯޓުން ވަނީ ޝަރީއަތަށް ފޮނުވާފަ އެވެ. އެ މައްސަލަ ސިވިލް ކޯޓުން ބެލުން ސުޕްރީމް ކޯޓުން ހުއްޓުވާފައިވަނީ އެ މައްސަލާގައި ހިމެނޭ ފަރާތްތަކަށް ލިޔެކިއުންތަށް ވެސް ހަވާލުކޮށްފައިވަނިކޮށް ބަޔާން ބަދަލުކޮށް ނިމުނު ފަހުންނެވެ.

އެނގިފައިވާ ގޮތުގައި މައްސަލާގެ ފައިލް ސުޕްރީމް ކޯޓުން ނަގާފައިވަނީ އިއްޔެ އެވެ. ނަމަވެސް ފައިލް ސުޕްރީމް ކޯޓަށް ނެގި ސަބަބެއް ސާފެއް ނުވެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ވެސް ވަނީ ޕީޕީއެމްއިން ދާދި ފަހުން ބޭއްވި އެ ޕާޓީގެ ކޮންގްރެސް ބަލައިނުގަންނަ ކަމަށް ނިންމާފަ އެވެ. އަދި ސިވިލް ކޯޓުގައި އޮތް މައްސަލަ ނިމެންދެން ޕީޕީއެމްގެ ލީޑާޝިޕް ބަލައި ނުގަންނަންވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.

ޕީޕީއެމްގެ އިންތިހާބީ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ވެސް ވަނީ އެމަނިކުފާނަކީ އަދިވެސް ޕީޕީއެމްގެ ރައީސްކަން ކަނޑައަޅައިދޭން އިލެކްޝަންސް ކޮމިޝަނުގައި ވެސް އެދިފަ އެވެ. ރައީސް މައުމޫން ޕާޓީގެ ރައީސް ކަމުން ވަކިކޮށްފައިވަނީ ޕީޕީއެމްގެ މެމްބަރުކަމުން ވަކި ކުރުމަށްފަހު އެވެ. އެހެން ނަމަވެސް އެ ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތުން ރައީސް މައުމޫން އެ މަގާމުން ވަކި ކުރެވޭނީ އެ ޕާޓީގެ ގައުމީ ޖަލްސާއަކުންނެވެ.