ހަބަރު

ޕީޕީއެމްގެ ކޮންގްރެސް މައްސަލައިގެ ހުކުމް މިއަދު

ރިޔާސީ އިންތިހާބަށްފަހު ޕީޕީއެމުން ބޭއްވި ހާއްސަ ކޮންގްރެސް މައްސަލާގައި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި މިއަދު ގޮތެއް ނިންމުމަށް ތާވަލުކޮށްފި އެވެ.

އެ ކޮންގްރެސްގައި ޕީޕީއެމްގެ ރައީސް ކަމަށް ރައީސް ޔާމީން ވަނީ އިންތިހާބުކޮށްފަ އެވެ. އަދި ނައިބު ރައީސުންގެ ގޮތުގައި ވެސް ހަތަރު ބޭފުޅަކު އިންތިހާބުކޮށް ކައުންސިލް ވެސް އަލުން އެކުލަވާލާފައިވެ އެވެ. ނަމަވެސް އެ ޖަލްސާގެ ނިންމުންތައް ބަލައި ނުގަންނަ އިލެކްޝަން ކޮމިޝަނުން ނިންމި އެވެ. އިލެކްޝަން ކޮމިޝަންގެ އެ ނިންމުން ބާތިލް ކަމަށް ކަނޑައަޅަން ޕީޕީއެމްއިން ހައިކޯޓަށް މައްސަލަ ހުށަހެޅި އެވެ.

ހައިކޯޓުން ނިންމީ، ޕީޕީއެމްގެ ކޮންގްރެސް ބާއްވާފައިވަނީ އިޖުރާއަތްތަކާ ހިލާފަށް ކަމަށް ބުނާ ބުނުމުގައި ހަގީގަތެއް ނެތް ކަމަށެވެ. އިލެކްޝަން ކޮމިޝަންގެ ނިންމުން ބާތިލްކުރުމަށްފަހު ކޮންގްރެސްގައި މަގާމުތަކަށް އިންތިހާބުކުރި ފަރާތްތަކަށް ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ދަފުތަރުގައި ހިމެނުމަށް ކޮމިޝަންގެ މައްޗަށް އަމުރުކުރި އެވެ.

އެ ހުކުމް އިލެކްޝަން ކޮމިޝަނުން ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރި އެވެ. އެ މައްސަލާގައި ބޭއްވީ އެންމެ އަޑުއެހުމެކެވެ. އެއީ މި މަހުގެ 20 ވަނަ ދުވަހު އެވެ. ދެ ގަޑިއިރަށް ދިގު ދެމިގެންދިޔަ އެ އަޑުއެހުމުގައި އިލެކްޝަން ކޮމިޝަނާއި ޕީޕީއެމްއާ ދެމެދު ކޮންގްރެސްއާ ގުޅޭ ގޮތުން ހޫނު ބަހުސެއް ވަނީ ކޮށްފަ އެވެ.

ޕީޕީއެމްއިން ވަނީ ތަކުރާރުކޮށް އެ ކޮންގްރެސް ސައްހަ ވާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް އިލެކްޝަން ކޮމިޝަނުން ވަނީ ކޮންގްރެސް ބާތިލް ކުރަން ޖެހުނު ސަބަބުތައް ބަޔާންކޮށްފަ އެވެ.

އެ އަޑުއެހުން ނިންމާލައްވަމުން އުއްމަތަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވީ އެ މައްސަލާގައި ދެން އޮންނާނީ ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުން ކަމަަށެވެ. އެ މައްސަލަ ބައްލަވަނީ ފަސް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ. އެހެންކަމުން މިއަދު އޮންނަ އަޑުއެހުމަކީ ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުމަށް ވާނެ އެވެ.

މިއަދުގެ ހުކުމް އަންނަ ގޮތަކުން، ޕީޕީއެމްގެ ރައީސްކަން ރައީސް އަބްދުﷲ ޔާމީނަށް ކަށަވަރު ނޫނީ އެ މަގާމު ގެއްލޭނެ އެވެ. ރައީސް ޔާމީން އިސްވެ ހުންނަވާ އެހެން ޕާޓީއެއް ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރައްވަމުންނެވެ.

ޕީޕީއެމްގެ އެހެން މައްސަލައެއް ވެސް ސުޕްރީމް ކޯޓުގައި މިހާރު ކުރިއަށްދެ އެވެ. އެއީ އެ ޕާޓީގެ މިލްކިއްޔާތާ ގުޅޭ ގޮތުން އާންމު ދެ މެންބަރަކު ހުށަހަޅާފައިވާ މައްސަލައެއް ސިވިލް ކޯޓަށް ބެލިދާނެ ކަމާމެދު ކުރިއަށްދާ މައްސަލައެކެވެ. އެ މައްސަލާގެ އިޖުރާއީ އަޑުއެހުމެއް ވަނީ ބާއްވާފަ އެވެ.