ހަބަރު

އިންސާފު ލިބިއްޖެ، މިއީ ދާއިރާއަށް ލިބުނު ކާމިޔާބެއް: ވައްޑޭ

ރައްޔިތުން މަޖިލީހުގެ ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑޭ)ގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމުމުން އިންސާފު ލިބިފައިވާ ކަމަށާއި އެއީ ދާއިރާއަށް ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުން ނިކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން ވައްޑޭ ވިދާޅުވީ އެތަށް އަހަރަކަށް ފަހު ދާއިރާގެ ރައްޔިތުންގެ ހައްގުތައް ކަށަވަރުވުމުން ހަމްދު ކުރާ ކަމަށާއި އޭނާއަށް ލިބުނު ކާމިޔާބީއަކަށް ވުރެ މިއީ ދާއިރާގެ ރައްޔިތުންނަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ. އަދި އަނިޔާވެރިކަމަކަށް ކާމިޔާބީއެއް ނުލިބޭނެ ކަމަށާއި އަދުލު އިންސާފު ލިބެމުންދާ ކަމުގެ ހެކި މިހާރު ވެސް ފެންނަމުންދާ ކަމަށް ވައްޑޭ ވިދާޅުވި އެވެ.

"އަޅުގަނޑޫމެން މި އަނިޔާވެރިކަމުގެ ތެރޭގައި އުޅޭތާ ލައްކަ ދުވަސް ވެއްޖެ،" ވައްޑޭ ވިދާޅުވި އެވެ. "އަޅުގަނޑުމެން އަނިޔާވެރިކަމާއި އަދުލު އިންސާފު ހޯދަން ނިކުތް މަގުން ކާމިޔާބުވާކަން މިކަމުން ސާބިތުވެއްޖެ،"

ވައްޑޭ ވިދާޅުވީ މިދިޔަ ހަތަރު އަހަރު ޕީޕީއެމް އިން ވަަނީ އޭނާ ދާއިރާއަށް ދިޔުމަށް ހުރަސް އަޅާފައި ކަމަށެވެ. ނަމަވެސް ދެން އިތުރަށް ހުރަހެއް ނޭޅޭނެ ކަމަށާއި ތުލުސްދޫ ދާއިރާއަށް ދިޔުން ހުއްޓުވާފައި އޮތް އޮތުން ނިމުމަކަށް އައީ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ދާއިރާގެ އަޑު މަޖިލީހުގައި ދެން އިވޭނެ ކަމަށާއި ދާއިރާއަށް ތަރައްގީ ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވައްޑޭ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓްގެ ފަސް ފަނޑިޔާރުންގެ ފުލް ބެންޗްގެ އިއްތިފާގުން މިއަދު ނިންމާފައި ވަނީ ސުލޫކީ ފިޔަވަޅެއްގެ އުސޫލުން ވައްޑޭ ޕާޓީ އިން ވަކިކޮށްފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 28 ވަނަ ދުވަހުގައި ކަމަށާއި އެކަން ސިޓީއަކުން ޕީޕީއެމްއިން ވައްޑެއަށް އަންގާފައިވާއިރު އެ ސިޓީގެ ކޮޕީއެއް އިލެކްޝަން ކޮމިޝަނަށް ވެސް ފޮނުވާފައިވާ ކަމަށެވެ.

ނަމަވެސް އިލެކްޝަން ކޮމިޝަނުން އެ ކޮމިޝަންގެ މަސްއޫލިއްޔަތު އަދާކޮށްފައިނުވުމަކީ ވައްޑެ ހައްގަށް އުނިކަން އަންނަންޖެހޭނެ ކަމެއް ނޫން ކަމަަށެވެ. އެހެންވެ ތުލުސްދޫ ދާއިރާގެ މެންބަރަކީ އަދިވެސް ވައްޑޭ ކަމަށާއި އެ މައްސަލާގައި އިތުރު ގޮތެއް ކަނޑައަޅަން ނުޖެހޭ ކަމަށެވެ. އަދި މީގެ ކުރިން ސުޕްރީމް ކޯޓުން ނިންމި ނިންމުން ވެސް ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ.