12 މެންބަރުންގެ މައްސަލަ

ބާކީ ހަތަރު މެންބަރުންގެ ގޮނޑީގެ ހުކުމް މާދަމާ އިއްވަނީ

އިލެކްޝަން ކޮމިޝަނުން ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައަޅާފައިވާ ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެންބަރެއްގެ ގޮނޑީގެ މައްސަލާގައި މާދަމާ ސުޕްރީމް ކޯޓުން ހުކުމް ކުރުމަށް ނިންމައިފި އެވެ.

މާދަމާއަަށް ތާވަލްކޮށްފައިވަނީ ހަނިމާދޫ ދާއިރާގެ މެންބަރު ހުސެއިން ޝަހުދީ އާއި އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ އާއި ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އަދި ފުވައްމުލައް އުތުރު ދާއިރާގެ މެންބަރު އަލީ ޝާހްގެ މައްސަލަ އެެވެ.

ސުޕްރީމް ކޯޓުގެ ފްލޯ ކްރޮސިންގެ ހުކުމަށް ރިއާޔަތްކޮށް އިލެކްޝަން ކޮމިޝަނުން ޖުމްލަ 12 މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅި އެވެ.

މިއަދު ވަނީ އެ 12 މެންބަރުންގެ ތެރެއިން ހަތަރު މެންބަރެއްގެ ގޮނޑީގެ މައްސަލަ ނިންމާފަ އެވެ. ސުޕްރީމް ކޯޓުން ހުކުމްކުރީ އެ ހަތަރު މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށެވެ. އެ ހަތަރު މެންބަރުންނަކީ މައްޗަންގޯޅީ ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ސިނާން އާއި ތިނަދޫ އުތުރު ދާއިރާގެ މެންބަރު އަބްދުﷲ އަހުމަދާއި ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދާއި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ އެވެ.

މީގެކުރިން ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިނާއި ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދާއި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު އަދި ދިއްދޫ ދާއިރާގެ އަބްދުލް ލަތީފް މުހައްމަދުގެ ގޮނޑި ވެސް ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފަ އެވެ.