ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރީހިމްގެ ދޮށީ ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތުގެ މައްސަލައިގެ ޝަރީއަތެއް މިއަދު ކުރިމިނަލް ކޯޓްގައި ތައާވަލް ކޮށްފި އެވެ.
ސައީދާއި ހަމީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ހިފުމުގެ ދައުވާގެ ޝަރީއަތާއި ސިޔާދުގެ މައްޗަށް އުފުލާފައިވާ ރިޝްވަތު ދިނުމުގެ ދައުވާގެ ޝަރީއަތް ކުރިމިނަލް ކޯޓްގައި ތައާވަލް ކޮށްފައިވަނީ މިއަދު މެންދުރުފަހު 1:00
އަށެވެ.
ސިޔާދަށް ކޮށްފައިވާ ދައުވާގައި ވަނީ، ޖުޑީޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދު ދިރިއުޅޭ އެޕާޓްމެންޓް ބަލާ ފާސް ކުރުމުގެ ތެރޭގައި ފެނުނު ބެކްޕެކްއެއްގެ ތެރެއިން ސިޔާދު ގާސިމް ސޮއި ކޮށްފައިވާ ސިޓީއެއް ފެނިފައިވާ ކަމަށެވެ. އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއި އެ ފަނޑިޔާރުގެ ދަރިކަލަށް 2.4 މިލިއަން ޑޮލަރު ދީފައިވާކަން އެ ސިޓީން އެނގޭ ކަމަށެވެ. އަދި މެލޭޝިއާއިން ވިލާތަކެއް ރިޒާވްކޮށް އޭގެ ބައެއް ފައިސާ ވިލާ ކުންފުނިން ދައްކާފައިވާ ކަމަށް ވެސް ދައުވާގައިވެ އެވެ.
ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރި ސިޔާދު ކްރިމިނަލް ކޯޓުން ދޫކޮށްލީ ފަސް މަހާއި 13 ދުވަހަށް ބަންދުގައި ބެހެއްޓުމަށްފަހު މިދިޔަ ޖުލައި މަހުގެ 19 ވަނަ ދުވަހު އެވެ.
ސައީދާއި އަލީ ހަމީދުގެ މައްޗަށް އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވުމުގެ ދައުވާ ސާބިތުވެ ހުކުމް އިއްވާފައި ވެއެވެ. އަދި ސައީދުގެ މައްޗަށް ޖެމްސް މައްސަލައިގެ ކުށް ސާބިތުވެ ހުކުމް އިއްވާފައި ވެއެވެ. އެ ދެބޭފުޅުންގެ ފަނޑިޔާރުކަންވެސް ވަނީ ގެއްލިފަ އެވެ.
އަބްދުﷲ ސައީދުގެ މައްޗަށް މިހާތަނަށް ތިން ކުށެއް ސާބިތުވެފައިވާއިރު އަލީ ހަމީދުގެ މައްޗަށް ސާބިތުވެފައިވަނީ ދެ ކުށެކެވެ. އެކެއް ފެބުރުއަރީގެ އަމުރު ނެރުނު މައްސަލާގައި އުއްތަމަ ފަނޑިޔާރާއި ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުމުގެ ދައުވާ ވެސް އުފުލާފައިވެ އެވެ. ޓެރަރިޒަމް މައްސަލާގެ ޝަރީއަތް ވެސް ވަނީ
ފަށާފަ އެވެ.