ހަބަރު

ދެ ފަނޑިޔާރުންނާއި އަރީފް އަދި އިލްހާމްވެސް ކޯޓަށް ހާޒިރު ކުރަނީ

ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ކުރީގެ ސްޕްރީމް ކޯޓްގެ ފަނޑިޔާރު އަލީ ހަމީދާއި ކުރީގެ ސީޕީ އަހުމަދު އަރީފް އަދި ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހުމަދުގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ހަވީރު ކްރިމިނަލް ކޯޓަށް ހާޒިރު ކުރަން ނިންމައިފި އެވެ.

ސައީދާއި ހަމީދުގެ މައްޗަށް ވަނީ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ސާބިތުވެ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފަ އެވެ. ނަމަވެސް ހައިކޯޓުން ވަނީ ދެ ފަނޑިޔާރުންނަށް ކުށް ސާބިތުވި ނަމަވެސް އަދަބު ކުޑަކުރަން ޖެހޭ ކަމަށް ކަނޑައަޅާފަ އެވެ. އެގޮތުން ހައިކޯޓުން އިއްވީ އެއް އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ.

އަރީފްގެ މައްޗަށް ވަނީ އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ބަޔަކާއި ބައިވެރިވެގެން ދުރާލާ ރާވައިގެން ތަންފީޒު ކުރަން މަސައްކަތް ކުރިކަމަށްބުނެ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ.

އިލްހާމް ހައްޔަރުކޮށް މާފުށީ ޖަލުގައި ބަންދުކޮށްފައިވާއިރު އޭނާގެ މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ. އެއީ އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން އަމުރެއް ނެރެ ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބުނާ މައްސަލާގަ އެވެ.

ހަތަރު ބޭފުޅުން ކޯޓަށް ހާޒިރުކުރާއިރު، ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމާއި، މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު އަހުމަދު ސިނާނާއި ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނާއި ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާއި ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމްވެސް މިއަދު ކޯޓަށް ހާޒިރުކޮށްފަ އެވެ. މީގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހްލީފްވެސް ވަނީ ބަންދާމެދު ގޮތެއް ނިންމުމަށް މާދަމާ ކޯޓަށް ހާޒިރު ކުރުމަށް ނިންމާފަ އެވެ.