ހަބަރު

މައުމޫނާއި ދެ ފަނޑިޔާރުންގެ ދީނީ އަދި ގާނޫނީ ހުއްދަތައް ބާތިލުކޮށްފި

ދީނީ އަދި ގާނޫނީ ގޮތުން އިލްމް ހާސިލު ކުރައްވާފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދަށް ދީފައިވާ ދީނީ އަދި ގާނޫނީ ހުރިހާ ހުއްދަތެއް ކުރިމިނަލް ކޯޓުން މިއަދު ބާތިލުކޮށްފި އެވެ. ބާތިލުކުރި ހުއްދަތަކުގެ ތެރޭގައި ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އާއި ގާނޫނީ ލަފާ ދިނުމުގެ ހުއްދަ އާއި ގާނޫނީ ވަކީލެއްގެ ހުއްދަ ދިނުން ހިމެނެ އެވެ.

ހުއްދަތައް ބާތިލުކުރަން ކުރިމިނަލް ކޯޓުން މިއަދު އަމުރު ނެރުނީ ތިން ބޭފުޅުންގެ މައްޗަށް އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވުމުންނެވެ. އެ ދައުވާ ތިން ބޭފުޅުންގެ މައްޗަށް ކުރީ ތަހުގީގަށް ފޯނު ނުދެއްވި މައްސަލާގަ އެވެ.

ތިން ބޭފުޅުންގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައެޅުއްވުމަށްފަހު މައްސަލަ ބައްލަވާ ގާޒީ ހަސަން ނަޖީބު ވިދާޅުވީ، ދައުވާ ލިބޭ ފަރާތްތަކީ ދީނީ އަދި ގާނޫނީ ގޮތުން އިލްމް ހާސިލު ކުރައްވައިގެން ތިއްބެވި ބޭފުޅުންނަށްވެ ޒިންމާދާރު މަގާމުތަކުގައި ތިއްބަވައިގެން މިފަދަ ކުށެއް ކުރެއްވުމަކީ އެބޭފުޅުންގެ އަހްލާގީ އަދި ސުލޫކީ ގޮތުން ގާނޫނީ އަދި ދީނީ ގޮތުން ދެވިފައިވާ ހުއްދަތައް ބާތިލުކުރަން ޖެހޭ ފަދަ ކަމެއް ކަމަށެވެ.

ހުކުމް އިއްވެވުމަށް ތިން ބޭފުޅުން ކޮޅަށް ނެންގެވުމަށްފަހު ގާޒީ ވިދާޅުވީ، މައްސަލާގައި ކުށް ސާބިތުވާތީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ތިން ބޭފުޅުންނަށް އިއްވާ ކަމަށެވެ. އަދި ކުށުގެ ވަށައިގެންވާ ކަންކަމަށް ބެލުމަށްފަހު އިތުރު އަދަބެއްގެ ގޮތުން ތިން ބޭފުޅުންނަށް ދީފައިވާ ދީނީ އަދި ގާނޫނީ ހުއްދަތައް ބާތިލުކުރައްވާ ކަމަށެވެ.

ޖަލު ހުކުމް ތަންފީޒުކޮށް ނިމުމުން ހުއްދަތަކާ ގުޅޭ ގޮތުން އިތުރު ގޮތެއް ނުނިންމާހާ ހިނދަކު ހުއްދަތައް އޮންނާނީ ބާތިލުވެފަ ކަމަށް ގާޒީ ވިދާޅުވި އެވެ.

ހުއްދަތައް ބާތިލުކުރެއްވިއިރު ރައީސް މައުމޫނަކީ ދީނީ ނަސޭހަތް ދެއްވުމުގެ ހުއްދަ އޮންނަ ބޭފުޅެކެވެ. އަދި އެތައް ޒަމާނަކުން ފެށިގެން ދީނީ ނަސޭހަތް ދެއްވަމުން އަންނަ ބޭފުޅެކެވެ. ގާނޫނީ ގޮތުން އިލްމް ހާސިލު ކުރައްވައިގެން ތިއްބެވި ދެ ފަނޑިޔާރުންގެ އަތުގައި ވަކީލުކަމުގެ ހުއްދަ އޮވެއެވެ.

މިއީ ރައީސް މައުމޫންގެ މައްޗަށް ސާބިތުވި ފުރަތަމަ ކުށެވެ. އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް މީގެކުރިން ދެ ކުށެއް ސާބިތުވެފައިވާއިރު ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ސާބިތުވި މިއީ ދެވަނަ ކުށެވެ. އަދިވެސް ތިން ބޭފުޅުންގެ މައްޗަށް އިތުރު ދައުވާތަކެއްކޮށް، ކުރިމިނަލް ކޯޓުގައި ޝަރީއަތް ހިންގަ އެވެ.