ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ތަހުގީގަށް ފޯނު ނުދެއްވި މައްސަލާގައި އެ ބޭފުޅުންގެ މައްޗަށް އުފުލާފައިވާ އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާގެ ބަޔާންތަކުގައި ތިން ބޭފުޅުން މިއަދު ސޮއިކުރައްވައިފި އެވެ.
މިއަދު 11:00 އަށް މައްސަލާގެ ހުލާސާ ބަޔާން އިއްވުމަށް އަޑުއެހުން ތާވަލުކުރި އެވެ. ނަމަވެސް އެ އަޑުއެހުން ކެންސަލްކުރި އެވެ. އަޑުއެހުން ކެންސަލްކުރީ ބަޔާންތަކުގައި ސޮއިކުރެއްވުމަށް ގިނަ ވަގުތުތަކެއް ހޭދަވުމުންނެވެ. އެ އަޑުއެހުން މިހާރު ތާވަލުކޮށްފައިވަނީ މާދަމާއަށެވެ.
މި މައްސަލައިގެ ޝަރީއަތެއް އެންމެ ފަހުން ބާއްވާފައިވަނީ އާދިއްތަ ދުވަހުގެ ރޭ އެވެ. އެ ޝަރީއަތުގައި ދައުލަތުގެ ފަރާތުން ހުށަހެޅި ފަސް ހެއްކެއްގެ ހެކި ބަސް ނަގާފައިވެ އެވެ. އެ ރޭ ހެކި ބަސް ނަގާފައިވަނީ ދެ ފަނޑިޔާރުން ހައްޔަރުކުރުމުގެ އޮޕަރޭޝަން ހިންގި ދެ ފުލުހަކާއި މައުމޫން ހައްޔަރުކުރުމުގެ އޮޕަރޭޝަން ހިންގި ދެ ފުލުހެއްގެ އިތުރުން ސިއްރު ހެއްކެއްގެ އެވެ. މީގެކުރިން ތިން ސިއްރު ހެއްކެއްގެ ހެކި ބަސް ކުރީގެ އަޑުއެހުމުގައި ނަގާފައިވެ އެވެ.
ދައުލަތުން ހުށަހެޅި ހުރިހާ ހެއްކެއްގެ ހެކި ބަސް ނެގިއިރު ދެ ފަނޑިޔާރުންގެ ފަރާތުން ދިފާއީ ހެކި ވެސް ހުށަހެޅި އެވެ. ނަމަވެސް އެ ހެކިންގެ ހެކި ބަސް ނުނަގަން މައްސަލަ ބައްލަވާ ގާޒީ ހަސަން ނަޖީބު ނިންމެވި އެވެ. ގާޒީ ވިދާޅުވީ، ދައުލަތުގެ ހެކި ބަސް ނެގިފައިވާއިރު ދިފާއީ ހެކިންގެ ހެކި ބަސް ނަގާނެ ސަބަބެއް ނެތް ކަމަށެވެ.
މި މައްސަލާގެ ހުކުމް މި ހަފުތާގެ ތެރޭގައި އިއްވާނެ ކަމަށް ބެލެވެ އެވެ.