ހަބަރު

މައުމޫނާއި ދެ ފަނޑިޔާރުން 1 އަހަރާއި 7 މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ. މި ހުކުމް އިއްްވީ ތަހުގީގަށް އެބޭފުޅުންގެ ފޯނު ނުދިން މައްސަލައިގަ އެވެ. އެ މައްސަލައިގައި އެބޭފުޅުންގެ މައްޗަށް ދައުލަތުން އުފުލީ އަދުލު އިންސާފު ގާއިމް ކުރުމަށް ހުރަސް އެޅުމުގެ ދައުވާ އެވެ.

މިއަދު މި މައްސަލާގައި ފަހު އަޑުއެހުން ތާވަލުކުރިއިރު ދައުލަތުން ވަނީ ހުލާސާ ބަޔާން އިއްވާފަ އެވެ. ދައުލަތުގެ ވަކީލް އައިޝަތު މުނާ ޝަމީމް ވަނީ އެ މައްސަލާގައި ދައުލަތަށް ފާހަގަކުރެވުނު ކަންކަން ފާހަގަކުރައްވާފަ އެވެ. މުނާ ވިދާޅުވި ގޮތުގައި އެ މައްސަލާގައި ދައުލަތުން ހުށަހެޅި ހެކީންގެ ހެކި ބަހުން އެ މައްސަލަ އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ދައުލަތުގެ ހުލާސާ ބަޔާނަށްފަހު އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދަށް ހުލާސާ ބަޔާން އިއްވަން ފުރުސަތު ދެއްވި އެވެ. ނަމަވެސް ދެ ބޭފުޅުން ވެސް ވަނީ ވަކީލެއް ނެތް ކަމަށް ވިދާޅުވެ ހުލާސާ ބަޔާން އިއްވުމަށް އިއުތިރާޒު ކުރައްވާފަ އެވެ. މި މައްސަލާގައި ތިން ބޭފުޅުންގެ ވަކީލުން ވެސް ތަނާޒަލްވެފަ އެވެ. އޭގެ ފަހުން އަޑުއެހުންތައް ކުރިއަށް ދިޔައީ ވަކީލަކު ނެތި އެވެ. ހެކި ބަސް ނެގުންފަދަ މުހިންމު މަރުހަލާތަކުގައި ވަކީލަކު ނެތެވެ. ތިން ބޭފުޅުން ވެސް ވަކީލެއް ހޯދަން ފުރުސަތު ބޭނުންވާ ކަމަށް ވިދާޅުވަމުން ދިޔަ ނަމަވެސް ގާޒީ ހަސަން ނަޖީބު ވިދާޅުވަމުން ދިޔައީ އެއީ ބަންދުވެފަ އޮތް ފުރުސަތެއް ނޫން ކަމާއި ކޮންމެ ވަގުތެއްގައި ވެސް ވަކީލަކު އައްޔަން ކުރެވިދާނެ ކަމަށެވެ.

ހުލާސާ ބަޔާން އިއްވުމަށް ރައީސް މައުމޫނަށް ފުރުސަތު ދެއްވުމުން ވަނީ ކަންތައްތަކެއް ފާހަގަކުރައްވާފަ އެވެ. އެގޮތުން އެ ޝަރީއަތް ކުރިއަށް ދިޔައީ ގާނޫނު އަސާސީ އާއި ޝަރީއަތާ ހިލާފަށް ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ، އިސްލާމީ ޝަރީއަތުގައި ސިއްރު ހެކި ބަސް ނެތް ކަމަށާއި އިސްލާމީ ޝަރީއަތުގައި ނެތް ކަމެއް ރާއްޖޭގައި ނުކުރެވޭނެ ކަމަށެވެ. ގާނޫނު އަސާސީއިން ވަކީލެއްގެ ހައްގު ކަށަވަރުކޮށްދޭއިރު އެ ހައްގުން ވެސް ވަނީ ހަނިކޮށްފަ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.

ރައީސް މައުމޫން ވިދާޅުވީ، އެމަނިކުފާނު އެ ދައުވާއަށް ޖުމްލަކޮށް ތަފްސީލްކޮށް އިންކާރު ކުރައްވާ ކަމަށާއި އެމަނިކުފާނަކީ އެއް އިރެއްގައި ވެސް ޖިނާއީ ކުށެއް ކުރެއްވި ބޭފުޅެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނާ ދެކޮޅަށް އެކަށީގެންވާ ހެކި ހުށަހަޅާފައިވާ ކަމަށް ގަބޫލު ވެސް ނުކުރައްވާ ކަމަށާއި ހުށަހެޅި ހެކިންގެ ހެކި ބަހުން ވެސް އެނގުނީ ފޯނު ދެއްވަން އެމަނިކުފާނު ދެކޮޅު ހައްދަވާފައި ނެތްކަން ކަމަށެވެ. އަދި ފޯނަކީ އޭގެ ޒާތުގައި ހެއްކަކަށް ނުވާއިރު އޭގައި ހެކި ހުރިކަން ދައުލަތަށް ސާބިތުކޮށްދެވިފައިނުވާ ކަމަށެވެ. ހެކި ހުރެދާނެ ކަމަށް ބެލުމަކީ ގާނޫނީ ބާރު ލިބޭނެ ކަމެއް ނޫން ކަމަށެވެ.

ރައީސް މައުމޫން ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރި ނަމަވެސް ފުލުހުންގެ ގާނޫނު ސަސްޕެންޑް ނުކުރާ ކަމަށެވެ. އެ ގާނޫނުގެ ދަށުން ހަދާފައިވާ ފުލުހުންގެ ގަވައިދުގައިވާ ގޮތުން މީހުން ދިރިއުޅޭ ގެޔަކަށް ފުލުހުން ވަންނަން ޖެހޭނީ ކޯޓު އަމުރެއް އޮވެގެން ކަމަށާއި ނަމަވެސް އެ ރޭ އެންދެރިމާގެ ދޮރު ވައްޓާލައި ފުލުހުން ވަނީ އެއްވެސް އަމުރެއް ނެތި ކަމަށެވެ. އެހެންވެ އެއީ ބާތިލު އިޖުރާއަތެއްގެ މައްޗަށް ހިންގި ތަހުގީގެއް ކަމަށާއި ބާތިލު އިޖުރާއަތެއްގެ މައްޗަށް ތަރުތީބުވެގެން އަންނަ ހުރިހާ ކަމެއް ބާތިލުވާނެ ކަމަށެވެ.

ހުކުމް އިއްވުމަށް ފަސް ވަރަަކަށް މިނެޓް ބްރޭކެއް

ހުލާސާ ބަޔާން އިއްވައި ނިމުމުން މައްސަލާގެ އަޑުއެހުންތައް ނިމުނީ ކަމަށް ވިދާޅުވެ ގާޒީ ނަޖީބު ފަސް ވަރަކަށް މިނެޓްގެ ބްރޭކެއް ނެންގި އެވެ. ފަސް ވަރަކަށް މިނެޓްގެ ބްރޭކެއް ނަންގަވަނީ ހުކުމް އިއްވުމަށް ކަމަށް ވެސް ވިދާޅުވި އެވެ. އޭގެ އިރުކޮޅެއް ފަހުން ގާޒީ އަނބުރާ ޝަރީއަތުގެ މާލަމަށް ވަޑައިގެން ޝަރީއަތަށް ފާހަގަކުރެވުނު ނުކުތާތައް އިއްވަވަން ފެއްޓެވި އެވެ.

ގާޒީ ވިދާޅުވީ، ޝަރީއަތް ކުރިއަށް ގެންގޮސްފައިވަނީ ދައުވާ ލިބޭ ފަރާތްތަކަށް ދޭން ޖެހޭ އެންމެހާ ހައްގުތަކެއް ދީގެން ކަމަށެވެ. އެގޮތުން ދައުވާ ސާފުކުރުމަށް ވާހަކަ ދެއްކުމުގެ ހައްގާއި ދައުވާއާ ގުޅޭ ލިޔުންތައް ފޯރުކޮށްދިނުމާއި ވަކީލުން އައްޔަންކުރަން ފުރުސަތު ދިންކަން ފާހަގަކުރެއްވި އެވެ. އަދި ވަކީލުން އައްޔަން ކުރަން ފުރުސަތު ދިނުމުން ތިން ބޭފުޅުން ވެސް ވަކީލުންގެ ޓީމެއް އައްޔަން ކުރެއްވިކަން އެނގޭ ކަމަށެވެ. ހައްގުތަކަކީ ދައުވާ ލިބޭ ފަރާތްތަކުން އެދޭހާ ގޮތަކަށް އެދޭހާ ވަގުތު ދޭން އޮންނަ ކަންކަމެއް ނޫން ކަމަށާއި އެއީ ހަމަތަކާއި އުސޫލުތަކެއްގެ ތެރެއިން ދެވޭ ހައްގުތަކެއްކަން ވެސް ފާހަގަކުރެއްވި އެވެ.

މައްސަލައިން ވަކީލުން ތަނާޒަލްވުމުން ވެސް އިތުރު ވަކީލުން އައްޔަންކުރުމުގެ ފުރުސަތު ހުޅުވިފަ އޮތް ކަމަށާއި ވަކީލުން ތަނާޒަލްވުމަކީ ޝަރީއަތް މެދުކަނޑާލަން ޖެހޭ ސަބަބެއް ވެސް ނޫން ކަމަށް ގާޒީ ވިދާޅުވި އެވެ. ވަކީލުން ތަނާޒަލްވުމުން ވެސް ވަކީލުން އައްޔަން ކުރުމުގެ ފުރުސަތު ހުޅުވިފަ އޮތްނަމަ އެއީ ޝަރީއަތް މެދުކަނޑާލަން ޖެހޭ ސަބަބެއް ނޫން ކަމަށް ގާޒީ ވިދާޅުވީ ސުޕްރީމް ކޯޓުން މީގެކުރިން ނިންމާފައިވާ ނިންމުމެއްގައި ކަނޑައަޅާފައިވާ އުސޫލުތަކަށް ރިޔާއަތް ކުރުމަށްފަހު އެވެ.

އެއަށްފަހު ގާޒީ ނަޖީބު ވިދާޅުވީ، ކުށް ސާބިތުކުރުމަށް މި މައްސަލާގައި އެކަށީގެންވާ ހެކި ލިބިފައިވާ ކަމަށް ޝަރީއަތަށް ބުރަވެވޭ ކަމަށެވެ. އެގޮތުން ދެ ފަނޑިޔާރުންނާ ދެކޮޅަށް ހެކި ބަސް ދިން ދެ ފުލުހުންގެ ހެކި ބަހުން އެ ބޭފުޅުން ފޯނު ދެއްވުމަށް އިންކާރު ކުރެއްވި ކަމާއި ފޯނު ގެންގުޅުއްވާކަން އެނގޭ ކަމަށެވެ. އަދި މައްސަލާގައި ދެ ފަނޑިޔާރުންނާ ދެކޮޅަށް ސިއްރުން ހެކި ބަސް ދިން ހެކިވެރިންގެ ހެކި ބަހުން ވެސް ދެ ފަނޑިޔާރުން ފޯނު ގެންގުޅުއްވާކަން އެނގޭ ކަމަށެވެ. ދެ ބޭފުޅުންގެ ބަޔާނު ވެސް އެކަން އެނގޭ ކަމަށެވެ.

ރައީސް މައުމޫން ވެސް ފޯނު ގެންގުޅުއްވާކަން ހެކީންގެ ހެކި ބަހުން އެނގޭ ކަމަށާއި ފޯނު ނުދެއްވީ ހެކި ފޮރުވުމުގެ ބޭނުމުގައި ކަމަށް ބެލެން އެބަ އޮތް ކަމަށެވެ. އެމަނިކުފާނު ޖީބުގައި އަތްލެއްވުމަށްފަހު ފޯނު ނެތޭ ވިދާޅުވެ އަނބިކަނބަލުން ގާތު ފޯނު ހޯދެއްވުމަށް އެންގެވެމުން ފޯނެއް ގެންގުޅުއްވާކަން ސާބިތުވާ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ. ތަހުގީގަށް ފުލުހުން އެއްޗެއް ދޭން އެނގުމުން އެއީ ހެއްކަށް ވިޔަސް ނުވިޔަސް ދޭން ޖެހޭނެ ކަމަށާއި ހެކި ފޮރުވުން ނުވަތަ ހެކި ހިފެހެއްޓުމަކީ ޖިނާއީ ކުށެއްކަން ވެސް ފާހަގަކުރެއްވި އެވެ.

އެހެންވެ ތިން ބޭފުޅުންގެ މައްޗަށް ތަހުގީގަށް ފޯނު ދެއްވުމަށް އިންކާރު ކުރައްވައި އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސް އެޅުމުގެ ދައުވާ ސާބިތުވާ ކަމަށް ގާޒީ ކަނޑައެޅުއްވި އެވެ. އަދި، އަދަބާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށް ދައުލަތަށް ފުރުސަތު ދެއްވި އެވެ.

ދައުލަތުގެ ވަކީލް މުނާ ވިދާޅުވީ، މި ކުށަކީ ހަތަރުވަނަ ދަރަޖައިގެ ކުށެއް ކަމަށާއި އަދަބުގެ އަސާސީ މިންގަނޑަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަސް ކަމަށެވެ. ކުށުގެ އަދަބު މި މައްސަލާގައި ބޮޑުކުރަން ޖެހޭ ސަބަބެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް މުނާ ވިދާޅުވި އެވެ.

އެއާއެކު ގާޒީ ވަނީ އަދަބާ ގުޅޭ ގޮތުން ދެ ފަނޑިޔާރުންނާއި ރައީސް މައުމޫނަށް ވާހަކަ ދެއްކެވުމަށް ފުރުސަތު ދެއްވާފަ އެވެ. ނަމަވެސް ދެ ފަނޑިޔާރުން ވިދާޅުވީ ވަކީލުން ނެތި ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ. ރައީސް މައުމޫން ވެސް ވިދާޅުވީ، އަދަބާ ގުޅޭ ގޮތުން ދައްކަވާނެ ވާހަކައެއް ނެތް ކަމަށާއި ނަމަވެސް އެމަނިކުފާނުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. އެ މައްސަލަ އިސްތިއުނާފުކޮށް ދެން ދައްކަވަން ހުރި ވާހަކަތައް ދައްކަވާނެ ކަމަށް ވިދާޅުވެ އިށީނދެވަޑައިގަތެވެ.

އެއަށްފަހު ގާޒީ ނަޖީބު ވިދާޅުވީ، ދައުވާ ލިބޭ ފަރާތްތަކީ ދީނީ އަދި ގާނޫނީ ގޮތުން އިލްމް ހާސިލު ކުރައްވައިގެން ތިއްބެވި ބޭފުޅުންނަށްވެ ޒިންމާދާރު މަގާމުތަކުގައި ތިއްބަވައިގެން މިފަދަ ކުށެއް ކުރެއްވުމަކީ އެބޭފުޅުންގެ އަހްލާގީ އަދި ސުލޫކީ ގޮތުން ގާނޫނީ އަދި ދީނީ ގޮތުން ދެވިފައިވާ ހުއްދަތައް ބާތިލުކުރަން ޖެހޭ ފަދަ ކަމެއް ކަމަށެވެ. އެއީ މައްސަލާގައި އަދަބު ބޮޑުކުރަން ޖެހޭ ސަބަބެއް ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ހުކުމް އިއްވެވުމަށް ތިން ބޭފުޅުން ކޮޅަށް ނެންގެވުމަށްފަހު ގާޒީ ވިދާޅުވީ، މައްސަލާގައި ކުށް ސާބިތުވާތީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް ތިން ބޭފުޅުންނަށް އިއްވާ ކަމަށެވެ. އަދި ކުށުގެ ވަށައިގެންވާ ކަންކަމަށް ބެލުމަށްފަހު އިތުރު އަދަބެއްގެ ގޮތުން ތިން ބޭފުޅުންނަށް ދީފައިވާ ދީނީ އަދި ގާނޫނީ ހުއްދަތައް ބާތިލުކުރައްވާ ކަމަށެވެ. ބާތިލުކުރި ހުއްދަތަކުގެ ތެރޭގައި ދީނީ ނަސޭހަތް ދިނުމުގެ ހުއްދަ އާއި ގާނޫނީ ލަފާ ދިނުމުގެ ހުއްދަ އާއި ގާނޫނީ ވަކީލެއްގެ ހުއްދަ ދިނުން ހިމެނެ އެވެ.

މިއީ ރައީސް މައުމޫންގެ މައްޗަށް ސާބިތުވި ފުރަތަމަ ކުށެވެ. އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް މީގެކުރިން ދެ ކުށެއް ސާބިތުވެފައިވާއިރު ފަނޑިޔާރު އަލީ ހަމީދުގެ މައްޗަށް ސާބިތުވި މިއީ ދެވަނަ ކުށެވެ. އަދިވެސް ތިން ބޭފުޅުންގެ މައްޗަށް އިތުރު ދައުވާތަކެއްކޮށް، ކުރިމިނަލް ކޯޓުގައި ޝަރީއަތް ހިންގަ އެވެ.