ހަބަރު

މައުމޫނާއި ފަނޑިޔާރުންގެ ޝަރީއަތުގެ ފަހު އަޑުއެހުން މާދަމާ

Jun 11, 2018
1

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ތަހުގީގަށް ފޯނު ނުދެއްވި މައްސަލާގައި އެ ބޭފުޅުންގެ މައްޗަށް އުފުލާފައިވާ އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާގެ ޝަރީއަތެއް މާދަމާ ބޭއްވުމަށް ތައާވަލް ކޮށްފި އެވެ.

ރައީސް މައުމޫނާއި ދެ ފަނޑިޔާރުންގެ މައްޗަށްކުރާ އަދުލު އިންސާފު ގާއިމު ކުރުމަށް ހުރަސް އެޅުމުގެ ދައުވާގެ ޝަރީއަތް ތައާވަލް ކޮށްފައިވަނީ މާދަމާ 11:00 އަށެވެ. މާދަމާގެ ޝަރީއަތުގައި އޮންނާނީ މައްސަލައިގެ ހުލާސާ ބަޔާން އިއްވުމެވެ.

މި މައްސަލައިގެ ޝަރީއަތެއް އެންމެ ފަހުން ބާއްވާފައިވަނީ ރޭގަ އެވެ. އެ ޝަރީއަތުގައި ދައުލަތުގެ ފަރާތުން ހުށަހެޅި ފަސް ހެއްކެއްގެ ހެކި ބަސް ނަގާފައިވެ އެވެ. މީގެކުރިން ތިން ސިއްރު ހެއްކެއްގެ ހެކި ބަސް ކުރީގެ އަޑުއެހުމުގައި ނަގާފައިވެ އެވެ. ރޭ ހެކި ބަސް ނަގާފައިވަނީ ދެ ފަނޑިޔާރުން ހައްޔަރުކުރުމުގެ އޮޕަރޭޝަން ހިންގި ދެ ފުލުހަކާއި މައުމޫން ހައްޔަރުކުރުމުގެ އޮޕަރޭޝަން ހިންގި ދެ ފުލުހެއްގެ އިތުރުން ސިއްރު ހެއްކެއްގެ އެވެ.

ދައުލަތުން ހުށަހެޅި ހުރިހާ ހެއްކެއްގެ ހެކި ބަސް ރޭ ނެގިއިރު ދެ ފަނޑިޔާރުންގެ ފަރާތުން ދިފާއީ ހެކި ވެސް ހުށަހެޅި އެވެ. ނަމަވެސް އެ ހެކިންގެ ހެކި ބަސް ނުނަގަން ގާޒީ ރޭ ނިންމެވި އެވެ. ގާޒީ ވިދާޅުވީ، ދައުލަތުގެ ހެކި ބަސް ނެގިފައިވާއިރު ދިފާއީ ހެކިންގެ ހެކި ބަސް ނަގާނެ ސަބަބެއް ނެތް ކަމަށެވެ.