ހަބަރު

މުހްޔުއްދީންގެ ހާއްސަ އެހީއަށް ބޭނުންވާ 33 ދަރިވަރަކު ޓްރީޓޮޕަށް ޒިޔާރަތްކޮށްފި

މުހްޔިއްދީން ސުކޫލުގައި ކިޔަވަމުންދާ ހާއްސައެހީއަށް ބޭނުންވާ 33 ދަރިވަރަކު ޓްރީޓޮޕަށް ޒިޔާރަތްކޮށްފި އެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ ވިލިމާލޭ މުހްޔިއްދީން ސުކޫލުގެ އެ ދަރިވަރުންގެ ޒިޔާރަތުގެ ބޭނުމަކީ އެ ހޮސްޕިޓަލުން ލިބެން ހުންނަ ހިދުމަތްތައް ބަލާ މައުލޫމާތު ހޯދުން ކަމަށެވެ. އެކުދިންގެ ބެލެނެވެރިންނާއެކު ކުރި ޒިޔާރަތުގައި ޓްރީޓޮޕް ހޮސްޕިޓަލުގެ ޓީމާއި ބައްދަލުކޮށް ވަނީ، ގްރޫޕް ސެޝަންތަކެއްގެ ގޮތުގައި ފިޒިއޮތެރަޕީއާއި ސްޕީޗް ތެރަޕީގެ އިތުރުން އޮކިއުޕޭޝަނަލް ތެރަޕީ ސެޝަންތަކުގައި ޢަމަލީގޮތުން ކުދިން ބައިވެރިކޮށް ހިދުމަތްތައް ތަޖްރިބާކޮށްފައެވެ.

މީގެ އިތުރުން އެ ތެރަޕީތަކުގެ ތެރެއިން ދަރިވަރުންނާއި، ބެލެނެވެރިންނަށް ގޭގައި ކުރިޔަށް ގެންދެވިދާނެ ތެރަޕީތަކާއި ގުޅޭ މައުލޫމާތުވެސް ހިއްސާކޮށްފައިވާ ކަމަށް ޓްރީޓޮޕުން ވަނީ ބުނެފަ އެވެ.

މުހްޔިއްދީން ސުކޫލުން ބުނީ ޓްރީޓޮޕަށް ދަރިވަރުންނާއި، ބެލެނެވެރިން ކުރި ޒިޔާރަތުގައި ވަރަށް ތަފާތު ތަޖުރިބާތަކެއް ކޮށްފައިވާ ކަމަށެވެ. އަދި އެކަމަށްޓަކައި ޓްރީޓޮޕްގެ މެނޭޖްމަންޓަށާއި، ތެރަޕިސްޓުންނާއި، އެކަން ރޭވި ހުރިހާ ފަރާތްތަަަކަށް މުހްޔިއްދީން ސުކޫލުގެ ފަރާތުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.