ޓްރީ ޓޮޕް ހޮސްޕިޓަލް

ރާއްޖޭގައި އައިވީއެފް ހެދި ފުރަތަމަ ދަރިފުޅު ވިހައިފި

ރާއްޖޭގައި އައިވީއެފް ހެދި ފުރަތަމަ ދަރިފުޅު ޓްރީ ޓޮޕް ހޮސްޕިޓަލްގައި ވިހައިފި އެވެ.

ރާއްޖޭގައި އައިވީއެފް ހެދުމުގެ ހިދުމަތް މިވަގުތު ދެނީ ހަމައެކަނި ޓްރީ ޓޮޕް ހޮސްޕިޓަލް ގައެވެ.

އެ ތަނުގައި އައިވީއެފް ހަދައިގެން ލިބުނު ފުރަތަމަ ދަރިފުޅު ވިހާފައިވަނީ މިދިޔަ އާދިއްތަ ދުވަހު އެވެ. އަދި ދެވަނަ ދަރިފުޅު އިއްޔެ ވަނީ ވިހާފަ އެވެ.

އައިވީއެފްގެ ފުރަތަމަ ދަރިފުޅު ވިހާފައިވަނީ އުމުރުން 36 އަހަރުގެ އަންހެނެކެވެ. ޓްރީ ޓޮޕް ހޮސްޕިޓަލުން މައުލޫމާތު ދޭ ގޮތުގައި ދެމައިންގެ ހާލުވެސް ރަނގަޅެވެ.

ރާއްޖޭގައި އައިވީއެފްގެ ހިދުމަތް ދޭން ފެށުމާ ގުޅިގެން ސަރުކާރުން ވަނީ މި ހިދުމަތް ހޯދަން ބޭނުންވާ މީހުންނަށް އާސަންދަ ލިބޭނެ ގޮތް ހަމަޖައްސައި އެކަމާ ގުޅޭ އުސޫލެއް އެކުލަވާލާފަ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގައި ރަސްމީކޮށް އައިވީއެފްގެ ހިދުމަތް ދޭން ފެށީ މެއި 29، 2023 ގައެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގައި ފުރަތަމަ ބެޗުގައި 16 މީހުން އައިވީއެފް ހެދއިރު އެމްބްރިޔޮ ޓްރާންސްފާ ހެދި 10 މީހުންގެ ތެރެއިން ހަ މީހުން ބަނޑުބޮޑުވި ކަމަށް އެ ހޮސްޕިޓަލުން ހާމަކޮށްފައިވެ އެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލުން މިއަދު ބުނީ އައިވީއެފް ހަދައިގެން މާބަނޑުވެފައިވާ މީހުންގެ ތެރޭގައި ރާއްޖެއިން ބޭރުން ތިން ހަތަރު ފަހަރު އައިވީއެފް ހަދައި ކާމިޔާބު ވެފައި ނުވާ މީހުންވެސް ހިމެނޭ ކަމަށެވެ.