ޕީޕީއެމްގެ ބާރުތައް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ހަވާލު ކުރުމަށް އެދި ސިވިލް ކޯޓަށް ވައްދާފައިވާ މައްސަލާގައި ވަކި ގޮތެއް އެ ކޯޓުން ނިންމަންދެން އެ ޕާޓީން ނިންމާ ކަންކަން ތަންފީޒު ނުކުރާނެ ކަމަށް އިލެކްޝަން ކޮމިޝަން، އީސީއިން ބުނެފި އެވެ.
ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ވަނީ އިއްޔެ އީސީގެ ރައީސް އަހުމަދު ޝަރީފަށް ސިޓީ އެެއް ފޮނުވައި ސިވިލް ކޯޓަށް މިހާރު ހުށަހެޅި ކުރިއަށް ގެންދާ ޕީޕީއެމްގެ މައްސަލައިގައި ވަކި ގޮތެއް ކަނޑައެޅެންދެން ޕީޕީއެމްގެ ހިންގުމާ ހަވާލުވެފައިވާ ފަރާތްތަކުން ނިންމާ ނިންމުންތައް ތަންފީޒުކުރުން ފަސްކޮށްދިނުމަށް ވެސް އެދިފައެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފް ވިދާޅުވީ، ޕީޕީއެމްއިން ބައެއް މެންބަރުން އެ ޕާޓީން ވަކި ކުރުމަށް އިލެކްޝަން ކޮމިޝަނަށް ހުށަހަޅަން މަސައްކަތް ކުރަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް އެ ޕަޓީގެ ލީޑާޝިޕްގެ ހާލަތަށް ބަލާ، މިވަގުތު ސިވިލް ކޯޓްގައި އެޕާޓީގެ ލީޑަޝިޕާ ގުޅޭ މައްސަލައެއް ކުރިއަށްދާތީ، ޕީޕީއެމްގެ މިހާރުގެ ލީޑާޝިޕުން މަޖިލީސް މެންބަރުން ވަކި ކުރަން ނިންމާ ނިންމުންތައް ބަލައި ނުގަތުމަށް ކޮމިޝަނުން ނިންމާފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.
"ކޮމިޝަނުން ނިންމާފައި ވަނީ ސިވިލް ކޯޓުން ޕީޕީއެމްގެ ލީޑާޝިޕާ ގުޅޭ ގޮތުން ވަކި ގޮތެއް ނިމެންދެކަށް މަޖިލިސް އެއްވެސް މެންބަރަކު ވަކި ކުރުމަށްޓަކައި ޕީޕީއެމް އިން އީސީއަށް ހުށަހެޅިޔަސް އަޅުގަނޑުމެން އެއަކަށް އިޖާބަ ނުދޭން ކޮމިޝަންގެ އިއްތިފާގުން ވަނީ ނިންމާފައި،" ޝަރިފް ވިދާޅުވި އެވެ.
ރައީސް މައުމޫންއަށް ޕީޕީއެމް ހަވާލު ކުރުމަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅާފައި ވަނީ ޕީޕީއެމްގެ އާންމު މެންބަރެއް ކަމަށްވާ ގދ. ތިނަދޫ ބީޗްރެސްޓް އަހުމަދު ރަޝީދު އެވެ. އެއީ ރައީސް އަބްދުﷲ ޔާމީންގެ މުސްތަޝާރުކަމުގެ ދަށުގައި ޕީޕީއެމް އިން ކުރިިޔަށް ގެންދިޔަ ހާއްސަ ކޮންގްރަސް އީސީ އިން ބާތިލުކޮށްފައިވުމާ ގުޅިގެން އެ ޕާޓީގެ ލީޑާޝިޕް މިހާރު ސައްހަ ނުވާނެ ކަމަށް ބުނެ އެވެ.