ހަބަރު

ޕީޕީއެމް މައްސަލާގައި އޮތް ނުތަނަވަސްކަން ފިލައިފި: ޝަރީފް

ޕީޕީއެމްއަށް ވެދާނެ ގޮތަކާ މެދު އިލެކްޝަން ކޮމިޝަންގައި އޮތް ހިތް ނުތަނަވަސްކަން ފިލައިފި ކަމަށް އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވާފައިވާ ޕީޕަލްސް ނެޝަނަލް ކޮންގްރަސް ރަޖިސްޓާވި ކަމުގެ ލިޔުން ހަވާލު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ޕީޕީއެމްގެ ކޮންގްރަސްއާ ބެހޭ ގޮތުން ސުޕްރީމް ކޯޓުގެ ނިންމުމާ މެދު ކިޔާނެ އިތުރު އެއްޗެއް ނެތް ކަމަށާއި އެ ނިންމުން ބަލައިގަނެ އެއަށް އަމަލު ކުރަން ފަށާފައިވާ ކަމަށެވެ. އެ މައްސަލާގެ ތެރޭގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ކޮންގްރަސް ޕާޓީ އުފެއްދުމުން ޕީޕީއެމްއަށް ވެގެންދާނެ ގޮތެއް ކަމަށާއި ނަމަވެސް މިހާރު އެ ހިތް ނުތަނަވަސްކަން ފިލައިގެން ހިނގައްޖެ ކަމަށް ޝަރީފް ވިދާޅުވި އެވެ.

"ޕީއެމްއަކީ މިހާރު ދަފްތަރަށް ބަލާއިރު އެންމެ ބޮޑު ސިޔާސީ ޕާޓީ، އެންމެ ގިނަ މެންބަރުން ތިބި ޕާޓީ. އޭރުގައި ސޯޝަލް މީޑިއާ ތެރޭ ދެކެވުނު ވާހަކައިގެ އަލީގައި ޕީއެންސީ އުފެދުމާއެކީގައި މުޅި ލީޑާޝިޕް އެކީގައި ބަދަލުވެދާނެ ކަމުގެ ވާހަކަތަކެއް ފެންމަތިވަމުން ދިޔަ. އެކަމާ އީސީ އިން ކަންބޮޑުވި، އެއްވެސް ހާލެއްގައި ޕީޕިއެމް ނުވަތަ ޕީއެންސީ ވަކި ލީޑާޝިޕެއްގެ ދަށުން އޮތުން އެކަމަށް އަޅުގަނޑުމެންގެ ފަރާތުން ވަކި ގޮތަކަށް ބަސް ބުނެ ވަކި ގޮތަކަށް ތާއީދުކޮށް ހަދާފައެއް ނުވާނެ،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ސުޕްރީމް ކޯޓުގެ ނިންމުމާއެކު ޕީޕީއެމްގެ ހިފަހައްޓާފައި ހުރި 8.4 މިލިއަން ރުފިޔާ ދޫކުރުމަށް ވެސް އީސީއިން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ ފައިސާ ދޫކުރުމަށް ފިނޭންސް މިނިސްޓްރީ އިން އެދިފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ނަމަވެސް އެ ނިންމުމާއެކު އިތުރަށް ޕީޕީއެމްއާއެކު މަޝްވަރާ ކުރަން ޖެހޭ ކަންކަން ހުރި ކަމަށް ޝާރީފް ވިދާޅުވި އެވެ. އެގޮތުން އެ ކޮންގްރަސްގެ ތެރޭގައި މަގާމްތަކަށް އައްޔަން ކުރެއްވި ގިނަ ފަރާތްތަކުން މިހާރު ވަނީ ޕާޓީއިން ވަކިވެފައިވާ ކަމަށާއި އަދި ގިނަ މެންބަރުންވެސް ކޮންގްރަސް ޕާޓީއަސް ބަދަލުވެފައިވާ ކަމަށެވެ. އެހެންކަމުން އެކަމާ މަޝްވަރާކޮށް ގޮތްތަކެއް ނިންމަން ޖެހޭ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

އީސީގެ އިލްތިމާސް: ޕީއެންސީއަށް އާ އޮފީހެއް ހޯދާ

ކޮންގްރަސް ޕާޓީ ރަޖިސްޓާ ކުރުމަށް ފަހު ޝަރީފް ވަނީ ބައެއް ކަންކަން އެ ޕާޓީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް އިލްތިމާސް ކުރައްވައިފަ އެވެ. އެގޮތުން ޕާޓީގެ ކަންކަން އަސާސީ ގަވައިދުގެ ތެރެއިން ކުރުމަށް އެދޭ ކަމަށާއި ސިޔާސީ ހަރަކަތްތައް ހިންގުމަށް ވެސް ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކުރިޔަށް ގެންދެވުމަށް އިލްތިމާސް ކުރާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

އޭގެ އިތުރުން ޕީޕީއެމް އާއި ކޮންގްރަސް ޕާޓީ އެއް އެޑްރެސްގައި ހުންނަ މައްސަލާގައި ގިނަ ފަރާތްތަކެއް ސުވާލު އުފައްދާ ކަމާށާއި އެކަން އޮޅުން ނާރާނެ ގޮތަކަށް އެޑްރެސް ހެއްދެވުމަށް އިލްތިމާސް ކުރައްވާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

ކޮންގްރަސް ޕާޓީއިން ޕީޕީއެމްގެ މުދާ ބޭނުން ކުރާ މައްސަލާގައި އެ ޕާޓީއަށް ފިޔަވަޅު ނާޅަން ނިންމާފައިވާ ކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ. ސަބަބަކީ އެ މައްސަލާގައި ހެކި ބަސް ދިނުމަށް އެއްވެސް ފަރާތެއް ހާޒިރު ނުވާ ކަމަށާއި އެއްވެސް ބަޔާނެއް ވެސް ދީފައި ނުވާ ކަމަށެވެ. އަދި ޝަކުވާ ހުށަހެޅި ފަރާތްތަކުން ވެސް އިތުރު މައުލޫމާތު ދީނުމަށް އީސީއަށް ހާޒިރުވެފައި ނުވާ ކަމަށް ޝަރީފް ވިދާޅުވި އެވެ. ނަމަވެސް ކޮންގްރަސް ޕާޓީގެ ފަރާތުން އެ މައްސަލަ އީސީއަށް ސާފުކޮށްދެއްވާފައިވާ ކަމަށް ޝަރީފް ވިދާޅުވި އެވެ.