ހަބަރު

ޕާޓީތަކުގެ ދަރަންޏަށް ޒިންމާ ވާން ޖެހޭ ގޮތް ހަދައިފި

Jan 24, 2019
2

ސިޔާސީ ޕާޓީތަކުގެ ދަރަންޏަށް ޒިންމާވާންޖެހޭ ގޮތަށް ސިޔާސީ ޕާޓީގެ ގަވައިދަށް އިސްލާހު ގެނެސްފި އެވެ. އެ އިސްލާހު މިރޭ ވަނީ ގެޒެޓްކޮށް އަމަލު ކުރަން ފަށާފަ އެވެ.

ދަރަންޏަށް ޒިންމާވާންޖެހޭ ގޮތަށް ހަދާފައިމިވަނީ ޕީޕީއެމްގެ ބޮޑު ދަރަންޏެއް އޮއްވައި އެ ޕާޓީ ދޫކޮށް ލީޑަޝިޕް އާ ޕާޓީއެއް ހެދުމުގެ މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

އިސްލާހުކުރި ގަވައިދުގައިވާ ގޮތުން ކޮންމެ ޕާޓީއަކުން ވެސް ހޯދާ ހިދުމަތަށް ނުވަތަ މުދަލުގެ އަގަށް ޝަހުސީ ގޮތުން ޒިންމާވާނެ ފަރާތެއް ހުންނަން ޖެހޭނެ އެވެ. އެކަން އެ މީހަކަށް އަންގައި އިގުރާރެއްގައި ސޮއިކޮށްފައި އޮންނަން ޖެހޭނެ ކަމަށެވެ.

ޕާޓީއެއް އުވާލާނަމަ ދަރަންޏަށް ހަދާނެ ގޮތް ވެސް ބަޔާންކޮށްފައިވެ އެވެ. އެގޮތުން އުވާލާއިރު ޕާޓީގެ ދަރަންޏެއް އޮތްތޯ ބަލައި، ދަރަނި އޮތްނަމަ އެ ދަރަންޏެއް އުފެދުނުއިރު ޕާޓީގެ އެންމެ އިސް ފަރާތުގެ ގޮތުގައި ހުންނެވި ފަރާތަށް ނޫނީ ގަވައިދުގެ ދަށުން ދަރަންޏާ ޒިންމާވާނެ ފަރާތް ގޮތުގައި ކަނޑައަޅާފައިވާ ފަރާތަށް ދަރަނި ދެއްކުމަށް އެންގުމުގެ ބާރު އިލެކްޝަން ކޮމިޝަނަށް ވަނީ ދީފަ އެވެ.

މިހާރު ހިނގަމުންދާ ޕާޓީތައް ވެސް ދަރަންޏަށް ޒިންމާވާނެ ފަރާތެއް ކުރިއަށް އޮތް އެއް މަސް ދުވަހުގެ ތެރޭގައި ކަނޑައަޅަންވާނެ ކަމަށް ގަވައިދުގައިވެ އެވެ.

ގަވައިދުގައި އިތުރަށްވާ ގޮތުން އާ ޕާޓީއެއް މިހާރު ވެސް ހިނގަމުންދާ ޕާޓީއެއްގެ ވަސީލަތްތަކާއި މުވައްޒަފުން ބޭނުންކޮށްގެން ކަމަށްވާނަމަ ހުއްދަ ހިފެހެއްޓުމުގެ ބާރު އިލެކްޝަން ކޮމިޝަނަށް އޮންނާނެ އެވެ. އަދި ހިނގަމުންދާ ޕާޓީގެ ލީޑާޝިޕް ގެއްލި، އެ ޕާޓީއެއް ހިނގާނެ ފަރާތެއް ނެތް ހާލަތަކަށް ދާނަމަ އާ ޕާޓީގެ އުފެއްދުމަށް ދޫކުރި ހުއްދަ ބާތިލް ކުރާނެ ކަމަށެވެ.

އޭގެއިތުރުން އާ ޕާޓީއެއް އުފައްދަނީ ނުފޫޒާއި އޮޅުވާލުމާއި ބާރުގެ ބޭނުންކޮށްގެން ކަމަށްވާނަމަވެސް ޕާޓީ އުފެއްދުމުގެ ހުއްދަ ބާތިލް ކުރެވޭނެ އެވެ. ޕާޓީ އުފެއްދުމުގެ މަރުހަލާގައި އެފަދަ ޝަކުވާއެއް ލިބިއްޖެނަމަ އެ ޝަކުވާއެއް ބަލައި ނިމެންދެން ހުއްދަ ނުދީ ހިފެހެއްޓިދާނެ ކަމަށް ވެސް ގަވައިދުގައިވެ އެވެ.

ގަވައިދަށް މިފަދަ އިސްލާހެއް ގެނައިރު މިއަދު ކޮމިޝަނުން ވަނީ ރައީސް ޔާމީން އިސްކޮށް ހުންނަވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީއަށް ހުއްދަ ދީފަ އެވެ. ނަމަވެސް އިސްލާހާއެކު އަނެއްކާވެސް އެ ޕާޓީ އުފެއްދުމަށް ހުރަސްތަކެއް އެޅޭނެ ކަމަށް ބެލެވެ އެވެ.

ކޮންގްރެސް ޕާޓީ އުފެއްދުމުގެ ހުއްދަ މިއަދު އެ ޕާޓީގެ މުއައްސިސް، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އަށް ދީފައިވާއިރު ޕާޓީ އުފައްދަން ހުށަހެޅި ފޯމްތަކެއް މައްސަލަ އިއްޔެ ވަރަށް ބޮޑުވެގެން ދިޔައެވެ. ބައެއް ފޯމުތައް އީސީން ސައްހަ ނޫން ކަމަށް ކަނޑައަޅައި ބާތިލް ވެސް ކުރި އެވެ.

އެކަމަކު، އެއީ އެ ޕާޓީއަށް ހުއްދަ ދިނުން ލަސް ކުރަން ކުރާ ކަމެއް ބުނެ، މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމާ ހަމައަށް އެ ޝަކުވާ ކޮންގްރެސް އާއި ޕީޕީއެމްގެ މަޖިލިސް މެންބަރުން ގެންދެވި އެވެ. އަދި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް މައްސަލަ ހުށަހަޅަން ނިންމި އެވެ.

އީސީން އެކަމަށް ހުރަސް އެޅުމަށް އެއްވެސް ކަމެއް ނުކުރާ ކަމަށް ބުނަމުން ދިޔަ ނަމަވެސް، ގާސިމް ވަނީ އެއްވެސް ބަޔަކަށް ޒާތީ ނުވެވޭނެ ކަމަށާއި ކޮންގްރެސްގެ ހުއްދަ ލަސްކުރަނީ އެ ކޮމިޝަން މެންބަރުންނަށް "ވަގަށް" ގޮވާފައިވާތީ ކަމަށް ކޮމިޝަނުން ބުނި ކަމަށް ވިދާޅުވެފަ އެވެ. އަދި 24 ގަޑިއިރު މަޖިލިސް ހުޅުވައި، އިލެކްޝަން މެންބަރުން ހާޒިރުކޮށްގެން ވެސް އެ ހުއްދަ ހޯއްދަވައިދެއްވާނެ ކަމަށް ވެސް ގާސިމް ވިދާޅުވެފައ ވެއެވެ. އެކަމާ ގުޅިގެން ގާސިމް، އިލެކްޝަން މެންބަރު އިސްމާއިލް ހަބީބަށް ފޯނުން ވެސް ގުޅުއްވި އެވެ.