ހަބަރު

ގަވައިދަށް ގެނައި އިސްލާހު: ޕީއެންސީއަށް ހުރަސްތަކެއް

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފަހަތުގައި ހުންނަވާ އުފައްދާ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް އުފެއްދުމަށް އަނެއްކާވެސް ހުރަސްތަކާ ކުރިމަތިވާ ގޮތް އީސީން ހަދައިފި އެވެ.

އެ ހުރަސްތަކާ ކުރިމަތިވީ އީސީން ސިޔާސީ ޕާޓީގެ ގަވައިދަށް މިރޭ ގެނެސްފައިވާ އިސްލާހުންނެވެ. އެ އިސްލާހުގައި ވަނީ އާ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދިނުމަށްފަހު ވެސް އެ ހުއްދަ ބާތިލް ކުރެވޭނެ ހާލަތްތައް ބަޔާންކޮށްފަ އެވެ.

ގަވައިދަށް ގެނައި އިސްލާހުގައިވާ ގޮތުން އާ ޕާޓީއެއް މިހާރު ވެސް ހިނގަމުންދާ ޕާޓީއެއްގެ ވަސީލަތްތަކާއި މުވައްޒަފުން ބޭނުން ކޮށްގެން ކަމަށްވާނަމަ ހުއްދަ ހިފެހެއްޓުމުގެ ބާރު އިލެކްޝަން ކޮމިޝަނަށް އޮންނާނެ އެވެ. އަދި ހިނގަމުންދާ ޕާޓީގެ ލީޑާޝިޕް ގެއްލި، އެ ޕާޓީއެއް ހިނގާނެ ފަރާތެއް ނެތް ހާލަތަކަށް ދާނަމަ އާ ޕާޓީގެ އުފެއްދުމަށް ދޫކުރި ހުއްދަ ބާތިލް ކުރާނެ ކަމަށެވެ.

އޭގެ އިތުރުން އާ ޕާޓީއެއް އުފައްދަނީ ނުފޫޒާއި އޮޅުވާލުމާއި ބާރުގެ ބޭނުންކޮށްގެން ކަމަށްވާނަމަވެސް ޕާޓީ އުފެއްދުމުގެ ހުއްދަ ބާތިލް ކުރެވޭނެ އެވެ. ޕާޓީ އުފެއްދުމުގެ މަރުހަލާގައި އެފަދަ ޝަކުވާއެއް ލިބިއްޖެނަމަ އެ ޝަކުވާއެއް ބަލައި ނިމެންދެން ހުއްދަ ނުދީ ހިފެހެއްޓިދާނެ ކަމަށް ވެސް ގަވައިދުގައިވެ އެވެ.

ގަވައިދަށް މިފަދަ އިސްލާހެއް ގެނައިރު މިއަދު ކޮމިޝަނުން ވަނީ ރައީސް ޔާމީން އިސްކޮށް ހުންނަވާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް، ޕީއެންސީއަށް ހުއްދަ ދީފަ އެވެ. ނަމަވެސް ގަވައިދަށް ގެނައި އިސްލާހުގައި ޕީޕީއެމް އާއި ޕީއެންސީ މިވަގުތު އޮތް ހާލަތަށް ވަނީ އަމާޒުކޮށްފަ އެވެ. އަދި އެ ހާލަތުގެ ދަށުން ޕީއެންސީގެ ހުއްދަ ހިފެހެއްޓުމުގެ ބާރު އިލެކްޝަން ކޮމިޝަނުން ވަނީ އަމިއްލައަށް ހޯދާފަ އެވެ.

ކޮންގްރެސް ޕާޓީ އުފެއްދުމުގެ ހުއްދަ މިއަދު އެ ޕާޓީގެ މުއައްސިސް، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އަށް ދީފައިވާއިރު ޕާޓީ އުފައްދަން ހުށަހެޅި ފޯމްތަކެއް މައްސަލަ އިއްޔެ ވަރަށް ބޮޑުވެގެން ދިޔައެވެ. ބައެއް ފޯމުތައް އީސީން ސައްހަ ނޫން ކަމަށް ކަނޑައަޅައި ބާތިލް ވެސް ކުރި އެވެ.

އެކަމަކު، އެއީ އެ ޕާޓީއަށް ހުއްދަ ދިނުން ލަސް ކުރަން ކުރާ ކަމެއް ބުނެ، މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމާ ހަމައަށް އެ ޝަކުވާ ކޮންގްރެސް އާއި ޕީޕީއެމްގެ މަޖިލިސް މެންބަރުން ގެންދެވި އެވެ. އަދި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް މައްސަލަ ހުށަހަޅަން ނިންމި އެވެ.

އީސީން އެކަމަށް ހުރަސް އެޅުމަށް އެއްވެސް ކަމެއް ނުކުރާ ކަމަށް ބުނަމުން ދިޔަ ނަމަވެސް، ގާސިމް ވަނީ އެއްވެސް ބަޔަކަށް ޒާތީ ނުވެވޭނެ ކަމަށާއި ކޮންގްރެސްގެ ހުއްދަ ލަސްކުރަނީ އެ ކޮމިޝަން މެންބަރުންނަށް "ވަގަށް" ގޮވާފައިވާތީ ކަމަށް ކޮމިޝަނުން ބުނި ކަމަށް ވިދާޅުވެފަ އެވެ. އަދި 24 ގަޑިއިރު މަޖިލިސް ހުޅުވައި، އިލެކްޝަން މެންބަރުން ހާޒިރުކޮށްގެން ވެސް އެ ހުއްދަ ހޯއްދަވައިދެއްވާނެ ކަމަށް ވެސް ގާސިމް ވިދާޅުވެފައ ވެއެވެ. އެކަމާ ގުޅިގެން ގާސިމް، އިލެކްޝަން މެންބަރު އިސްމާއިލް ހަބީބަށް ފޯނުން ވެސް ގުޅުއްވި އެވެ.