ހަބަރު

ތ. ކަނިމީދޫއަށް ބަދަލުދީ ރިސޯޓް ހަދަން ސަރުކާރަށް ނަގައިފި

Jun 13, 2015

ތ. ކަނިމީދޫ އަށް ބަދަލުދީ ދައުލަތަށް ނަގާފައިވާ ކަމަށާއި ކަނިމީދުގައި ރިސޯޓެއް ތަރައްގީ ކުރަން ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

ވޭމަންޑޫ އާއި ތިމަރަފުއްޓާ ދެމެދު އޮންނަ ކަނިމީދޫއަކީ މަސްވެރިކަމާއި ދަނޑުވެރިކަމުގެ މަސައްކަތް ކުރަން ދިގު މުއްތަކަށް މިހާތަނަށް ދޫކޮށްފައި އޮތް ރަށެކެވެ.

ތިމަރަފުށީ ފުޓްސަލް ދަނޑު ހުުޅުވުމުގެ ރަސްމިއްޔާތުގައި މިރޭ ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަދީބު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ފަސް އަހަރު ދައުރު ނިމިގެންދާއިރު ކަނިމީދޫގައި ރިސޯޓެއް ތަރައްގީކޮށް ހުޅުވިގެންދާނެ ކަމަށާއި އެ ރަށް ދޫކޮށްފައިވާ ފަރާތަށް ބަދަލު ދިނުމަށްފަހު މިހާރު އެރަށް ޓޫރިޒަމަށް ނަގާފައިވާ ކަމަށެވެ

"މި ފަސް އަހަރު ތެރޭގައި ކަނިމީދޫ ރިސޯޓެއްގެ ގޮތުގައި ހުޅުވޭނެ" އަދީބު ވިދާޅުވި އެވެ.

މިރޭގެ އެ ރަސްމިއްޔާތުގައި މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތޮފާ ވިދާޅުވީ ކަނިމީދޫއަކީ ތ. އަތޮޅު، ހާއްސަކޮށް ވޭމަންޑޫ އާއި ތިމަރަފުށީގެ އުންމީދު ކަމަށާއި އެ ރަށުގައި ރިސޯޓެއް ތަރައްގީކޮށް ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.