ހަބަރު

ރައީސް މައުމޫނަކީ ޕީޕީއެމްގެ ރައީސްކަން ކަނޑައަޅައިދޭން އީސީގައި އެދިއްޖެ

ކުރީގެ ރައީސް މައުމޫން އަބުދުލް ގައްޔޫމަކީ އަދިވެސް ޕްރޮގްރަސިވް ޕާޓީ އޮފް މޯލްޑިިވްސް (ޕީޕީއެމް)ގެ ރައީސްކަން ކަށަވަރުކުރަން ރައީސް މައުމޫން އިލެކްޝަންސް ކޮމިޝަނުގައި އެދިވަޑައިގެންފި އެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފަށް ރައީސް މައުމޫން ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ، ޕީޕީއެމްގެ އަސާސީ ގަވައިދުގައި ޕާޓީގެ ރައީސް މަގާމުން ވަކި ކުރެވޭނެގޮޮތް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އެ ޕާޓީގެ އަސާސީ ގަވައިދުގެ 55 ވަނަ މާއްދާގެ (ހ)ގެ 3 ވަނަ ނަމްބަރުގައި ވާގޮތުން، ޕާޓީގެ ރައީސް ވަކި ކުރެވޭނީ އިތުބާރުނެތް ކަމުގެ ވޯޓެއް ނަގައި ގައުމީ ޖަލްސާގެ ތިންބައިކުޅަ ދެބައި ވޯޓުންކަން ރައީސް މައުމޫން ވަނީ ސިޓީގައި ފާހަގަކުރައްވާފަ އެވެ.

ރައީސް މައުމޫންގެ ސިޓީގައި އިތުރަށް ވިދާޅުވީ، ޕީޕީއެމްގެ އަސާސީ ގަވާއިދާއި، ހިންގާ ގަވާއިދާ ހިލާފު އިޖުރާތުތަކެއްގެ ދަށުން، 27 މާޗު 2017ގައި ޕީޕީއެމްގެ މެމްބަރުކަމުން އެމަނިކުފާނު ވަކިކޮށްފައިވާކަމުގެ މައުލޫމާތުތަކެއް ލިބިފައިވަނީ މީޑިއާއިން ކަމަށެވެ. އަދި އެކަން އެގޮތަށް ނިންމެވި ސަބަބެއް ކަމަށް އެމަނިކުފާނަށް ގަބޫލު ކުރެވެނީ، ޕީޕީއެމްގެ ރައީސް ކަމުން އެމަނިކުފާނު ވަކި ކުރުމަށް ބޭނުންވާ ކަންތައްތައް ކުރެވެން ނެތުމުން، މެމްބަރުކަމުން ވަކި ކުރުމުން އެކަން ހަމަޖެހުނީކަމަށް ބަލާ ކަމަށް ރައީސް މައުމޫންގެ ސިޓީގައި ވަނީ ވިދާޅުވެފަ އެވެ.

އެ ސިޓީގައި ރައީސް މައުމޫން އެދިފައިވަނީ، އެމަނިކުފާނު ޕީޕީއެމްގެ ރައީސް ކަމުން ވަކި ކުރުމަށްއެދި ޕީޕީއެމްގެ ނަމުގައި ހުށަހަޅާފައިވާނަމަ، އެކަން ހިންގާފައިވަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާއި، ޕީޕީއެމްގެ އަސާސީ ގަވައިދާ އެއްގޮތަށްތޯ، މުރާޖާކޮށްދީ، ގަނޫނީ ހަމަތަކުގެ މަތިން އަދިވެސް އެމަނިކުފާނަކީ، ޕީޕީއެމްގެ ރައީސްކަން ކަށަވަރުކޮށްދިނުމަށެވެ.

ރައީސް މައުމޫންގެ މިފަދަ ސިޓީއެއް އީސީއަށް ހުށަހަޅާފައިވާ އިރު، އީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ މައްސަލަ މުރާޖާ ކުރާނެ ކަމަށް އީސީން ވަނީ ބުނެފަ އެވެ.