ގާސިމް އިބްރާހިމް

ގާސިމް މަޖިލީހުގެ ރައީސްކަމަށް ގެންނަން ޕާޓީތަކުން އެއްބަސްވެއްޖެ

ރައްޔިތުން މަޖިލީހުގެ ރައީސްކަމުގެ މަގާމަށް ޖުމްހޫރީ ޕާޓީގެ ބާނީ، ގާސިމް އިބްރާހިމް ގެނައުމަށް އިދިކޮޅު ހުރިހާ ޕާޓީތަކެއްގެ މަޖިލިސް މެންބަރުން ހިމެނޭ ޖޮއިންޓް ޕާލިމަންޓްރީ ގްރޫޕުން މިއަދު ފާސްކޮށްފި އެވެ.

އެގޮތަށް ފާސްކޮށްފައި ވަނީ، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ރިޔާސަތު ބެލެހެއްޓެވި ޖޮއިންޓް ޕީޖީގެ މިރޭގެ ބައްދަލުވުމުގަ އެވެ. އެގޮތަށް ފާސްކުރީ އެ ބައްދަލުވުމުގައި ބައިވެރިވި، އިދިކޮޅު ޕާލިމަންޓްރީ ގްރޫޕްގެ 42 މެންބަރުންގެ އިއްތިފާގުން އެވެ. އެ ބައްދަލުވުމުގައި ދެން ނިންމި މުހިންމު ކަމަކީ، އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަން ކަމުގެ ގާނޫނު އުވާލަން މަޖިލީހަށް ހުށަހެޅުމަށެވެ.

ގާސިމް ނިސްބަތްވާ، ޖޭޕީއިން ވެސް މިއަދު ހާމަކުރި ގޮތުގައި ގާސިމް އިބްރާހިމް މަޖިލީހުގެ ރައީސްކަމަށް ގެންނަން އެ ޕާޓީއިން ތާއީދު ކުރެ އެވެ. ގާސިމް މަޖިލީހުގެ ރައީސް ކަމަށް ގެންނަން މިއަދުގެ ޖޮއިންޓް ޕީޖީ ބައްދަލުވުމުގައި ފާސްކުރި އިރު، 51 މެންބަރުންގެ ސޮޔާ އެކު މަޖިލިސްގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވަނީ މަޖިލީހަށް ހުށަހަޅައިފަ އެވެ. އަދި އެ މައްސަލަ އަންނަ މަހުގެ އަށް ވަނަ ދުވަހަށް މިހާރު ވަނީ ތާވަލްކޮށްފަ އެވެ.

މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހެޅިފައި ވަނިކޮށް އެ މައްސަލަ އެޖެންޑާކުރުމުގެ ކުރިން އިތުރު ޖަލްސާއެއް ނުބޭއްވޭނެ އެވެ. މަސީހުގެ އިތުބާރު ނެތްކަމަށް ހުށަހެޅި މައްސަލައިގައި ޕީޕީއެމް އާއި އެމްޑީއޭ ހިމެނޭ ގޮތުން 15 މެންބަރަކު ވަނީ ސޮއި ކުރައްވައިފަ އެވެ. އެ މެންބަރުންގެ ތެރޭގައި ރައީސް އަބްދުﷲ ޔާމީންއާ ވަރަށް ކައިރިން މަސައްކަތް ކުރެއްވި ބޭފުޅުން ހިމެނެ އެވެ.