ގާސިމް އިބްރާހިމް

ފަސޭހައިން ގާނޫނުއަސާސީ އިސްލާހު ނުކުރެވޭ ގޮތް ހަދަންޖެހޭ: ގާސިމް

ފަސޭހައިން ގާނޫނުއަސާސީ އިސްލާހުނުކުރެވޭ ގޮތަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.

މިހާރު އަމަލުކުރަމުންދާ ގާނޫނުއަސާސީ އަށް މިއަދު 16 އަހަރު ފުރުނުއިރު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ގާސިމް ވަނީ ގާނޫނުއަސާސީއަށް ބައެއް އިސްލާހުތައް ގެނެސްފައިވާކަން ފާހަގަކުރައްވާފަ އެވެ.

ގާނޫނުއަސާސީއަށް އެ އިސްލާހުތައް ގެނައީ ވަރަށް ފަސޭހައިން ކަމަށާއި ނަމަވެސް ކުރިން އެކަން އޮންނަނީ އެހާ ފަސޭހައިން ކުރެވޭ ގޮތަށް ނޫން ކަމަށް ގާސިމް ވިދާޅުވި އެވެ.

"ގާނޫނުއަސާސީއަށް މިހާތަނަށް އައިއިރު ދެ ފަހަރަކަށް އިސްލާހުތަކެއް ހުށަހެޅި ވަރަށް ފަސޭހައިން ލުއިލުއިކޮށް ހިނގައްޖެ. އެކަމު އެ ދުވަސްވަރު ގާނޫނުއަސާސީ ނިމިގެންދިޔައިރު އޮންނަނީ އެހާ ފަސޭހައިން ގާނޫނުއަސާސީ އަށް ބަދަލު ގެނެވޭ ގޮތަކަށް ނޫން،" ގާސިމް ވިދާޅުވި އެވެ.

އޭރު ގާނޫނުއަސާސީ އިސްލާހު ކުރެވެނީ ހާއްސަ މަޖިލިސް އެއްކޮށްގެންކަން ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ރައީސްކަން ކުރެއްވި ގާސިމް ފާހަގަކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި ތިބި މެންބަރުންގެ 75 ޕަސެންޓް ވޯޓުން ގާނޫނުއަސާސީ ބަދަލުކުރެވޭނަމަ ނުރަނގަޅު ކަންތައްތަކެއް ދިމާވެދާނެ ކަމަށާއި ހާއްސަ މަޖިލިސް އޮތް ނަމަވެސް އެފަދަ ކަމެއް ދިމާވެދާނެ ކަމަށެވެ.

"ހާއްސަ މަޖިލިސް އޮވެގެން ދިޔަސް އެހެން ދިމާވެދާނެ. އެކަމަކު އެކަން ކުރުމަށްޓަކައި އަޅަން އޮތް ފިޔަވަޅުތަކާއި ގިރާކުރަންޖެހޭ ހުރި ހަރުފަތްތައް ގިނަގުނަ،" ގާސިމް ވިދާޅުވި އެވެ.