ރާއްޖޭގައި ހިންގާ ސްކޭމްތައް ހުއްޓުވުމަށްޓަކާ ބޭންކް އޮފް މޯލްޑިވްސްގައި ބޭނުންކުރާ ސިސްޓަމްތަކުގެ ސޮފްޓްވެއާތައް ބަދަލުކޮށް އަދި ބޭންކިން ގާނޫނު އިސްލާހުކޮށްގެން ވިޔަސް ސްކޭމްތައް ހުއްޓުވަން ޖެހޭ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދައިރާގެ މެމްބަރު ގާސިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.
ގާސިމް މިހެން ވިދާޅުވީ ސްކޭމުތަކުގެ ތެރެއިން ފައިސާ ފޭރިގަތުމުގެ ކުރިން އެކައުންޓްތައް ފުރީޒުކުރުމުގެ ބާރު ފުލުހުންނަށް ދިނުމަށް ޖިނާއީ އިޖުރާއާތުގެ ގާނޫނަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި ބިލްގެ ބަހުސް ގައެވެ.
ގާސިމް ވިދާޅުވީ ސްކޭމްތައް ހުއްޓުވުމަށްޓަކައި ބޭންކްތަކުގެ ސޮފްޓްވެއާ ބަދަލުކުރަންޖެހޭނަމަ އަދި ބޭންކްތައް އަމަލުކުރަމުންދާ އުސޫލުތަކާއި ބޭންކިން ގާނޫނާއި ކަމާ ގުޅޭ އެހެން ގާނޫނުތައްވެސް އިސްލާހު ކުރަންޖެހޭނަމަ އެ ހުރިހާ ކަމެއް ކޮށްގެން ނަމަވެސް ސްކޭމްތައް ހުއްޓުވަންޖެހޭ ކަމަށެވެ.
"ހާލަތު އޮތް ގޮތުން ގާނޫނެއް ހެދި ނަމަވެސް ސްކޭމް ހުޓުވަން މިހާރު ފަސޭހައެއް ނުވާނެ. އެފަދަ ކުށްތައް ހުއްޓުވޭނީ ޒިންމާދާރުކަމާ އެކު އިހްލާސްތެރި މަސައްކަތްތަކެއް ކޮށްގެން،" ގާސިމް ވިދާޅުވި އެވެ.
ބޭންކުގައި ރައްޔިތުން ބަހައްޓާ ފައިސާއަކީ ގާނޫނެއް އޮތަސް ނެތަސް ބޭންކުން އަމާނާތްތެރި ކަމާއެކު ބަލަހައްޓައި ދޭންޖެހޭ އެއްޗެއް ކަމުގައިވެސް ގާސިމް ވިދާޅުވި އެވެ. މީގެ ކުރިން ޗެކުން އެކައުންޓުތަކަށް ފައިސާ ޖަމާކުރަމުން ދިޔައިރު ސްކޭމްގެ މައްސަލަ ދިމާނުވާކަން ފާހަގަކުރައްވަމުން ގާސިމް ވިދާޅުވީ ރައްޔިތުންގެ ލުއި ފަސޭހައަށް ކްރެޑިޓް ކާޑު ތައާރަފްކޮށް އަދި ބޭންކަށް ނުގޮސް ފައިސާ ޖަމާކުރުމާއި ފައިސާ ފޮނުވުމުގެ ހިދުމަތް ދޭން ފެށުމުން ސްކޭމް ހިންގަން ފުރުސަތު ލިބުމަކީ އަމަލުކުރާ ނިޒާމުގައި މައްސަަލައެއް އުޅޭކަން އަންގައިދޭ ކަމެއް ކަމަށްވެސް ވިދާޅުވި އެވެ.
"ރައްޔިތުން ވބުރަ މަސައްކަތުން ހޯދާފައި ހުންނަ އެތައް މިލިއަން ރުފިޔާއެއް ސިސްޓަމް ތެރެއިން ގެއްލިގެންދާއިރު އެކަން ހައްލު ކުރުމަށްޓަކައި މަސައްކަތް ކުރެވުނީ ކިހާވަރަކާއްތޯ ބަލަން ޖެހޭ،" ގާސިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އޮންލައިންކޮށް ޓްރާންސެކްޝަނެއް ހެދުމުން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ފައިސާ ނެނގޭނެ ގޮތް ހެދުމުގެ ބަދަލުގައި އެއް ދުވަސް ފަހުން ފައިސާ ނެގޭނެ ގޮތް ހެދުމަކީވެސް ސްކޭމް ހުއްޓުވަން މިވަގުތަށް ކުރެވިދާނެ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
"އަދި ސިސްޓަމް ތެރެއިން ހިނގާ ކަންކަން ސޮފްޓްވެއާ ބަދަލުކޮށްގެން ނަމަވެސް އެކަން ރަނގަޅު ކުރަންޖެހޭނެ،" ގާސިމް ވިދާޅުވި އެވެ.
ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރިވެރިޔާ ގާސިމް ވިދާޅުވީ މުހައްމަދު އިބްރާހީމް ހުށަހަޅުއްވާފައިވާ އިސްލާހަކީ ސްކޭމް ހިންގާ މައްސަލައަށް ހައްލެއް ހޯދޭނެ އިސްލާހެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. އެގޮތުން ހަރުދަނާ ސެކިއުރިޓީ ސިސްޓަމެއް ނެތި ފުލުހުންގެ ބެލުމުގެ ދަށަށް އެކައުންޓެއް ގެންގޮސް ގިނަ ދުވަސްތަކެއް ވަންދެން އެ އެކައުންޓެއް ހިފަހެއްޓުމަކީ އެތައް ބަޔަކަށް އެތައް ތަކްލީފެއް އުފުލަންޖެހިދާނެ ކަމެއް ކަމުގައިވެސް ވިދާޅުވި އެވެ.