ދިވެހި ރައްޔިތުން އުފާވާ ދަރަޖައަށް މަޖިލިހުގެ މަސައްކަތްތަށް ގެންދަވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާޙިމް ވިދާޅުވެއްޖެ އެވެ.
ގާސިމް އެގޮތަށް ވިދާޅުވެފައިވަނީ މިއަދު ހަވީރު ބޭއްވި އިދިކޮޅު ފަރާތްތަކުގެ ޖޮއިންޓް ޕާލިމެންޓްރީ ގްރޫޕުގެ ބައްދަލުވުމުގައި މަޖިލީހުގެ ރައީސް އަބުދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ކާމިޔާބު ކުރައްވައި އެއަށްފަހު، މަޖިލީހުގެ ރައީސަަކަށް ގާސިމް ހަމަޖެއްސުމަށް ނިންމުމާއި ގުޅިގެންނެވެ.
ގާސިމް ވިދާޅުވީ، މަޖިލީހުގެ ކަންކަން ހިންގަމުންގެންދާނީ، ޑިމޮކްރަޓިކް އުސޫލުތަކާއި، ހަމަތަކާއި އިންތަކާއި މިންތަކުގެ މަތިންކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުން އުފާވާ ދަރަޖައަށް މަޖިލީހުގެ ކަންތައްތަން އިންސާފުވެރިކަމާއި އެކު ގެންދާނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ގާސިމް ވިދާޅުވި އެވެ.
މީގެ އިތުރުން އިންތިހާބީ ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު އާއި، އިންތިހާބީ ނައިބް ރައީސް ފައިސަލް ނަސީމްގެ، ވިސްނުން ހުންނާނީ އިންސާފުގެ މަގަށް ހުރިހާކަމެއް ބަދަލު ކުުރުން ކަމަށް ޔަގީން ކުރައްވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.
މަޖިލީހުގެ ރައީސް އަބުދުﷲ މަސީހު މުހައްމަދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަ އަންނަ މަހުގެ އަށް ވަނަ ދުވަހަށް ތާވަލް ކުރަން މަޖިލީހުގެ އިދާރާއިން ނިންމައި އެކަން މެންބަރުންނަށް ވަނީ މިއަދު އަންގާފަ އެވެ.
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައި ވަނީ 51 މެންބަރުންގެ ސޮޔާއެކުގަ އެވެ. އެއީ އިދިކޮޅަށް ނިސްބަތްވާ 36 މެންބަރުންނާއި ބާކީ ޕީޕީއެމްގެ މެންބަރުންގެ ސޮޔާއެކުގަ އެވެ. މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ވެއްދޭނީ 42 މެންބަރުން ސޮއިކޮށް ހުށަހަޅާ ގަރާރަކުންނެވެ. އަދި އިތުބާރު ނެތް ކަމަށް 43 މެންބަރުންގެ ވޯޓުން ވެސް ފާސް ކުރެވިދާނެ އެވެ.