ހަބަރު

މެމްބަރުންގެ މުސާރަ 150،000 އަށް ބޮޑުުކުރުމަށް ހުށަހަޅާނަން: އަދުރޭ

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ލިބިއްޖެނަމަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ 150،000 ރުފިޔާއަށް ބޮޑު ކުރަން ހުށަހަޅާނެ ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބުދުއްރަހީމް އަބުދުﷲ ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައިސް އަބުދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މިއަދު ވަނީ މަޖިލީހަށް ހުށަހަޅާފަ އެވެ. އަދި އެމައްސަލަ މަޖިލީހަށް ބަލައިގަނެ މިފެށޭ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހަށް މަޖިލީހުގެ އިދާރާއިން ވަނީ ތާވަލްވެސް ކޮށްފަ އެވެ.

އަބުދުއްރަހީމް ކުރައްވާފައިވާ ޓުވީޓެއްގައި ވިދާޅުވެފައިވަނީ މަޖިލީހުގެ ރައީސްކަން ލިބިއްޖެ ނަމަ މަޖިލީހުގެ މެމްބަރުންގެ މުސާރަ 150،000 ރުފިޔާއަށް ހަމަަޖައްސަން ހުށަހަޅާނެ ކަމަށެވެ.

އަބުދުއްރަހީމް ކުރައްވާފައިވާ ޓުވީޓް

މަޖިލީހުގެ ރައީސް ކަމުގެ މަގާމުން މަސީހު ވަކި ކުރަން ހުށަހެޅުމާއެކު އަބުދުއްރަހީމް ވަނީ އެ މަގާމަށް ވާދަ ކުރަން ނިންމަވާ އެކަން ޓުވިޓާ މެދުވެރިކޮށް އިއުލާން ކުރައްވާފަ އެވެ.

އަބުދުއްރަހީމް މަޖިލީސް ރައިސް ކަމުގެ ކެމްޕެއިން ފަށާފައިވާއިރު، ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ވަނީ މަޖިލީހުގެ ރައީސް ކަމަށް ޖުމްހޫރީޕާޓީގެ ވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ގެނައުމަށް ނިންމާފަ އެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާފައި ވަނީ 51 މެންބަރުންގެ ސޮޔާއެކުގަ އެވެ. އެއީ އިދިކޮޅަށް ނިސްބަތްވާ 36 މެންބަރުންނާއި ބާކީ ޕީޕީއެމްގެ މެންބަރުންގެ ސޮޔާއެކުގަ އެވެ. މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް މައްސަލަ މަޖިލީހަށް ވެއްދޭނީ 42 މެންބަރުން ސޮއިކޮށް ހުށަހަޅާ ގަރާރަކުންނެވެ. އަދި އިތުބާރު ނެތް ކަމަށް 43 މެންބަރުންގެ ވޯޓުން ވެސް ފާސް ކުރެވިދާނެ އެވެ.