ހަބަރު

އަބުރުގެ ގާނޫނު އުވާލަން ހުށަހަޅައިފި

އަބުރު ރައްކާތެރި ކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު އުވާލުމަށް ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބުދުﷲ ޝާހިދު ރައްޔިތުން މަޖިލީހަށް ހުށަހަޅައިފި އެވެ.

އަބުރު ރައްކާތެރިކުރުމުގެ ގާނޫނު ތަސްދީގުކޮށް އަމަލުކުރަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 11 ވަނަ ދުވަހު އެވެ. އަބުރުގެ ގާނޫނު އުވާލުމަކީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫގެ ވައުދެކެވެ. އިބޫ ވަނީ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އަބުރުގެ ގާނޫނު އުވާލާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ.

އަބުރުގެ ގާނޫނު އުވާލުމަށް ހުށަހެޅުއްވުމަށް މަޖިލީހަށް ވަޑައިގެން ނޫސްވެރިންނާއި ބައްދަލުކުރައްވައި ޝާހިދު ވިދާޅުވީ، އަބުރު ރައްކާތެރި ކުރުމުގެ ގާނޫނާއި ހިޔާލުފާޅު ކުރުމުގެ ގާނޫނު އުވާލުމަށް ހުށަހަޅާފައިވަނީ ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ އަސާސީ ބައެއް ހައްގުތަކާއި މިނިވަންކަން އެ ގާނޫނުގެ ދަށުން ނިގުޅައިގެންފައިވާތީ ނުވަތަ އުނިކަން ލިބިފައިވާތީ ކަމަށެވެ.

"އަބުުރު ރައްކާތެރިކުރުމާއި ހިޔާޅު ފާޅުކުރުމުގެ ގާނޫނަށް އަމަލު ކުރަން ފެށުމުން ގާނޫނީ ގޮތުން ފުށުއަރައި ކަންތައްތަކާއި މައްސަލަތަކާއި ކުރިމަތިލާން ޖެހިފައިވާތީއާ ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ދުސްތޫރީ އަސާސްތަކާއި ދިވެހިރާއްޖެ ބައިވެރިވެފައިވާ ބައިނަލް އަގްވާމީ އިންސާނީ ހައްގުތަކާއި މިނިވަންކަން ލިބިދޭ މުއާހަދާތަކާއި އެއްބަސްވުންތަކުގައި ބަޔާންކޮށް ބައިނަލް އަގްވާމީ ގާނޫނީ ހަމަތަކާއި އުސޫލުތަކާއި ތައާރަޒްވާތީއާ އަބުރު ރައްކާތެރިކުރުމާއި ހިޔާލް ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނަކީ ގާނޫނު އަސާސީގެ 20، 26، 27، 28، 37، 43، 56 އަދި 61 އެއްވަނަ މާއްދާގެ ދަށުން ލިބިދޭ ހައްގުތަކާއި މިނިވަންކަމަށް އުނިކަން ލިބޭގޮތަށް ކަންކަން ބަޔާންކޮށްފައިވާތީ އަބުރު ރައްކާތެރި ކުރުމުގެ ގާނޫނު ބާތިލް ކުރުމަށް، އުވާލުމަށް މި ހުށަޅަނީ،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ، އަބުރުގެ ގާނޫނު އުވުމާއިއެކު އާންމު ގާނޫނުތަކުގެ ދަށުން އަބުރާބެހުމުގެ ގެއްލުމުގެ ބަދަލު ލިބޭ ގޮތަށް އަލުން ހިމަނައި އެގަވާއިދުގެ ބެލެނިވެރިކަން ގާނޫނެއްގެ ގޮތުގައި ހަމަޖެހިގެންދާނެ ކަމަށެވެ. އަދި އެގާނޫނަށް އަމަލުކުރަން ފަށާނީ ގާނޫނު ތަސްދީގުކޮށް ގެޒެޓް ކުރެވުމުން ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.

"މިއަދު މަޖިލީހަށް ހުށަހަޅަނީ ރައްޔިތުންގެ ތެރެއިން ހިޔާލު ފާޅުކުރުމުގެ މަސައްކަތުގައި މަސައްކަތް ކުރައްވަމުން ގެންދެވި އެތައް ބޭފުޅުންނަކަށް ލިބެމުންދިޔަ އަނިޔާތަކާއި ތުއްދުރާތަކާއި އެބޭފުޅުންގެ ނިއުޅާގަނެފައިވާ ހައްގުތައް ހަނދާން ކުރަމުން، މިއަދު ބިލް ހުށަހަޅަނީ މަރާލެވިފައިވާ، ޝަހީދުކޮށްލެވިފައިވާ، އަހުމަދު ރިލްވާނާއި ޔާމިން ރަޝީދުގެ މަތިން ހަނދާން ކުރަމުން، މިއަދު ބިލް މި ހުށަހަޅަނީ ރާއްޖޭގެ ނޫސްވެރިންނަށް ރާއްޖޭގެ ރިޕޯޓަރުންނާއި ރާއްޖޭގެ މީޑިއާތަކުގައި މަސައްކަތްކުރާ މުއައްޒަފުންނަށް މިދިޔަ ދުވަސްތަކުގައި ލިބެމުންދިޔަ އަނިޔާތަކާއި ދުއްތުރާތަކާއި ތިޔަބޭފުޅުން ތަހައްމަލް ކުރަމުންދިޔަ ހިތްދަތިކަން ހަނދާން ކުރަމުން، ބިލް ހުށަހަޅަނީ، ރާއްޖޭގެ މިނިވަން ނޫސްވެރިކަމުގެ އެޅުވިފައިވާ ހިލިހިލާތައް
ބުރިބުރި ކޮށްލުމުގެ ބޭނުމުގައި،" ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ، ބިލް ހުށަހަޅަނީ މަޖިލީހުގެ އަގުލަބިއްޔަތުން ބިލް ބާތިލްކޮށް މަޖިލީހުގެ ހުރިހާ މެންބަރުންގެ ވޯޓުން މި ބިލް ބާތިލް ކުރުމަށް ފުރުސަތު ލިބޭނެ ކަމުގެ އުންމީދުގަ އެވެ.

އަބުރުގެ ގާނޫނު އުވާލަން ހުށަހަޅާފައިވާއިރު، މިއަދު ވަނީ އެންޓި ޑިފެކްޝަން ގާނޫނު އުވާލަން ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ. މަޖިލީހުގެ ޖަލްސާތައް ވީހާ ވެސް އަވަހަކަށް އަލުން ފަށާނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް އިދިކޮޅު ޕާޓީތަކުގެ ޕާލިމަންޓްރީ ގްރޫޕްގެ މެންބަރުން ވަނީ މިއަދު ވިދާޅުވެފަ އެވެ.