ހަބަރު

އަންނަ މަހު 11 ގައި އިބޫ ހުވާކުރުން ބޭއްވުމަށް މަޖިލީހުގެ ރިޔާސަތުން މައްސަލައެއް ހުށަހަޅަނީ

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ހުވާކުރައްވުން ނޮވެމްބަރު 11 ވަނަ ދުވަހު ބޭއްވުމަށް މަޖިލީހުގެ ރުހުން ހޯދުމަށް ރިޔާސަތުން މައްސަލައެއް ހުށަހަޅުއްވަން ނިންމަވައިފި އެވެ.

ރައްޔިތުން މަޖިލީިހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަޖިލީހުގެ ނައިބު ރައީސް ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވިދާޅުވީ، ނޮވެމްބަރު 11 ވަނަ ދުވަހުގައި އިންތިހާބީ ރައީސް، އިބޫ ހުވާ ކުރެއްވުމާ ބެހޭ ގޮތުން އިންތިހާބީ ރައީސްގެ އޮފީހުން ދެފަހަރެއްގެ މަތިން ބައްދަލުކުރައްވައި އެދިފައިވާ ކަމަށެވެ. އެހެން ކަމުން އެކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ދެކޭ ގޮތް އޮޅުން ފިލުވުމަށްޓަކައި ރިޔާސަތުން ހުށަހަޅުއްވާ މައްސަލައެއްގެ ގޮތުގައި އޭނާ މަޖިލީހަށް މައްސަލައެއް ހުށަހަޅާނެ ކަމަށެވެ. އަދި އެމައްސަލަ އަންނަ އާދިއްތަ ދުވަހު ބާއްވާ މަޖިލީހުގެ ޖަލްސާގައި އެޖެންޑާ ކުރައްވައި ކުރިއަށް ގެންދަވާނެ ކަމަށްވެސް މޫސަ ވިދާޅުވި އެވެ.

"އަޅުގަނޑު ރިޔާސަތުން ހުށަހަޅާ ބިލެއްގެ ގޮތުގައި އެބަ ހުށަހަޅަން ނޮވެމްބަރު 11 ވަނަ ދުވަހުގައި އިންތިހާބީ ރައީސް ހުވާ ކުރެއްވުމާ ބެހޭ ގޮތުން އިންތިހާބީ ރައީސްގެ އޮފީހުން ދެފަހަރެއްގެ މަތިން ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވާފައިވާތީ އެކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުން ދެކެވަޑައިގަންނަވާ ގޮތެއް އޮޅުން ފިލުވުމަށްޓަކައި ރިޔާސަތުން ހުށަހަޅުއްވާ މައްސަލައެއްގެ ގޮތުގައި، އަޅުގަނޑު އެބަ ގަސްތު ކުރަން އެޖެންޑާގައި މި މައްސަލަ ހިމަނައިގެން ކުރިއަށް ގެންދިއުމަށް ހުށަހަޅަން،" މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ، ރާއްޖޭގެ ގާނޫނު އަސާސީގައި ބުނާ ހަމަތަކަށް ބަލާއިރު އިންތިހާބް ކުރެވޭ ރައީސްގެ ދައުރު ފެށެނީ ހުވާ ކުރެއްވުމާއި ހަމައިން ކަމަށާއި އެ ހުވާ ކުރުން އޮންނަނީ މަޖިލީހުގެ ޖަލްސާއެއްގައި ކަމަަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެހެން ކަމުން ޖަލްސާ ބޭއްވުމުގެ ޒިންމާއަކީ މަޖިލީިހުގެ ޒިންމާއެއް ކަމަށް މޫސަ ވިދާޅުވި އެވެ.

އަންނަ އާދިއްތަ ދުވަހު މަޖިލީހުގެ ޖަލްސާ ބޭއްވުމަށް ނިންމަވާފައިވާއިރު، އެދުވަހުގެ ޖަލްސާގައި އިބޫ އަންނަ މަހުގެ 11 ވަނަ ދުވަހު ހުވާ ކުރެއްވުމާއި ގުޅޭގޮތުންނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ކުރުމާއި ގުޅޭގޮތުން ހުށަހަޅުއްވާފައިވާ ބިލާއި އެންޓި ޑިފެކްޝަން ބިލުގެ އިތުރުން އަބުރުގެ ގާނޫނު އުވާލުމުގެ ބިލްގެ މައްސަލަތައް އެޖެންޑާ ކުރުމަށް ނިންމާފައި ވެއެވެ.

އަންނަ އާދިއްތަ ދުވަހަށް ޖަލްސާތައް ފަށަން ނިންމާފައިވާއިރު، މަޖިލީހުގެ ރައީސް އަބުދުﷲ މަސީހްގެ އިތުބާރުނެތް މައްސަލައެއް ވެސް ވަނީ ވައްދާފަ އެވެ. އަދި އެމައްސަލަ އެޖެންޑާ ކޮށްފައިވަނީ އަންނަ މަހުގެ އަށް ވަނަ ދުވަހަށެވެ. މޫސަ ވަނީ އެމައްސަލަ މަޖިލީހަށް ވެއްދި ނަމަވެސް މަޖިލީހުގެ އެހެން ޖަލްސާތައް ބޭއްވުމަށް އެއްވެސް ހުރަހެއްނެތް ކަމަށް ވިދާޅުވެފަ އެވެ.