ދުންޔާ މައުމޫން

ދުންޔާ ވެސް ހިމޭންކޮށްލީ ހާސްކަމާއި ބިރު!

Oct 26, 2018
18

އާއިލާގެ ގިނަ ބޭފުޅުން ޖަލަށްލާ، އިތުރު ބޭފުޅުންނާ ހަމައަށް އެހެން "އަނިޔާތައް" އަރާ ހަމަވިއިރު ދުންޔާ މައުމޫންގެ އަޑު އެއްކޮށް ކެނޑިގެން ނުދިޔަ ނަމަވެސް ފަރުދާގެ ފުރަގަހަށް އޭނާ ވަދެވަޑައިގަތެވެ. އޭގެ ސަބަބު މިއަދު ދުންޔާ ވަނީ ހާމަ ކުރައްވާފަ އެވެ. އެއީ ކުރިމަތިން ފެންނަން އޮތް ބިރުވެރިކަމާއި އަނިޔާވެރިކަމެވެ.

ދުންޔާ އެ ވާހަކަތައް ހިއްސާ ކުރެއްވީ "އަވަސް"އިން އަލަށް ފެށި ހުކުރު ދުވަހުގެ ޝޯގަ އެވެ. "އަވަސް ހުކުރު"ގެ ނަމުގައި "އަވަސް"އިން ފެށި ޓޯކް ޝޯގެ ފުރަތަމަ މެހެމާންގެ ގޮތުގައި ދުންޔާ ބައިވެރިވެވަޑައިގެން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން މީގެކުރިން ދުންޔާ ނުދައްކަވާ ގިނަ ވާހަކަތަކެއް ވަނީ ދައްކަވާފަ އެވެ. ދުންޔާގެ އިންޓަވިއު އެއްކޮށް "އަވަސް"ގެ ފޭސްބުކް ޕޭޖުން ފެންނާނެ އެވެ.

ދުންޔާ ވިދާޅުވި ގޮތުގައި ސިޔާސީ މައިދާނުގައި ހަރަކާތްތެރިވެ އިސްކޮށް އުޅުއްވި ގިނަ ބޭފުޅުންތަކެއްގެ އާއިލާތައް ތިބި ބިރުވެރިކަން އޭނާއަށް ވަރަށް ރަނގަޅަށް ވަޒަންކުރެ އެވެ. އެ ބޭފުޅުންނާއި އެ އާއިލާތައް ވެފައިވަނީ ބޮޑު ގުރުބާނީއެއްކަން ފާހަގަކުރެއްވި އެވެ. ވޭދުވެދިޔަ ދުވަސްތަކަކީ އޭނާއަށް ވެސް ފަސޭހަ ދުވަސްތަކެއް ނޫން ކަމަށް ދުންޔާ ވިދާޅުވި އެވެ.

"އަޅުގަނޑާ އެއްގޮތަށް އެހެން އާއިލާތަކުގެ ބޭފުޅުންތަކެއް ވެސް ބިރުވެރިކަމެއްގެ ތެރޭގައި ދުވަސްތަކެއް ހޭދަކުރެއްވީ، ވަރަށް ގިނަ ބޭފުޅުން ތިބީ ޖަލުގަ އާއިލާގެ، އަޅުގަނޑަށް އެނގޭ އަޅުގަނޑު އިސްކޮށް ނުކުމެ މާބޮޑު ދައުރެއް ކުޅެން ފަށާއިރަށް އަޅުގަނޑާ ދިމާލަށް އަންނާނެކަން، ދެން ކޮއްކޮއަށް [ޔުމްނާއަށް] ވެސް އޮތީ ވަރަށް ދަތިކޮށް ދިމާވެފަ، އެހެންވީމަ އަޅުގަނޑު އެޑްވައިސް ވެސް ދިނިން ބައެއް ބޭފުޅުން ހިތްހަމަނުޖެހިދާނެ، އެކަމަކު އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑު މަސައްކަތް ކުރާ ބައްޕަ ވެސް އެހެން ބޭފުޅުން ވެސް ޕްރޮޓެކްޓްކޮށްދޭން، އެއީ އެހާ ބޮޑެތި ކަންތައްތަކާ ކުރިމަތިލާން ޖެހޭނެތީ، ދުރާލާ ވެސް އަޅުގަނޑަށް ބައްޕައަށް ވެސް ފާރިސްއަށް ވެސް ދެންނެވުނު ޖަލަށް ދާން ޖެހޭނެއޭ، މިހެންނޭ ކަންތައްތައް ވާނީ،" ދުންޔާ ވިދާޅުވި އެވެ.

"ބޭރު ދުނިޔެއިން ވެސް މިސާލަކަށް ރައީސް ނަޝީދަށް ލިބުނު ވަރަށް އެޓެންޝަން ދެއްތޯ، އަޅުގަނޑު ބައްޕައަށް ދެންނެވިން މި އެޓެންޝަން ނުލިބޭނެ ކަންނޭނގެއޭ، އިމޭޖް އޮތީ ބައްޕަގެ އެހެން ވަކި ގޮތަކަށް ގޮސްފަ، އެހެންވީމަ ކާކުތޯއޭ އެހީތެރިވާނީ، އެއްވެސް މީހެއް އަންނާނެ ބާވައޭ، ވިސްނާލައްވައްޖޭ، އަޅުގަނޑު ހަމަގައިމު ވެސް ކަންބޮޑުވެއޭ ތި އުމުރުގައި ޖަލުގަ ހުންނަވަން ޖެހިއްޖެއާ، ދެން ބައްޕަގެ ނިންމުން، ވަރަށް ހިތްވަރު ގަދަ، ހަމަ ކުރިމަތިލައްވައިގެން ވަޑައިގެންނެވީ އެގޮތަށް ކުރިއަށް،"

ދުންޔާ ވިދާޅުވި ގޮތުގައި ބިރުވެރިކަމާ އެކި މީހުން ފޭސް ކުރާނީ އެކި ގޮތަށެވެ. އެ ހިތްވަރު ހޯދާނީ ވެސް އެކި ގޮތްގޮތުންނެވެ.

"އަޅުގަނޑަށް ވެސް ފަސޭހައެއް ނޫން މިދިޔަ ދުވަސްތަކެއް، އެއްގޮތަކަށް ވެސް އިނގޭތޯ، އެކަމަކު މިހެން މި ބުނާއިރު ވެސް އެނގޭ އަޅުގަނޑަށްވުރެ މާ ދަތިކޮށް އެތައް އާއިލާތަކެއްގަ ވަކިން ހާއްސަކޮށް އިސްކޮށް ސިޔާސީ ދާއިރާގަ މި ނުކުންނެވި ބޭފުޅުންގެ ގުރުބާނީއަކީ ހަމަ ބޮޑު ގުރުބާނީއެއް، އެ ބޭފުޅުންގެ ކުދިން ހަމަ ވަރަށް ދަތީގަ އަނބިން، އާއިލާގެ އެހެން ބެފުޅުން އުޅުނީ،" ދުންޔާ ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވި ގޮތުގައި އިސް ސަފުން ނުފެނު ނަމަވެސް ރައީސް މައުމޫން މިނިވަން ކުރުމަށް އޭނާއަށް ކުރެވުނު މަސައްކަތެއް ވިއްޔާާ ކުރެއްވި އެވެ. އެގޮތުން ރާއްޖެގަ އާއި ރާއްޖެއިން ބޭރުގައި ފާޅުގަ އާއި ސިއްރުން އެކަމަށްޓަކައި މަސައްކަތްތަކެއް ކުރެއްވިކަން ފާހަގަކުރެއްވި އެވެ. އެގޮތަށް އަމަލު ކުރެއްވީ ކީއްވެގެން އޭނާ ކޮން ކަމެއް ކުރައްވާފައިވާތީތޯ ވަރަށް ގިނަ މީހުން ސުވާލު ކުރާ ކަމަށް ވެސް ވިދާޅުވި އެވެ.

"ދުންޔާ އަނގައިން ނުބުނެ ފަހަތަށް ޖެހި ތިހުންނަނީ ކީއްވެހޭ ވަރަށް ގިނަ މީހުން ސުވާލު ކުރޭ، އަޅުގަނޑުގެ ޖަވާބަކީ ކުރިމަތީ ފެންނަމުން ދިޔަ ކަންތައްތަކުންނޭ، މީހަކު ކަމެއް ކޮށްގެންތޯއޭ ބައެއް ބޭފުޅުން ޖެހިލުންވެފަ، ނޫނީ އާއިލާގެ ކުދިންނަށްޓަކައި ނުވަތަ އެމީހުންގެ ފިރިން އާމްދަނީ ހޯދުމަށްޓަކައި ކުރާ މަސައްކަތްތަކަށް ރައްކާތެރިކުރުމަށްޓަކައި ތިއްބެވީ، ނުތިބެ ކުރިމަތިލާ މީހުންނަށް ވަމުންދާ ގޮތް އެބަ ފެނޭ، ވަރަށް ގިނަ މީހުން ޖަލަށްލާ ތަން ފެނުނީ،" ދުންޔާ ވިދާޅުވި އެވެ.

"އެ ހަގީގަތް އެހެން އޮތްއިރު އަޅުގަނޑަށް އިހްސާސް ކުރެވުނީ އަޅުގަނޑުގެ ޒިންމާތަކެއް އެބަ ހުއްޓޭ، ދަރިންނަށް، މައިންބަފައިންނަށް، ހާއްސަކޮށް އަޅުގަނޑުގެ ފިރިމީހާއަށް، އެހެންވެ އަޅުގަނޑު ތަންކޮޅެއް ފަހަތަށް ޖެހިލާފަ، އެކަމަކު އަޅުގަނޑު ހުރީ އާއިލާއާއެކު، އެކަމަށް ޔުމްނާ ވެސް ފާރިސް ވެސް އަދި އަޅުގަނޑު މަންމަ ވެސް ހެކިވާނެ، އަޅުގަނޑަށް ދެވެން އޮތް ގޮތަކުން ހަމަ ސަޕޯޓް ދެމުން ދިޔައީ، އެ ހުރިހާ ޕެއިންއެއް އަޅުގަނޑަށް ފީލްވާނެ،"

އަޅުގަނޑު ފަހަތަށް ޖެހިލީ ޒިންމާތަކެއް ހުރީމަ، އެކަމަކު ހުރީ އާއިލާއާއެކު، ސަޕޯޓް ވެސް ދިނިން
ދުންޔާ މައުމޫން

ކުރީގެ ފޮރިން މިނިސްޓަރު ވިދާޅުވި ގޮތުގައި، ރާއްޖެއަށް ވަޑައިނުގަންނަވާ ބޭރުގައި ދުވަސްތަކު ހުންނެވި ކަމަށާއި އެ ދުވަސްތަކުގައި ތަފާތު އިހުސާސްތަކެއް ކުރެވުނު ކަމަށެވެ. އަނބުރާ ގައުމަށް ނުދެވިދާނެ ކަމުގެ ބިރު އޭރު އޮތް ކަމަށެވެ. މައިންބަފައިން ދުށުމުގެ ނަސީބު ދެން ނުލިބިދާނެ ކަމަށް ވެސް ހީވި ކަމަށް ދުންޔާ ވިދާޅުވި އެވެ. އޭރު ޔުމްނާ މައުމޫންގެ ޕާސްޕޯޓް ހިފަހައްޓާފައި އޮވެ، މާލެއިން ބޭރުވެވެން ނެތް ކަމާއި އޭނާ ބޭރުގައި ރާއްޖެ ނާދެވިފަ ހުންނަން ޖެހުނު ހާލަތްވީ ވަރަށް ފުން އަސަރުތަކެއް ކުރެވުނު ހާލަތަކަށް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު އޭރު ހިތަށް އެރީ ބައްޕައަށް ވެސް އަދި މި މަގުސަދު ހާސިލްކުރަން ވެސް މަސައްކަތް ކުރެވޭނީ އަޅުގަނޑު ބޭރުގައި ހުރެގެންނޭ، ރާއްޖޭގައި ހުރިއްޔާ އަޅުގަނޑު ވޮއިސް އެކީ ސައިލެންސް ވާނެ، ބޭރު ދުނިޔެއަކަށް ހަބަރެއް ވެސް ނުކުރެވޭނެ، ވަރަށް ބިރުވެރިކޮށް ދިޔަ ދުވަސްތަކެއް އެއީ، ހާއްސަކޮށް ވޯޓުލީ ދުވަސް،" ދުންޔާ ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބަށް އެއް ދުވަހަށްވެފައިވަނިކޮށް މަންމާފުޅު ނަސްރީނާ އިބްރާހިމް މެސެޖެއް އާންމު ކުރައްވައި ކެމްޕެއިނަށް ވަޑައިގެންނެވުމަކީ އިތުރު ހާސްކަމާއި ބިރުވެރިކަމެއް ލިބުނު ކަމަކަށެވެ. މަންމަ އާއި ދެންތިބި އާއިލާގެ ފަރާތްތަކަށް ދެން އަންނަނީ ކޮންފަދަ ހަމަލާއެއްބާވައޭ އޭރު ހިތަށް އެރި ކަމަށް ދުންޔާ ވިދާޅުވި އެވެ.

"އެހެންނަމަވެސް ﷲގެ އިރާދަފުޅުން ކަން މިހެން ގޮސް ނިމުނީ ވަރަށް އުފާކުރަން، ﷲއަށް ހަމްދުކުރަން، އަދި މިދިޔަ ދުވަސްތަކުގައި އަޅުގަނޑުމެން ގާތުގައި ތިބި ހުރިހާ ރަހްމަތްތެރިންނަށް ހާއްސަކޮށް ބައްޕައަށް ފާރިސްއަށް އެހީތެރިވި ބޭފުޅުންނަށް ޝުކުރު ދަންނަވަން،" ދުންޔާ ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވި ގޮތުގައި ހަގީގަތް ނުބަލައި ނުވަތަ އެމީހަކު ތަހައްމަލުކުރި ކަންކަމާއި ކުރިމަތިލާން ޖެހުނު ދަތިތައް ނުބަލައި، އެމީހަކު "ޖަޖު" ކުރުމަކީ މިހާރު އާންމުވެފައިވާ ކަމެއް ކަމަށެވެ. އެއީ އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ހިތާމަހުރި ކަމެކެވެ. ދުންޔާ ވިދާޅުވި ގޮތުގައި މިހާރު ރާއްޖެއަށް އެންމެ މުހިންމު ކަމަކީ ރައްޔިތުން އެއްބައިވަންތަކުރުމެވެ. އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އެކަން ހާސިލްވެގެން ދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.