ރިޕޯޓް

އުފަލާއި ލޯބި ފެނި، މައުމޫންގެ ލޮލުން ކަރުނަ!

މިރޭ އިރޮއޮއްސިގެން އައީ، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަޕޯޓަރުންނަށް އުފާވެރި ކަމުގެ ހަބަރުތަކާ އެކު އެވެ. އެމީހުންގެ "ޒައީމް" ކަފާލާތުގެ ދަށުން މިނިވަންކުރަން އުޅޭ ކަމުގެ އަޑުތައް ހަވީރު އިވެން ފެށުމުން އެންމެންގެ މޫނު މަތިން އުފާވެރިކަން ފާޅުވާން ފެށި އެވެ. މާގިނަ އިންތިޒާރުތަކެއް ވެސް ކުރާކަަށް ނުޖެހުނެވެ. ހައިކޯޓުގެ އިސް ފަނޑިޔާރު ސޮއި ކުރައްވައި ރައީސް މައުމޫން ކަފާލާތުގެ ދަށުން ދޫކުރުމަށް އަމުރު ނެރުނީ އެވެ.

ރައީސް މައުމޫން ދޫކޮށްލުމަށް އަމުރުކުރުމާއެކު ސަޕޯޓަރުން އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅު، އެންދެރިމާގެ ކައިރިއަށް ޖަމާވި އެވެ. ކާރުކޮޅުގައި ހައިކޯޓުން ރައީސް މައުމޫން ގެކޮޅާ ހަމައަށް ވަޑައިގެންނެވިއިރު މުޅި ސަރަހައްދުގައި ގުގުމާފައިވަނީ އެއް އަޑެކެވެ. "ތިޔައީ ޒައީމޭ" މި ލަވައިގެ އަޑެވެ.

ރަން 30 އަހަރުގެ ހިދުމަތްތައް ޝުކުރު އަދާކޮށް ހަދާފައިވާ ލަވައިން މުޅި ތަން ގުގުމާފައިވާއިރު ސަޕޯޓަރުން ގެންދިޔައީ އެމީހުންގެ ލޯތްބާއި ތާއިދު ރައީސް މައުމޫންއަށް އޮއްސަމުންނެވެ. އެތަނުން ފެނިގެން ދިޔަ އުފާވެރިކަމަކީ ހަމަ ބަޔާންކުރަން ދަތި އިހްސާސެކެވެ.

"ކިޔައިދެވޭ ކަހަލަ އިހްސާސެއް ނޫން މިގަޑީގައި ވަނީ، ބަޔާން ކުރަން ވެސް ނޭނގޭ އިހްސާސެއް މިއީ،" ރައީސް މައުމޫން މިނިވަންކުރުމަށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރި އަބްދުލް އަލީމް ބުންޏެވެ.

ސަޕޯޓަރުންގެ މެދުން ރައީސް މައުމޫން ހިންގަވާފައި ގެންދެވިއިރު އަރިހުގައި ދެ ދަރިކަނބަލުން ކަމަށްވާ ޔުމްނާ މައުމޫނާއިި ދުންޔާ މައުމޫން ތިއްބެވެ. ދެ ބޭފުޅުން ވެސް އުފަލުން ފޮޅިފައި ތިބިއިރު އުފާވެރިކަމުގެ ކަރުނަ ދެ ބޭފުޅުންގެ ލޮލުން ވެސް އޮހެރެމުންދިޔަ އެވެ.

އޯގާތެރި ހިނިތުންވުމަކާއެކު ރައީސް މައުމޫން ގެކޮޅާ ދިމާލަށް ހިންގަވާފައިދިޔައިރު އެމަނިކުފާނަށް ފުން އަަސަރުތަކެއްކުރިތަން ފެނެ އެވެ. ފެންނަމުން ދިޔަ ލޯތްބާއި ތާއިދާއެކު އެމަނިކުފާނުގެ ލޮލުން ކަރުނަ ހިލުނެވެ. އުފާވެރިކަމާއެކު ސަޕޯޓަރުންނަށް ޝުކުރު އަދާކުރެއްވި އެވެ. އެމަނިކުފާނުގެ "ޓްރޭޓް މާކް" އަތް ހިއްލާލައްވައި އެންމެންނަށް އިޝާރާތުން ސަލާމް ކުރެއްވި އެވެ.

މިދިޔަ ފެބުރުއަރީ މަހު ހިތާމައިގެ ކަރުނައާއެކު އެންދެރިމާގެއިން ނުކުމެވަޑައިގެން ރައީސް މައުމޫން މިރޭ ގެކޮޅަށް ވަދެވަޑައިގަތީ އުފާވެރިކަމުގެ ކަރުނައާއެކު އެވެ. އެކުގައި އެންމެ ލޯބިވާ ދަރިކަލުން އަހުމަދު ފާރިސް މައުމޫން ވެސް ގޮވައިގެންނެވެ. ފާރިސް ވެސް މިރޭ ވަނީ ކޯޓުން މިނިވަންކޮށްފަ އެވެ.

"ވަރަސް އުފާވޭ، ހައްގަށް ނަސްރު ލިބެމުން މިދަނީ، ނަފުރަތުގެ އޮއިވަރު ޖެހިގެން ކުރަމުންދިޔަ ކަންކަން ބަލިވަމުންދާ ތަން މި ފެންނަނީ،" ރައީސް މައުމޫން މިނިވަން ކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި އައިމިނަތު ނާދިރާ ވިދާޅުވި އެވެ.

ނާދިރާ ވިދާޅުވި ގޮތުގައި މިރޭ ރައީސް މައުމޫން ގެއަށް ވަޑައިގެންނެވީ ރައްޔިތުންގެ ހިތްވަރުންނެވެ. ރައްޔިތުން ނިންމި ނިންމުމުގެ ސަބަބުންނެވެ. އެމަނިކުފާނު މިނިވަންވެގެން ދިޔައީ އެއްވެސް ހާލެއްގައި މުއައްސަސާތައް ރަނގަޅުވެގެން ނޫން ކަމަށާއި މިއޮތް ހުރިހާ ދުވަހު ބަންދުކޮށްގެން ގެންގުޅުނީ ގާނޫނާ ހިލާފަށްކަން މިހާރު ހާމަވަމުންދާ ކަމަށް ވެސް ނާދިރާ ވިދާޅުވި އެވެ.

ރައީސް މައުމޫންގެ ވެސް ފުރިހަމަ ތާއިދު އޮތް، އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ ވަނީ ރައީސް
މައުމޫން މިނިވަން ކުރެއްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. އެ ވައުދާއެކު ރައީސް މައުމޫންގެ ސަޕޯޓަރުންގެ ވޯޓު ވެސް އިބޫއަށް ލިބިފައިވާއިރު ރައީސް އަބްދުﷲ ޔާމީން ބަލިކޮށްފައިވަނީ ބޮޑު ތަފާތަކުންނެވެ.