މޯލްޑިވްސް ރިފޯމް މޫވްމަންޓް، އެމްއާރުއެމްގެ ނަމުގައި ރައީސް މައުމޫންގެ ސަޕޯޓަރުން އުފައްދަވާ ސިޔާސީ ޕާޓީ އުފެއްދުމުގެ ހުއްދަ ދީފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ އެމްއާރުއެމް އުފެއްދުމުގެ ހުއްދަ، ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫނަށް ދެއްވާފައެވެ. އަދި އެކަމުގެ ލިޔުންވެސް ހަވާލުކޮށްފައެވެ. ޔުމްނާއަށް މި ލިޔުން ހަވާލުކޮށްދެއްވީ އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފެވެ. - މިއީ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އަންހެނަކަށް ދިން ފުރަތަމަ ފަހަރެވެ. -
އެމްއާރުއެމް އުފެއްދުމުގެ ހުއްދަ ދިނުމާއި ގުޅިގެން އެ ޕާޓީ ރަޖިސްޓްރީކުރުމުގެ ކުރިން ބާއްވަންޖެހޭ ޚާއްސަ ޖަލްސާ ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ބާއްވަން ޖެހޭނެ އެވެ. އެ ޖަލްސާގައި ޕާޓީގެ މަގާމުތަކަށް ބޭފުޅުން އިންތިޚާބުކުރުމާއި، ޕާޓީގެ ކައުންސިލަށް މެންބަރުން އިންތިޚާބުކުރާނެއެވެ. އަދި ޚާއްސަ ޖަލްސާ ކުރިއަށްދާގޮތް މޮނިޓަރު ކުރުމަށްފަހު، އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި އެމްއާރުއެމް ރަޖިސްޓްރީކޮށްދޭނެ އެވެ.
އެމްއާރުއެމް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވާ އަބްދުލްއަލީމް އަވަސްއަށް ވިދާޅުވީ އެ ޕާޓީ އުފެއްދުމަށް ބާއްވަންޖެހޭ ޚާއްސަ ޖަލްސާ އަންނަ ނޮވެންބަރު މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާކަމަށެވެ. އަދި އެ ޖަލްސާ ބޭއްވުމުގެ ތައްޔާރީތަކުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށެވެ.
މޯލްޑިވްސް ރިފޯމް މޫވްމަންޓް، އެމްއާރުއެމްގެ ނަމުގައި ޕާޓީއެއް އުފެއްދުމަށް، މެންބަރުން ހޯދުމުގެ ހުއްދަ އެންމެ ފުރަތަމަ ދެއްވީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރު އިބްރާހިމް ހަސަނަށެވެ. ނަމަވެސް ފަހުން އެ ހުއްދަ ބާތިލްކުުރުމަށް ހުށައެޅުމަށްފަހު، އައު ހުއްދައެއް ހޯދީ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫންގެ ނަމުގައެވެ.
އެ ހުއްދަ ދޫކޮށްފައިވަނީ މެއި މަހުގެ 27 ވަނަ ދުވަހު އެވެ.
ސިޔާސީ ޕާޓީގެ ގަވައިދުގައިވާ ގޮތުން ހުއްދަ ދޫކުރާތާ ތިން މަސް ދުވަހުގެ ތެރޭގައި ތިން ހާސް މީހުންގެ ސޮޔާއެކު ހުށަހަޅަން ޖެހޭނެ އެވެ. ނޫންނަމަ ހުއްދަ ބާތިލްވާނެ އެވެ.
އެމްއާރުއެމުން މިދިޔަ މަހު ވަނީ 3300 ފޯމް ހުށައަޅާފައެވެ. ޕާޓީ އުފެއްދުމުގެ ހުއްދަ ދީފައިވަނީ އޭގެ ތެރެއިން 3000 ފޯމް ސައްހަ ފޯމުގެ ގޮތުގައި ހިމެނިފައިވާތީއެވެ.
މައުމޫން އިސްވެ ހުންނަވާ އުފެއްދެވި ޕީޕީއެމް އެމަނިކުފާނަށް ގެއްލުމުން، އެމްއާރުއެމް އުފެއްދެވުމުގެ މަސައްކަތް ފެއްޓެވީ ސަޕޯޓަރުންގެ އެދުމުގެ މަތިންކަމަށް މައުމޫންގެ އަރިސް ބޭފުޅުން ވަނީ ވިދާޅުވެފައެވެ.