ފާރިސް މައުމޫން

އެމްއާރްއެމްގައި ވަކި އާއިލާއެއްގެ ގިނަ ބަޔަކު ނެތް: ފާރިސް

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ އެކްސްކޯގައި ވަކި އާއިލާއަކަށް ނިސްބަތްވާ ގިނަ ބަޔަކު މިވަގުތުވެސް ނެތް ކަމަށް އެ ޕާޓީގެ ރައީސް ފާރިސް މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

އެމްއާރްއެމްގެ އައު ލީޑާޝިޕުން މިއަދު ބޭއްވި ނޫސްވެެރިންގެ ބައްދަލްވުމުގައި ފާރިސް ވިދާޅުވީ އެމްއާރްއެމްގެ ލީޑާޝިޕްގައި އެއް އާއިލާއެއްގެ ބައެއް ބޭފުޅުން އެބަތިއްބެވި ކަމަށެވެ. ޕާޓީގެ ޒައީމަކީ ރައީސް މައުމޫނެވެ. ރައީސަކީ ފާރިސް އެވެ.

ފާރިސް ވިދާޅުވީ އެ ގޮތަށް ވިސްނާނަމަ އެއް އާއިލާއަކަށް ނިސްބަތްވާ ދެ ބޭފުޅަކު މަގާމުގައި ހުންނެވި މަންޒަރު މިހާރު ފެންނަން އެބައޮތް ކަމަށެވެ. ނަމަވެސް ޕާޓީގެ އެކްސްކޯއަށް ބަލާއިރު ވަކި އާއިލާއަކަށް ނިސްބަތްވާ ގިނަ ބަޔަކު މިވަގުތުވެސް ނެތް ކަމަށް ވިދާޅުވިއެވެ.

"ޒައީމް މައުމޫން އަބްދުލްގައްޔޫމަކީ އަޅުގަނޑުގެ ބައްޕަ. އަޅުގަނޑު މި ހުރީ ރައީސް ކަމުގެ މަގާމުގައި. އެހެންވީމަ މިވަގުތު ފެންނަން އެބަތިބި ދެއްތޯ އެއް އާއިލާއެއްގެ ބަޔަކު ޕާޓީގެ ލީޑާޝިޕްގައި. އެހެން ނަމަވެސް ލީޑާޝިޕްގެއޭ ދެންނެވުމުން ރައީސް މައުމޫން މިހާރު އެ ހުންނެވީ ސީދާ ޕާޓީ ހިންގެވުމުގައެއް ނޫން. އަޅުގަނޑު އެކަމާ ހަވާލުވެ މި ހުރީ،"

"އަޅުގަނޑުމެންގެ ތެރޭގައި ވަކި އާއިލާއަކަށް ނިސްބަތްވާ ގިނަ ބަޔަކު މިވަގުތަކުވެސް ނެތް އިނގޭތޯ،" ފާރިސް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވީ އެމްއާރްއެމްގެ މިފަހަރުގެ އިންތިހާބުގައި ބައެއް މަގާމުތަކަށް އިންތިހާބެއް ނެތި ބައެއް ބޭފުޅުން ހޮވިވަޑައިގެން ނަަމަވެސް ކުރިއަށް އޮތްތާ އިންތިހާބުތަކުގައި ވާދަވެރިކަން ބޮޑުވާނެ ކަމަށެވެ. އަދި އެ ޕާޓީ ވެގެންދާނީ ތަފާތު ދައްކާ ނަތީޖާ ނެރޭނެ ޕާޓީއަކަށްވެސް ވިދާޅުވިއެވެ.

ރައީސް މައުމޫންގެ ބޭފުޅުންގެ ތެރެއިން ފާރިސް އާއި ޔުމްނާ އަކީ އެމްއާރްއެމްގެ މެންބަރުންނެވެ. އަނބިކަނބަލުން ނަސްރީނާ އިބްރާހިމްވެސް ހިމެނިވަޑައިގަންނަވަނީ އެމްއާރްއެމްގެ މެންބަރެއްގެ ގޮތުގައެވެ. ނަމަވެސް ޣައްސާން މައުމޫނަކީ ރައީސް މައުމޫން އުފެއްދެވި ދެވަނަ ޕާޓީ ކަމަށްވާ ޕީޕީއެމްގެ ނާއިބު ރައީސެކެވެ. ޣައްސާން ސިޔާސީ ގޮތުން ކުރިއަށް ވަޑައިގަންނަވަނީ ބޮޑުބޭބެ ރައީސް ޔާމީނާއެކުގައެވެ. މައުމޫންގެ ދަރިކަނބަލުން ދުންޔާ މައުމޫން މިހާރު ހުންނެވީ އަލަށް އުފައްދަން މަސައްކަތް ކުރަމުންދާ މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގައެވެ. ހުކުރު ދުވަހުގެ ރޭ އޮންނަ އެ ޕާޓީ އުފެއްދުމުގެ ޖަލްސާގައި ޕާޓީގެ އަންހެނުންގެ ވިންގުގެ ރައީސަކަށް ދުންޔާ ވަނީ ކުރިމަތިލައްވާފައެވެ.