އެމްއާރުއެމް

އެމްއާރްއެމްގެ ކޮންގްރެސް އޮކްޓޫބަރުގައި

Aug 27, 2021
1

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ކޮންގްރެސް -- ނެޝަނަލް ކޮންވެންޝަން -- އަންނަ އޮކްޓޫބަރު މަހުގެ ދެވަނަ ދުވަހު ބޭއްވުމަށް ނިންމައިފި އެވެ.

އެމްއާރްއެމްއިން މި ނިންމުން ނިންމީ ބުދަ ދުވަހުގެ ރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލްވުމުގައެވެ.

ކޮންގްރެސްއާ ގުޅޭގޮތުން އަވަސްއާ ވާހަކަދައްކަވަމުން ރައީސް މައުމޫން ރޭ ވިދާޅުވީ އެ ޕާޓީގެ ކޮންގްރެސްގައި ޕާޓީގެ ރައީސް ކަމަށާ ނާއިބު ރައީސް އަދި އެހެން މަގާމުތަކަށް ބޭފުޅުން އިންތިހާބު ކުރާނެ ކަމަށެވެ. މިހާރު އެ މަގާމުތަކުގައި ތިއްބެވީ ވަގުތީ ގޮތުން ތިއްބެވި ބޭފުޅުންނެވެ.

މައުމޫން ވިދާޅުވި ގޮތުގައި އޮކްޓޫބަރު 2 ގައި މާލޭގައި ކުރިއަށް ގެންދާ ކޮންގްރެސްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިއްބެވި އެމްއާރްއެމްގެ މެންބަރުން ތަމްސީލު ކުރާނެ އެވެ. އެ ގޮތުން އެކި ރަށްރަށުން ޖުމްލަ 150 މަންދޫބުން ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އަދި ކޮންގްރެސްގެ މަންދޫބުންނަށް ވާން ބޭނުންވާ މެންބަރުންނަށް މިހާރު ވަނީ އެކަމަށް އެދުމަށް ހުޅުވާލާފައެވެ.

އެމްއާރްއެމް އަކީ މައުމޫން އިސްވެ އުފެއްދެވި ދެވަނަ ޕާޓީ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ތެރޭގައި ބައިބައިވުން އުފެދި އެމަނިކުފާނު އެ ޕާޓީން ވަކިކުރެއްވުމުން އުފެއްދެވި ޕާޓީއެކެވެ. އެމްއާރްއެމް ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީވުމުގެ ކުރީން 2018 ގެ ރިޔާސީ އިންތިހާބުގައި ހަރަކާތްތެރިވީ މޫވްމަންޓެއްގެ ގޮތުގައެވެ. އެމްއާރްއެމްގެ ނަމުގައި ޕާޓީއެއް އުފައްދަވާކަން ރައީސް މައުމޫން ހާމަކުރެއްވީ ޖަނަވަރީ 31، 2019 ގައެވެ. އެމްއާރްއެމް ރަޖިސްޓްރީ ކޮށް ދިނުމަށް އެދި ހުށައެޅީ ފެބްރުއަރީ 10، 2019 ގައެވެ. އެ ޕާޓީ ރަޖިސްޓްރީވީ އޭގެ ނުވަ ދުވަސް ފަހުން ފެބްރުއަރީ 19، 2019 ގައެވެ.

މައުމޫން އިސްވެ ފުރަތަމަ އުފެއްދެވީ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އެވެ. ޕީޕީއެމް އުފެއްދެވީވެސް ޑީއާރުޕީ ދެބައިވެ ހިޔާލުތަފާތުވުން ބޮޑުވުމުންނެވެ.