ޔުމްނާ މައުމޫން

ޔުމްނާ، ޣައްސާނަށް: ކޯލިޝަން ނުރޫޅޭނެ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމަކީ އެންމެން ގުޅިގެން ގެނައި އެއްބައިވަންތަކަމުގެ ސަރުކާރެއް ކަމަށް ވިދާޅުވެ ހެރިޓޭޖް މިނިސްޓަަރު ޔުމްނާ މައުމޫން، ކޮއްކޯފުޅު ޣައްސާން މަައުމޫނަށް ރައްދު ދެއްވައިފި އެވެ.

ޣައްސާން ވަނީ މި ސަރުކާރު ކޯލިޝަން ވަރަށް އަވަހަށް ރޫޅޭނެ ކަމަށާ އެ ދުވަހަކުން ރައީސް ޔާމީން ޖަލަށްލީ ނުހައްގުން ކަމަށް ކުރީގެ ރައީސް މަައުމޫނާއި ފާރިސް މައުމޫން ވެސް ވިދާޅުވާނެ ކަމަށެވެ.

ރައީސް މައުމޫންގެ ވާހަކަފުޅުތައް މި ފަހުން މީޑިއާއާ ހިއްސާ ކުރައްވާ އަދި ރައީސް މައުމޫނާއެކު މި ސަރުކާރު ގެނައުމަށް އެންމެ ބުރަކޮށް މަސައްކަތް ކުރެއްވި ޔުމްނާ މައުމޫން ވިދާޅުވީ މިހާރު އޮތީ ކޯލިޝަނުން ގެނައި ސަރުކާރެއް ކަމަށެވެ.

އަދި ކޮވިޑްގެ ދަތި އުނދަގޫ މި ވަގުތު ވެސް ކޯލިޝަން އެކުގައި މަސައްކަތް ކުރަމުން ދަނީ ރައްޔިތުންނަށްޓަކައި ކަމަށާއި ކޯލިޝަން ދެމި އޮންނާނެ ކަމަށެވެ.

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ޖަލަށްލާފައި ވަނީ ސިޔާސީ ނުފޫޒުން ކަމަށާ އެ ވާހަކަ ދާދި އަވަހަށް ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް ވެސް ވިދާޅުވާ އަޑު އިވިވަޑައިގަންނަވާނެ ކަމަށް މައުމޫންގެ ހަގު ދަރިކަލުން ޣައްސާން މައުމޫން ވަނީ ވިދާޅުވެފަ އެވެ.

މިއީ ކޯލިޝަނަކުން ގެނައި ސަރުކާރެއް. މި ދަތި އުނދަގޫ ވަގުތުގައި ވެސް ރައްޔިތުންނަށްޓަކައި ކޯލިޝަން ސަރުކާރުން މި މަސައްކަތް ކުރަނީ އެކުގައި. އިރާދަކުރެއްވިއްޔާ ކޯލިޝަނެއް ނުރޫޅޭނެ.
ޔުމްނާ މައުމޫން

ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް މައުމޫން ޖަލަށް ލެއްވުމުން ބައްޕާފުޅުގެ ދިފާއުގައި އެއްވެސް އެއްޗެއް ވިދާޅުވެފައިނުވާތީ ގައްސާން މައުމޫނަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފައިވެއެވެ. ރައީސް ޔާމީން މިނިވަން ކުރެއްވުމަށް ގޮވާލާ ދާދިފަހުން ގައްސާން ކުރެއްވި ޓްވީޓަކާއި ގުޅިގެންވެސް ގިނަ ބަޔަކު އެ ހަނދާންތައް އައުކޮށްދީފައިވެއެވެ. އަދި މަޖިލީހުގެ ބައެއް މެންބަރުންވެސް ވަނީ އެ ހަނދާންތައްް އައުކުރައްވާ ގައްސާނަށް ފާޑުވިދާޅުވެފައެވެ.

މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު ވަނީ ރައީސް ޔާމީން ޖަލަށްލާފައިވަނީ ސިޔާސީ ނުފޫޒުން ކަމުގައިވާނަމަ ރައީސް މައުމޫންވެސް އަދި ގައްސާންގެ ބޭބޭފުޅު ފާރިސް މައުމޫންވެސް އެގޮތަށް ވިދާޅުވާނެ ކަމަށް ދެކޭ ކަމަށް ވިދާޅުވެފައެވެ.

ވަހީދުގެ އެ ސުވާލަކަށް ޖަވާބު ދެއްވަމުން ގައްސާން މައުމޫން ވިދާޅުވީ ރައީސް ޔާމީން ޖަލަށްލާފައިވަނީ ސިޔާސީ ނުފޫޒުން ކަމަށެވެ. އަދި ޓީވީ ޝޯއެއްގައި އެކަމުގެ ތަފްސީލް އޭނާ ހާމަކޮށްފައިވާނެ ކަމަށް ވިދާޅުވެ އެ ވީޑިއޯ ވަނީ ހިއްސާކުރައްވާފައެވެ.

އަދި ވިދާޅުވީ މެންބަރު ވަހީދު ވިދާޅުވި ކަންކަން މިހާރުވެސް ދާދި ކައިރިން ފެންނަ ކަހަލަ ކަމަށެވެ. ގައްސާން ވިދާޅުވީ މިހާރު އޮތް ސަރުކާރު ކޯލިޝަން މުގުރުމުން ކަންތައްތައް ފެންނަން ފަށާނެ ކަމަށެވެ.

"ދެން އިޝާރާތް ކުރެއްވި ކަންކަން [މައުމޫން އަދި ފާރިސް، ޔާމީންގެ ޝަރީއަތާ ގުޅޭގޮތުން ވާހަކަ ދެއްކެވުން] އެކަންތައް ކޯލިޝަން މުގުރުމާއެކު ފެންނަންފަށާނެ. އެ ދުވަސް ދާދި ކައިރިން ފެންނަ ކަހަލަ." މިނިސްޓަރުންގެ ނޯކޮންފިޑެންސް ހޭސްޓެގް ކުރައްވާ ގައްސާން ވިދާޅުވިއެވެ.

ގައްސާން އެ އިޝާރާތް ކުރައްވަނީ މައުމޫންގެ ކޮއްކޯފުޅު ރަމްލާ އަބްދުލްގަނީގެ ދަރިކަނބަލުން އަދި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާނެ ކަމަށް އެމްޑީޕީގެ ބައެއް މެންބަރުން ވިދާޅުވެފައިވާ ވިދާޅުވުމަށް ކަމަށް ބެލެވެއެވެ. އެމްޑީޕީގެ ތިން މެންބަަރަކު ވަނީ ޒަހާ މަގާމުން އިސްތިއުފާދިނުމަށް ގޮވާލައްވާފައެވެ. އިސްތިއުފާ ނުދެއްވާނަމަ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާނެ ކަމަށްވެސް ވިދާޅުވިއެވެ.