އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ތުހުމަތުކޮށް ހިޔާނާތުގެ ފައިސާ ލިބުނު މީހުންގެ ލިސްޓްގައި ނަން ހިމަނާފައިވަނީ އަބުރު ކަތިލާ ބަދުމާނު ކުރުމުގެ ގޮތުން ކަަމަށް ގުރައިދޫ ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ނާއިބު ރައީސް މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.
މަޖިލީހުން އާންމުކުރި ލިސްޓްގައިވާ ގޮތުން އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގާފައިވާ ވައްކަމާއި ހިޔާނާތުގެ މައްސަލަގައި ބައިވެރިވާ ކަމަށް ނުވަތަ މަންފާ ލިބުނު ކަމަށް ތުހުމަތު ކުރެވޭ ދައުލަތުގެ މަގާމެއް އަދާކޮށްފައިވާ ނުވަތަ އަދާކުރަމުންދާ 119 މީހެއްގެ ނަން ވަނީ ފާހަގަކޮށްފައެވެ. އެ ލިސްޓްގައި ޖުމްލަ ހިމެނެނީ 281 ފަރާތެއްގެ ނަމެވެ.
ނަމަވެސް އެ ލިސްޓްގައި ނަން އޮތް ކޮންމެ މީހަކީ ކުށްކޮށްފައިވާ މީހެއް ކަމަށް ނުބެލުމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ވަނީ އެދިފައެވެ. އެކަން އެ ކޮމިޝަނުން ހާމަކޮށްފައި ވަނީ ލިސްޓް އާންމުކޮށް ލިސްޓްގައިވާ މީހުންނަށް އާންމުންގެ ފާޑުކިޔުން ބޮޑުވެފައިވަނިކޮށެވެ.
އެ ލިސްޓްގައި ޣައްސާންގެ ނަން ހިމަނާފައިވާތީ އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއީ "ބުހުތާނު ދޮގު" ކަމަށެވެ. އަދި އެއީ ތަހުގީގެއް ނުކޮށް ހެއްކަކަށް ބެލުމެއްނެތި ހަދާފައިވާ ލިސްޓެއް ކަމަށެވެ.
"ތަހުގީގެއް ނުކޮށް ހެއްކަށް ބެލުމެއްނެތި ލިސްޓެއް ހަދާ އަބުރު ކަތިލެވިދާނެ މިއަދު. ހަމަބުނާ ބުނުމަކަށް ނަންޖަހާ ބޮޑެތި ބަދުނާމު އެޅުވުމަކީ އިންސާފުތޯ؟ އެވެސް ތިމާ ހިތްރުހޭ މީހާގެ ނަން އުނިކޮށްފައި،" ލިސްޓުން އެމްޑީޕީގެ ބައެއް ބޭފުޅުންގެ ނަން އުނިކޮށްފައިވާ ކަމަށް ކުރެވޭ ތުހުމަތުތަކަށް އިޝާރާތް ކުރައްވާ ޣައްސާން ވިދާޅުވިއެވެ.
ޣައްސާންގެ ޓްވީޓްގައި ވަނީ މިހާރުން މިހާރަށް ރައީސް ޔާމީން މިނިވަން ކުރެއްވުމަށްވެސް ގޮވާލައްވާފައެވެ. ޣައްސާން ސިފަކުރެއްވި ގޮތުގައި ހިޔާނާތުގެ ލިސްޓްގައި އޭނާގެ ނަން ހިމަނާ އަބުރު ކަތިލީ ރައީސް ޔާމީނާއެކު ކުރައްވާ މަސައްކަތް ހުއްޓުވާ ބިރު ދެއްކުމުގެ ގޮތުންނެވެ.
"އެމަނިކުފާނު [ރައީސް ޔާމީން] ފަހަތްޕުޅުގައި މި ކުރާ މަސައްކަތް ތިހެން ބިރުދައްކައިގެން އިންޝާﷲ ނުހުއްޓުވޭނެ،" ޣައްސާން ވިދާޅުވިއެވެ.
ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ބުނެ އާންމުކޮށްފައިވާ ލިސްޓްގައި ހިމެނޭ ވަރަށް ގިނަ ބޭފުޅުން ގެންދަވަނީ އެ ތުހުމަތުތައް ދޮގު ކުރައްވާ ސްޓޭޓްމަންޓްތައް ނެރުއްވަމުންނެވެ.