އިމާރާތެއް ކުރުމުގެ އަގު ނުދައްކާ ކަމަށް ބުނެ ރަޝީދު ކޮންސްޓްރަކްޝަން އެންޑް ކާޕެންޓްރީ (އާރްސީސީ) އިން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ހަތަރު ބޭފުޅުންގެ މައްޗަށް ސާބިތުވެފައި އޮތް ދަރަނި އެ ބޭފުޅުން ދައްކަވައިފި އެވެ. އާރްސީސީއަކީ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ އާއިލީ މަސްލަހަތު އޮންނަ ކުންފުންޏެކެވެ.
ރައީސް މައުމޫންގެ އަރިސް ބޭފުޅަކު ވިދާޅުވި ގޮތުން މިއަދުގެ ވަގުތެއްގައި ދަރަނީގެ ފައިސާ ކޯޓަށް ދައްކާ ވަނީ ހަލާސްކޮށްފަ އެވެ. އެ މައްސަލާގައި އެ ހަތަރު ބޭފުޅުން ދައްކަން ޖެހޭ ކަމަށް ސިވިލް ކޯޓުން 2017 ވަނަ އަހަރުގެ ތެރޭގައި ހުކުމްކުރީ 2.1 މިލިއަން ރުފިޔާ އެވެ.
އެ ފައިސާ މިއަދާ ހަމައަށް ނުދައްކާ އޮތީ، އެ ދަރަންޏަށް ޒިންމާވާން ޖެހޭ ކަމަށް ގަބޫލުނުކުރާ ކަމަށް ބުނެ ފާރިސް މައުމޫނާއި ދުންޔާ މައުމޫނާއި ޔުމްނާ މައުމޫން އަދި ޣައްސާން މައުމޫން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާތީ އެވެ. ނަމަވެސް މިދިޔަ ހަފުތާގެ ތެރޭގައި އެ ހަތަރު ބޭފުޅުން ހައިކޯޓަށް ހުށަހެޅި މައްސަލަ ވަނީ ބޭރުކޮށްލާފަ އެވެ.
އެ މައްސަލަ ބޭރުކޮށްލީ، ޣައްސާންގެ ފަރާތުން އެ މައްސަލާގެ ޝަރީއަތުގެ އަޑުއެހުމަށް ހާޒިރުވާން ޖެހޭ ފަރާތުން ހާޒިރުވެފައިނުވާތީ އެވެ.
ޣައްސާން އަދި ފާރިސް އަންނަ ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލައްވާއިރު، އެ ދަރަނި އޮތުމުން އެ ދެ ބޭފުޅުންގެ ޝަރުތަކާ ގުޅޭ ގޮތުން ދިޔައީ ބައެއް މީހުން ސުވާލު އުފައްދަމުންނެވެ. ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާނަމަ، މަޖިލިސް މެންބަރު ކަމަށް ވާދަ ނުކުރެވޭނެ އެވެ.
ސަރުކާރުގެ މިނިސްޓަރެއްގެ މަގާމުގައި ހުންނެވި ޔުމްނާ މައުމޫން އެންމެފަހުން ހާމަކުރެއްވި އެކަމަނާގެ މާލީ ބަޔާނުގައި ވެސް އެ ދަރަނި ފާހަގަކޮށްފައިވެ އެވެ.
ހަތަރު ބޭފުޅުންގެ ނަމުގައި ޗާންދަނީ މަގުގައި އޮންނަ ބިމެއްގައި އިމާރާތްކުރި އިމާރާތަށްވާ ފައިސާ ދެއްކުމަށް އެ ބޭފުޅުން އިންކާރު ކުރެއްވީ އިމާރާތް ހަދާފައިވާ ފެންވަރު ރަނގަޅު ނޫން ކަމަށް ވާތީ އެވެ. އަދި އެ އިމާރާތުގައި ގިނަ މަސައްކަތްތަކެއް ނުނިމި ހުރި ކަމަށް ވެސް އެބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.
ނަމަވެސް ސިވިލް ކޯޓުގެ ހުކުމުގައި ބުނީ، އެ އިމާރާތް ނިންމައި އިމާރާތާ ހަވާލުވެ އާރްސީސީއަށް ލިޔުން ވެސް ދީފައިވާ ކަމަށެވެ. އިމާރާތުގެ މަސައްކަތްތައް ކުރިއަށް ދިޔައިރު ހަތަރު ބޭފުޅުންގެ ފަރާތުން އެތަން މޮނީޓާކޮށްފައިވާކަން ވެސް އެނގެން އެބަ އޮތް ކަމަށް ހުކުމްގައިވެ އެވެ. އެހެންވެ، ފައިސާ ނުލިބިގެން އާރްސީސީއިން ދައުވާކުރުމުން މިހާރު ތަނުގެ ހާލަތާމެދު ސުވާލު އުފެއްދުމަކީ އެ ފައިސާ ނުދީ ހިފަހައްޓަން އޮތް އުޒުރެއް ނޫން ކަމަށް ހުކުމްގައިވެ އެވެ.