ހަބަރު

މަސީހު އިސްތިއުފާ ދެއްވުމަކީ ޑިމޮކްރަސީގެ ރީތި މިސާލެއް: މޫސަ

މަޖިލީިހުގެ ރައީސްކަމުން އަބުދުﷲ މަސީހު އިސްތިއުފާދެއްވައި ދެއްކެވީ ޑިމޮކްރަސީގެ ރީތި މިސާލެއް ކަމަށް މަޖިލީހުގެ ނައިބް ރައީސް ރީކޯ މޫސަ މަނިކު ވިދާޅުވެއްޖެ އެވެ.

މިއަދު މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޫސަ ވިދާޅުވީ، މަޖިލީހުގެ ރައީސްގެ މަގާމުގައި މަސީހު ކުރެއްވި މަސައްކަތަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި މަޖިލީހުގެ މެންބަރުންގެ ފަރާތުންވެސް ޝުކުރު އަދާކުރާ ކަމަށްވެސް މޫސަ
ވިދާޅުވި އެވެ.

"މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަކީ މާ ފަސޭހަ ކަމެއް ނޫން، ޑިމޮކްރަސީއެއްގައި ތަފާތު ޕާޓީތަކުގެ ތެރޭގައި މަސައްކަތް ކުރަމުންދާ އިރެއްގައި ދުވަހަކުވެސް އެއްގަލަކަށް ނޭރުވެ، ވަރަށް ބުރަ މަސައްކަތް ކޮށްގެން އެއްގަލަށް އެރުވެެނީ، އަމިއްލަ ޕާޓީގެ ފަރާތުންވެސް އަންނާނެ ގޮންޖެހުން، އަދި އިދިކޮޅު ޕާޓީގެ ފަރާތުންވެސް އަންނާނެ ގޮންޖެހުން، އެއީ ޑިމޮކްރަސީއޭ އަޅުގަނޑުމެން މިކިޔާ އެއްޗަކީ، އެހެން ނަމަވެސް އަޅުގަނޑުމެން ދެކުނު ގޮތުގައި ޑިމޮކްރަސީގެ ވަރަށް ރީތި މިސާލެއް މިރޭ ފެނިގެން ދިޔައީ، ގިނަ އަދަދެއްގެ މެންބަރުން ސޮއި ކުރައްވާ މަޖިލީހަށް މައްސަލަ ހުށަހެޅުއްވީމަ ކުރީގެ ރައީސް އަބުދުﷲ މަސީހު އިސްތިއުފާ ދެއްވި ދެއްވުމަކީ އަޅުގަނޑު ދަންނަވާނީ ޑިމޮކްރަސީގެ ރީތި މިސާލެއް،" މޫސަ ވިދާޅުވި އެވެ.

މަސީހު އިސްތިއުފާ މި ދެއްވީ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މިރޭ 9:15 ގައި ބާއްވާ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވަނިކޮށެވެ.

މިރޭ ކުރިޔަށް ގެންދަން ނިންމީ މަސީހުގެ އިތުބާރު ނެތް ކަމަށް މިދިޔަ އަހަރު ޖުލައި މަހުގެ ތެރޭގައި 43 މެންބަރުން ހުށަހެޅި މައްސަލަ އެވެ. އެއީ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި 12 މެންބަރުންގެ ސޮޔާއެކު މަޖިލީހަށް ފުރަތަމަ ވެއްދި
މައްސަލަ އެވެ.

މަސީހު ވަކި ކުރުމަށް ޕީޕީއެމްގެ ގިނަ މެންބަރުން ހިމެނޭ ގޮތަށް 51 މެންބަރުންގެ ސޮޔާއެކު ވެސް ގަރާރެއް ހުށަހެޅި އެވެ. މިދިޔަ އަހަރުގެ ތެރޭގައި ވެސް ދެ ފަހަރަކަށް މަސީހު މަގާމުން ދުރު ކުރުމަށް މަޖިލީހަށް މައްސަލައެއް ވެއްދި އެވެ. ނަމަވެސް ކޮންމެ ފަހަރަކު ވެސް ގަވައިދަށް ބަދަލު ގެނެސްގެން ވަނީ މަަސީހުގެ ގޮނޑި ސަލާމަތްކޮށްފަ އެވެ.

މަސީހު އިސްތިއުފާ ދެއްވާފައިވާއިރު، މިރޭ ވަނީ މަޖިލީހުގެ ރައީސަކު ހޮވުމަށް އެޖެންޑާ ކޮށްފަ އެވެ. އެގޮތުން އިދިކޮޅު ޕީޖީ ގުރޫޕުން ވަނީ މަޖިލީހުގެ ރައީސް ކަމަށް މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ގެންނަން އެއްބަސްވެފަ އެވެ. ފޮނަދޫ ދާއިރާގެ މެންބަރު އަބްދުލްރަހީމް އަބްދުﷲ ވެސް ވަނީ ރައީސް ކަމަށް ޝައުގުވެރިވެފަ އެވެ.