ރީކޯ މޫސާ މަނިކު

މާވަށު ދާއިރާއަށް ރީކޯ މޫސަ ވާދަކުރައްވަނީ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ލ. މާވަށު ދާއިރާއަށް ވާދަކުރައްވާނެކަން ރީކޯ މޫސާ މަނިކު އިއުލާނު ކުރައްވައިފި އެވެ.

މޫސަ މީގެ ކުރިން ވަނީ ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ ހާއްސަ މަޖިލީހުގައި ލ. އަތޮޅުގެ މެންބަރުކަން ކުރައްވާފަ އެވެ.

އޭނާ އެންމެ ފަހުން ހުންނެވީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހުޅުހެންވޭރު ދާއިރާގެ މެންބަރެއްގެ ގޮތުގަ އެވެ. އެ މަޖިލީހުގައި ނައިބު ރައީސްކަންވެސް ކުރެއްވި އެވެ.

މޫސަ މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މާވަށު ދާއިރާއަށް ވާދަކުރެއްވުމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާނެކަން ހާމަކުރައްވާފަ އެވެ.

އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު އަލުން އެޕާޓީއާ ގުޅިވަޑައިގަތީ ނޮވެމްބަރު އަށެއް، 2022 ގަ އެވެ.

މޫސަ ވާދަކުރައްވާ މާވަށު ދާއިރާއާ އެންމެ ކައިރީގައި އޮންނަނީ މޫސަގެ ރަހާ ރިސޯޓެވެ.