ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ޖުމްލަ ވޯޓުގެ 30 ޕަސެންޓަށް ވުރެ މަތިން ލިބޭ ކެންޑިޑޭޓަކީ ކާމިޔާބު ހޯދި ކެންޑިޑޭޓުގެ ގޮތުގައި ކަނޑައެޅުމަށް ގާނޫނުއަސާސީ އިސްލާހު ކުރުމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ކޮންގްރެސް އަށް ހުށަހެޅުއްވުމަށް ނިންމަވާފައިވާ އިސްލާހަށް އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާއީލް (އިބްރާ) ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެ އެވެ.
އަވަސްއާ މިއަދު ވާހަކަ ދައްކަވަމުން އިބްރާ ވިދާޅުވީ ރައްޔިތުން، ރައީސް ނަޝީދަށް ދޭން ބޭނުން ނުވާ އެއްޗެއް ނުލިބޭނެ ކަމަށާއި އެހެންކަމުން ރައްޔިތުން ނޭވާލައިގެން ހަަމަޖެހިގެން ދިރިއުޅެން ރައީސް ނަޝީދު ފުރުސަތު ދެއްވަން އެބަޖެހޭ ކަމަށެވެ. ގާނޫނުއަސާސީ އަކީ އެމްޑީޕީގެ އަސާސީ ގަވައިދު ކަމަށް ނުވާތީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ތަނަކަށް އެއްވެ ގާނޫނުއަސާސީއާ ބަދަލު ކޮށްލަން ބޭނުންވާ ކޮންމެ ފަހަރަކު އެ ފުރުސަތު ދީގެން ނުވާނެ ކަމުގައި ވެސް ވިދާޅުވި އެވެ.
"ރައީސް ނަޝީދުގެ ސިޔާސީ މަންފާއަށް އެ އުޅުއްވަނީ ގައުމުގެ މުޅި ނިޒާމާ ކުޅެން. އެ ހައްގެއް ރައީސް ނަޝީދަކަށް ނޯންނާނެ. އެމްޑީޕީގެ ގައުމީ މަޖިލިސް އެއްކޮށްގެން އެކަން ކުރެވިގެން ވެސް ނުވާނެ،" އިބްރާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ވެސް 30 އަހަރު ފަހުން ވެރިކަން ދޫކޮށްލަން ޖެހިވަޑައިގަތީ ރައްޔިތުންގެ ތާއީދު ލިބިވަޑައިނުގަތުމުން ކަމަށެވެ. ރައީސް ނަޝީދު ވެސް މިއަދު އެ ހުންނެވީ އެ ހާލަތުގައި ކަމަށާއި އެ ހަގީގަތް ރައީސް ނަޝީދު މިއަދު ގަބޫލު ކުރައްވަންޖެހޭ ކަމުގައި ވެސް ވިދާޅުވި އެވެ.
އިބްރާ އަކީ ހާއްސަ މަޖިލީހުގެ މާލޭގެ މެންބަރުގެ ހައިސިއްޔަތުން މިހާރުގެ ގާނޫނުއަސާސީ އެކުލަވާލުމަށް ނެގުނު ޑްރާފްޓިން ކޮމިޓީގެ މުގައްރިރެވެ.
މިހާރުގެ ގާނޫނު އަސާސީ އަކީ ފުޅާ ދާއިރާއެއްގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދައިގެން އަދި ކަމާ ގުޅޭ ދުނިޔޭގެ އެންމެ ވަރުގަދަ ތަޖުރިބާކާރުންގެ ފަންނީ ލަފާ ހޯދައިގެން އެކުލަވާލާފައިވާ ގާނޫނުއަސާސީ އެކެވެ. ގާނޫނުއަސާސީގެ ޑްރާފްޓް އެކުލަވާލުމަށް ޑްރާފްޓިން ކޮމިޓީން އެ ދުވަސްވަރު 283 ބައްދަލުވުން ބާއްވާފައިވެ އެވެ. ދުނިޔޭގެ އެކި ގައުމުތަކުގެ 20 ގާނޫނުއަސާސީ ދިރާސާ ކޮށްފައިވެ އެވެ.
އިބްރާ ވިދާޅުވީ 113 މެންބަރުން ހިމެނުނު ހާއްސަ މަޖިލީހުން އެތައް އަހަރެއްގެ މަސައްކަތަކަށް ފަހު އެކުލަވާލި ގާނޫނުއަސާސީ އިސްލާހު ކުރާނަމަ އެކަން ކުރަންވާނީ އިސްލާހު ކުރަންވީ މާއްދާތައް ރައްޔިތުންނަށް ރަނގަޅަށް އޮޅުންފިލުވައިދީ އަދި ހުށަހަޅާ އިސްލާހުތަކާ މެދު ރައްޔިތުންނާއި މަދަނީ ޖަމިއްޔާތަކާއި ފަންނީ ބޭފުޅުން ދެކޭ ގޮތް ބެލުމަށް އެކަށީގެންވާ ވަގުތު ދިނުމަށްފަހު ކަމަށެވެ.
"އެ ނޫން ގޮތަކަށް އެކަން ކޮށްގެން ނުކުންނާނެ މައްސަލަތައް ވަރަށް ގިނަ ވާނެ. ގައުމުތަކުގައި ގާނޫނުއަސާސީ އަށް ބަދަލެއް ގެންނަނަމަ އަށް މަސް ނުވަ މަސް އެބަ ހޭދަކުރޭ ހަމައެކަނި ޕަބްލިކް ކޮންސާން އޮތް ގޮތެއް ބެލުމަށް،" އިބްރާ ވިދާޅުވި އެވެ.
ގާނޫނުއަސާސީގައިވާ ގޮތުން ރައީސުލްޖުމްހޫރިއްޔާ އަކީ ސަރުކާރުގެ އެންމެ އިސްވެރިޔާގެ އިތުރުން ދައުލަތުގެ ވެސް އެންމެ މަތީ ވެރިޔާ އެވެ. އެކަމަށް އިޝާރާތް ކުރައްވާ އިބްރާ ވިދާޅުވީ ރައްޔިތުންގެ މައްޗަށް ވެރިކަން ކުރަން ހުންނަންވާނީ ރައްޔިތުންގެ މެޖޯރިޓީ ވޯޓުން އިންތިހާބުވެފައި ހުންނަވާ ބޭފުޅެއް ކަމަށެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރެއިން ޖުމްލަ ވޯޓުގެ 30 ޕަސެންޓަށް ވުރެ މަތިން ވޯޓު ލިބޭ ކެންޑިޑޭޓަކީ ކާމިޔާބު ހޯދި ކެންޑިޑޭޓުގެ ގޮތުގައި ކަނޑައެޅުމުން އެ ބޭފުޅަކީ ރައްޔިތުންގެ މެޖޯރިޓީ ވޯޓުން އިންތިހާބުވި ބޭފުޅަކަށް ވާނެތޯ ވެސް އިބްރާ ވަނީ ސުވާލު އުފައްދަވާފަ އެވެ.
ކޯލިޝަނެއްގެ ތެރެއިން ވެރިކަން ކުރަން ބޭނުން ނުވާ ނަމަ އެކަން ކުރެވޭނެ ގޮތް ރައީސް ނަޝީދަށް އެނގިވަޑައިގަންނަވާނެ ކަމަށާއި އެގޮތް އެމްޑީޕީގެ ފުރަތަމަ ރައީސް އިންތިހާބު ކުރިއިރު އެ ޕާޓީން ބޭނުންކުރި ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑު މިދަންނަވަނީ ޕްރިފަރެންޝަލް ވޯޓިން ސިސްޓަމަށް ދާ ވާހަކަ. މިއީ އެމްޑީޕީ ތަޖުރިބާ ކުރި ކަމެއް. އޮސްޓްރޭލިއާ ފަދަ ގައުމުތަކުގައި ވެސް ކާމިޔާބު ކަމާއެކު ބޭނުންކުރާ ސިސްޓަމެއް. ރައީސް ނަޝީދަށް ފެނިވަޑައިގަންނަވަނީ ހަމައެކަނި އިނގިރޭސިވިލާތް. އިނގިރޭސިވިލާތުގައި އަމަލުކުރާ ކޮންމެ ގޮތެއް ރައީސް ނަޝީދު ބޭނުންފުޅު ވިޔަސް މިތާކަށް ނުގެނެވޭނެ. އިނގިރޭސިވިލާތަކީ ގާނޫނުއަސާސީއެއް ވެސް އޮތް ތަނެއް ނޫން،" އިބްރާ ވިދާޅުވި އެވެ.
ގާނޫނުއަސާސީގެ 111 ވަނަ މާއްދާގެ (ހ) ގެ ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް މީހަކު އިންތިހާބު ވާނީ ވޯޓު ދިން މީހުންގެ 50 އިންސައްތަ އަށް ވުރެ ގިނަ ވޯޓު އެމީހަކަށް ލިބިގެން ކަމަށެވެ. މި މާއްދާ އަށް ބަދަލު ގެނައުމަށް ރައީސް ނަޝީދު ކުރައްވާ މަސައްކަތަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ގާނޫނުއަސާސީ އެކުލަވާލީ ހާއްސަ މަޖިލީހުގައި ލ. އަތޮޅު ތަމްސީލް ކުރެއްވި ރީކޯ މޫސާ މަނިކު ވެސް ވަނީ ފާޑު ވިދާޅުވެފަ އެވެ.
މޫސާ ވިދާޅުވީ ވަކި ޕާޓީއެއް ވެރިކަމުގައި ދެމިއޮތުމަށްޓަކައި ގާނޫނުއަސާސީއަށް ބަދަލު ގެނައުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. އެމްޑީޕީން ފުރަތަމަވެސް ވަކާލާތުކުރީ ވޯޓުން ކަންކަން ނިންމައިގެން ރައްޔިތުންގެ ތެރެއިން އެންމެން ބައިވެރިވެގެން އުފައްދާ ވެރިކަމެއް އޮންނަން ކަމަށް މޫސަ ވިދާޅުވި އެވެ. ގާނޫނުއަސާސީގައި މިހާރު ލިޔެފައި އޮތީވެސް އެމްޑީޕީން ބޭނުންވާ ގޮތަށް ކަމަށްވެސް ވިދާޅުވި އެވެ.
"ރިޔާސީ އިންތިހާބެއްގައި ވާދަކުރެވޭނެ ކެންޑިޑޭޓަކު ނެރެވޭނީ ވޯޓުލެވޭ އާބާދީގެ 50 ޕަސަންޓަށް ވުރެ އިތުރަށް ޕާޓީ ދަފްތަރުގައި އިލެކްޝަންސް ކޮމިޝަންގައި ރަޖިސްޓްރީވެފައިވާ ޕާޓީތަކަށް އެކަނި ކަމަށާ އެފަދަ ޕާޓީއެއް ނެތްނަމަ ޕާޓީތަކުން ކުރިމަތި ނުލެވޭނެކަމަށް ގާނޫނުއަސާސީ ބަދަލުކުރީމަ ކިހިނެއްވާނެތޯ؟" ރައީސް ނަޝީދު ހުށަހަޅުއްވަން އުޅުއްވާ އިސްލާހާ މެދު ސުވާލު އުފައްދަވަމުން މޫސަ ވިދާޅުވި އެވެ.
ރައީސް ނަޝީދުގެ ހުށަހެޅުއްވުމާ ގުޅިގެން އިދިކޮޅު ފަރާތްތަކާއި ބައެއް އާންމުން ގެންދަނީ ސޯޝަލް މީޑިއާގައި ރައީސް ނަޝީދަށާއި އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.