ހަބަރު

މަސްއޫލިއްޔަތު އަދާކުރުމުގައި ކުރިއަށް ނެރޭނީ ވަފާތެރިކަން: ގާސިމް

ރައްޔިތުން މަޖިލީހުގެ ރައީސްގެ މަގާމު ވަފާތެރިކަމާއެކު އަދާކުރައްވާނެ ކަމަށް މިރޭ މަޖިލީހުގެ ރައީސް ކަމަށް އިންތިހާބުވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މަޖިލީހުން ނިކުމެވަޑައިގެން ނޫސްވެރިންްނާއި ބައްދަލުކުރައްވައި ގާސިމް ވިދާޅުވީ، މަޖިލީހުގެ މެންބަރުން އޭނާއާ ހަވާލު ކުރެއްވީ ވަރަށް ބޮޑު މަސްއޫލިއްުޔަތެއް ކަމަށާއި އެމަސްއޫލިއްޔަތު އަދާކުރުމުގައި ވަފާތެރިކަމާއި އަމާނާތްތެރިކަމާއެކު ދެމިހުންނާނެ ކަމަށެވެ.

"ދިވެހި ރާއްޖެގެ ގާނޫނު އަސާސީއާ ގައުމުގެ ރައްޔިތުންނަށް މަންފާއާ ފައިދާ ލިބެނިވި، އަދި ދިވެހި ދައުލަތަށް ސަރުކާރަށް ވަފާތެރިކަމާއި އިހްލާސްތެރިކަމާއެކު އަދި ދިވެހިރާއްޖޭގެ އެންމެހާ ރައްޔިތުން ބޭނުންވެފައިވާ ޑިމޮކްރެޓިކް ހަޔާތެއް ގެނެސްދިނުމުގައި، އަޅުގަނޑުމެންނަށް މި ވޭތުވެދިޔަ ތަނުގައި ފެނިގެން ދިޔަ ކަހަލަ ނާއުންމީދީ އެއްވެސް ކަމެއް ރައްޔިތުންނާއި ހަމައަށް ނާންނާނެ ގޮތަކަށް އަޅުގަނޑުމެން މަސައްކަތް ކުރާނީ،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ، މަޖިލީހުގެ ގަވާއިދާއި ގާނޫނު އަސާސީއަށް ފަހި ގޮތްތަކެއް ގެނެސްދީ ގާނޫނީއިމުގެ ތެރެއިން ބާއްޖަވެރި ދުވަސްތަކެއް ގެނެސްދޭނެ ކަމަށެވެ. ދިވެހި ރައްޔިތުންނަށް ހިތްހަމަ ޖެހުން ގެނެސްދޭނެ ދުވަސްތަކަކާއި ދިވެހި ސަރުކާރަށް އިތުރު ކުރިއެރުމާއި އިތުރު މަންފާ ލިބިގެންދާނެ ލުއިފަސޭހަ ގޮތެއްގައި މަސައްކަތް ކުރާނެ ކަމަށްވެސް ގާސިމް ވިދާޅުވި އެވެ.

"އަޅުގަނޑު މި މަގާމަށް ހޮއްވަވައިދިނުމަށް އަޅުގަނޑުމެންގެ ގުޅުފައިވާ ހަތަރު ލީޑަރުން އަޅުގަނޑަށް ދެއްވި ތާއީދަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން، އެގޮތުން ރައީސް މުހައްމަދު ނަޝީދާއި ރައީސް މައުމޫނާއި އަދި އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާން މި ބޭފުޅުންނަށް ވަރަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން، ވަކިން ހާއްސަކޮށް އަޅުގަނޑުމެންގެ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިސްލާހަށްޓަކައި އެމަނިކުފާނު ފެށުނީއްސުރެ ކުރަމުން ގެންދާ މަސައްކަތަށް ވަރަށްވެސް ބޮޑަށް ޝުކުރު ދަންނަވަން،" ނިހާން ވިދާޅުވި އެވެ.

މަޖިލީހުގައި މިރޭ ކުރިޔަށް ދިޔަ މަޖިލީހުގެ ރައީސް އަށް މެންބަރަކު ހޮވުމުގެ ޖަލްސާގައި އެމަގާމަށް ކުރިމަތިލެއްވީ ގާސިމްގެ އިތުރުން ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އެވެ. މަޖިލީހުގެ ރައީސްގެ މަގާމަށް ބޭފުޅަކު އައްޔަން ކުރުމަށް ނެގި ސިއްރު ވޯޓުން ގާސިމަށް ވަނީ 62 ވޯޓު ލިބިވަޑައިގެންފަ އެވެ. އަދުރޭއަށް ލިބިވަޑައިގަތީ 16 ވޯޓެވެ.

ގާސިމަކީ 2008 ވަނަ އަހަރު ގާނޫން އަސާސީ ހެދުމަށް އެކުލަވާލި ހާއްސަ މަޖިލީހުގެ ރައީސްކަން ވެސް ކުރެއްވި ބޭފުޅެކެވެ.

މަޖިލީހުގެ ރައީސްގެ މަގާމަށް ގާސިމްގެ ނަން މިރޭ ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެންބަރު އަދި އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫ އެވެ. އެ ނަމަށް ތާއިދު ކުރެއްވީ ކާށިދޫ ދާއިރާގެ މެންބަރު އަދި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމެވެ.