ރައީސުލްޖުމްހޫރިއްޔާ އާއި ނައިބު ނެތް ހާލަތެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ރައިސުލްޖުމްހޫރިއްޔާގެ މަގާމުން ވަގުތީ ގޮތުން އަދާ ކުރުން ލާޒިމެއް ނޫން ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ހުންނަ މީހަކީ ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ، އުމުރުން 30 އަހަރާއި 65 އަހަރާ ދެމެދުގެ މީހެއްކަމަށް ބުނެފައިވާ ޝަރުތު ފުރިހަމަވާންޖެހޭ ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާތީ، އެކަން އޮތްގޮތް ސާފުކޮށްދިނުމުގެ ގޮތުން މަޖިލީހުން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، މަޖިލީހުގެ މެމްބަރެއްގެ ގައިގައި ހުންނަން ޖެހޭ ޝަރުތުތަކާއި ރައީސުލް ޖުމްހޫރިއްޔާގެ ގައިގައި ހުންނަން ޖެހޭ ޝަރުތުތަށް ތަފާތު ކަމަށެވެ.
އެގޮތުން ގާނޫނު އަސާސީގެ 73 ވަނަ މާއްދާގައި، މަޖިލީހުގެ މެމްބަރެއްގެ ގައިގައި ހުންނަން ޖެހޭ ޝަރުތުތައް ބަޔާންކޮށްފައިވާއިރު، އެ މާއްދާގެ (ހ) ގެ ހަތަރު ވަނަ ނަންބަރުގެ ދަށުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ވެވޭނީ އުމުރުން 18 އަހަރު ފުރިފައިވާ މީހެއްކަން އެނގޭ ކަމަށާއި، ގާނޫނު އަސާސީގެ 82 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެންބަރަކަށް ވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސަށް ވެވިދާނެކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ.
އެ ބަޔާނުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ނުވަތަ ނައިބު ރައީސް ކަމަށް ކުރިމަތިލައި، އެ މަގާމަށް އިންތިހާބުވާ މީހެއްގެ އުމުރުގެ ވަކި އިތުރު ޝަރުތެއް ގާނޫނު އަސާސީގައި ކަނޑައަޅައިފައި ނެތްކަން ސާފުކޮށް އެނގެން އޮންނަ ކަމަށެވެ.
ގާނޫނުއަސާސީގެ 144 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުން ރައީސާއި ނައިބް ރައީސަށް، އެ މަގާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާ ނުކުރެވޭފަދަ ހާލަތެއް ވަގުތީ ގޮތުން މެދުވެރިވެއްޖެނަމަ، ރައީސް ނުވަތަ ނައިބު ރައީސަށް އެ މަސައްކަތާ އަލުން ހަވާލުވެވެންދެން، ވަގުތީ ގޮތުން އެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމަށް ހަވާލުވާނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އެވެ.
މަޖިލީހުގެ ރައީސްއަށް އެކަމާ ހަވާލުވެވެން ނެތްނަމަ، އެކަމާ ހަވާލުވާނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ކަމަށާއި، މަޖިލީހުގެ ނައިބު ރައީސަށް އެކަމާ ހަވާލުވެވެން ނެތްނަމަ، އެކަމާ ހަވާލުވާނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރަކުން ހޮވާ އެ މަޖިލީހުގެ މެންބަރެއް ކަމަށެވެ.
ގާނޫނު އަސާސީގެ 144 ވަނަ މާއްދާއަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގައި ހުންނަ މީހެއްގައި ހުންނަންޖެހޭ ޝަރުތަކީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގައި ހުންނަންޖެހޭ ކަމަށް ކަނޑައަޅާފައިވާ ޝަރުތުކަމާއި، އެއީ ރައީސަކަށް އިންތިހާބުކުރެވޭ މީހެއްގައި ހުންނަންޖެހޭ ޝަރުތު ނޫންކަން އެނގެން އޮންނަ ކަމަށް މަޖިލީހުން ބުންޏެވެ. އަދި ވަގުތީގޮތުން ނަމަވެސް، ގާނޫނުއަސާސީގެ 124 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމާ ހަވާލުވާ ފަރާތަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުގައިވުން ކޮންމެހެން ލާޒިމް ނޫންކަން އެ މާއްދާއިން ސާފުކޮށް އެނގޭ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.
"ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް އިންތިހާބުވާ ފަރާތެއްގެ އުމުރަކީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް އިންތިހާބުކުރެވޭ މީހެއްގައި ހުންނަންވާނެ ކަމަށް ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ އުމުރުކަމުގައި ވާންވާނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން އުފައްދާ ސުވާލަކީ، 7 އޮގަސްޓް 2008 އިން ފެށިގެން އަމަލުކުރަމުން އަންނަ ގާނޫނު އަސާސީގައި އޭރުވެސް އޮތް، ގާނޫނު އަސާސީ ދަންނަ، އަދި އެ ހާލަތަށް ގާނޫނު އަސާސީގެ 144 ވަނަ މާއްދާއިން ފަރުވާއެއް ދީފައިވާ ހާލަތެކެވެ." މަޖިލީހުގެ ބަޔާނުގައި ބުނެފައިވެ އެވެ.
މިފަހުން މަޖިލީހުގެ ރައީސް ކަމަށް އައްޔަންކުރެއްވި ގާސިމް އިބްރާހިމަކީ އުމުރުފުޅުން 65 އަހަރުފުރިފައިވާ ބޭފުޅެކެވެ. އެހެންވެ ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ޝުކޫރު ވަނީ ގާސިމަށް މަޖިލީހުގެ ރައީސްކަން ކުރެވިދާނެކާާމެދު ސުވާލު އުފައްދާފަ އެވެ.