ހަބަރު

މަޖިލީހުން ޖުމްހޫރީ ދުވަސް ކުލަ ގަދަކޮށް ފާހަގަ ކުރާނަން: މޫސަ

ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާއަށް 50 އަހަރު ފުރުން ކުލަ ގަދަކޮށް ރައްޔިތުންގެ މަޖިލީހުން ފާހަގަ ކުރާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޫސަ ވިދާޅުވީ، ބައެއް ނޫސްތަކުގައި ދައުލަތުން ޖުމްހޫރީ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރަން މަސައްކަތް ނުކުރާ ކަމަށް ބުނަމުންގެންދާ ކަަމަށާއި ނަމަވެސް ޖުމްހޫރިއްޔަތަށް 50 އަހަރު ފުރުމަކީ ވަރަށް ބޮޑު ކަމެއް ކަމަކަށްވާތީ އެކަން މަޖިލީހުން ފާހަގަ ކުރާނެ ކަމަށެވެ. މޫސަ ވިދާޅުވީ، މަޖިލީހަށް ބަޖެޓްގެ ތަނަވަސްކަން އޮތް ވަރަކުން އެކަން ކުލަގަދަކޮށް ފާހަގަ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

"ޖުމްހޫރިއްޔަތަކީ މުޅި ރާއްޖޭގެ ހުރިހާ ރައްޔިތުން، އުފައްދާ ސަރުކާރު އައިސްގެން އެމީހުންގެ ވެރިކަންކުރާ ކަމަކަށްވާތީ ހަމަ އެކަނި މަޖިލިސް، މީގަ ބައިވެރިވިއެއް ކަމަކު، މަޖިލިސް މީގެ އިސްނެގިއެއްކަމަކު، ސަރުކާރާއި ދައުލަތުގެ އެހެން މުއައްސަސާތަކަށްވެސް އަޅުގަނޑުމެން ގޮވާލަން، މީގެ ބޮޑުބައި މި ރައްދުވަނީ ރައްޔިތުން ނިންމާ ވޯޓަކުން ނިންމާ ވެރިކަމެއް އަންނަ ކަމެއް ކަމަށްވާތީ، މުޅި ހުރިހާ ރައްޔިތުންވެސް މި މުނާސަބު ފާހަގަ ކުރުމަކީ، މަޖިލީހުގެ ރައީސާއި މެމްބަރުންގެވެސް އެދުމެއް،" މޫސަ ވިދާޅުވި އެވެ.

މޫސަ އިތުރަށް ވިދާޅުވީ، ޖުމްހޫރިއްޔަތަކީ ދިވެހިންނަށް ލިބުނު ބޮޑު ނަސީބެއް ކަމަށެވެ.

މީގެ އިތުރުން އިންތިހާބީ ރައިސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ހުވާ ކުރުމުގެ ރަސްމިއްޔާތު ވަރަށް ކުލަ ގަދަކޮށް ބާއްވަން ނިންމާފައިވާ ކަމަށާއި، އިންތިހާބީ ރައީސްގެ އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި އެ ޖަލްސާއަށް 11 ވަރަކަށް ހާސް މީހުންނަށް ދައުވަތު ދޭނެ ކަމަށެވެ.

މީގެ އިތުރުން ކޮންމެ ސިޔާސީ ޕާޓީއަކަށްވެސް ވަކި ވަރަކަށް ދައުވަތު ކާޑު ދެއްވާނެ ކަމަށާއި، އެ ޕާޓީއަކުން ބޭނުންވާ ބަޔަކު އެ ރަސްމިއްޔާތުގައި ބައިވެރިކުރުމުގެ ފުރުސަތު ދޭނެ ކަމަށް މުސަ ވަނީ ވިދާޅުވެފަ އެވެ. އަދި، ރާއްޖެއިން ބޭރުގެ ގައުމު ތަކުގެ އިސް ވެރިންނާއި، ކުރީގެ ހުރިހާ ރައީސުންނާއި، ނައިބު ރައީސުންނާއި، ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި ބޭފުޅުންނަށް ވެސް އެ ރަސްމިއްޔާތަށް ދައުވަތު އަރުވާނެ ކަމަށް މޫސަ ވަނީ ވިދާޅުވެފަ އެވެ.